
ރާއްޖޭގައި އެއިޑްސް ބަލި ޖެހިފައިވާ މީހުންގެ ތެރެއިން އެންމެ ގިނައީ 15-24 އަހަރާ ދެމެދުގެ ޒުވާނުންކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
އެޗްޕީއޭ އިން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް އެ އުމުރުފުރާގެ 10 މީހަކަށް އެއިޑްސް ޖެހިފައިވެ އެވެ. އަދި 25-34 އަހަރާ ދެމެދުގެ ހަ މީހަކަށްވެސް މި ބަލި ޖެހިފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.
މިހާތަނަށް ރާއްޖޭގައި 43 މީހަކަށް އެއިޑްސް ޖެހިފައިވާ އިރު، އޭގެ ތެރެއިން 16 މީހަކު ވަނީ މަރުވެފަ އެވެ. މިވަގުތު 26 މީހަކު އެ ބައްޔަށް ފަރުވާ ހޯދަމުންދާ ކަމަށް އެޗްޕީއޭ އިން ބުނެފައިވެ އެވެ.
މިދިޔަ ތިން އަހަރުގެ ތެރޭގައި އިތުރު ހަ މީހަކަށް އެއިޑްސް ޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފައިވެ އެވެ. އެގޮތުން 2021 ވަނަ އަހަރު ދެ ފިރިހެނަކަށް އެއިޑްސް ޖެހުނު އިރު، 2022 ވަނަ އަހަރު އެކަކަށް އަދި މިދިޔަ އަހަރު ދެ ފިރިހެނަކާއި އަންހެނަކަށް އެއިޑްސް ޖެހިފައިވެ އެވެ.