ސީ-ޓު-އެއާ ކާގޯ ހިދުމަތް ދޭ އެއަރލައިންތަކުގެ އަދަދު އިތުރުވެއްޖެ އެވެ. އެންމެ ފަހުން މި ހިދުމަތާ ގުޅުނީ މެލޭޝިއާގެ ވޯލްޑް ކާގޯ އެއަރލައިންސް އެވެ.
ވޯލްޑް ކާގޯ އެއަރލައިންސްއިން މި ހިދުމަތް ފެށުމާ އެކު، ބަނގުލަދޭޝުން ރާއްޖެއަށް ކަނޑު މަގުން ގެނައި އަންނައުނު ޔޫރަޕުގެ އެކި
ގައުމުތަކަށް ވަނީ ފޮނުވާފަ އެވެ.
މި އަހަރުގެ މާޗު މަހު ތަޢާރަފުކުރި މި ހިދުމަތަކީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން ފޯރުކޮށްދޭ ހިދުމަތެކެވެ. މި ހިދުމަތުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއިން ފޮނުވީ މި އަހަރުގެ މޭ މަހު އެވެ.
އެމްޕީއެލްއިން ބުނީ މިހާތަނަށް 12 އެއަރލައިން މި ހިދުމަތާ ގުޅިފައިވާ ކަމަށާއި، މި ހިދުމަތުން ރާއްޖޭގެ އިގުތިސާދަށް ތިން މިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރު ވަދެފައިވާ ކަމަށެވެ.