ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން 2024 ވަނަ އަހަރުގެ ބަޖެޓް ދިރާސާކޮށް ނިންމުމަށް ވަނީ ނިންމައިފި އެވެ.
އިއްޔެ ބޭއްވި ބަޖެޓް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އާއި ނައިބު މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ ހޮވިފަ އެވެ.
ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ފުރިހަމަކުރުމަށް ކޮމިޓީން ވަނީ އެމްއެމްއޭގެ ގަވަރުނަރު އަދި އޮޑިޓަރ ޖެނެރަލްގެ ހުލާސާ ބަޔާނެއް ހޯދުމަށް ނިންމައިފަ އެވެ. މީގެ އިތުރުން މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ އޮފީސްތަކުގެ ބަޖެޓާ ގުޅޭ ތަފުސީލު ވެސް ހޯދުމަށް ވަނީ ނިންމައިފަ އެވެ.
ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރު ހަރަދު ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާ ފިޔަވަޅުތަކާ އެކު 6.6 ބިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
ބަޖެޓް ކޮމިޓީގެ މުގައްރިރު އަލީ ފަޒާދަކީ މިދިޔަ މަހު މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓް ދިރާސާކުރި ކޮމިޓީގެ މުގައްރިރުކަން ވެސް ކުރެއްވި މެންބަރެވެ.