މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އެވޯޑް ނައިޓްގައި ދިން އިނާމަކާ ގުޅިގެން ފަނޑިޔާރުން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފަ އެވެ. މި ބަޔާނުގައި އޯޑިއޯ/ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ނޫސްވެރިކަމުގެ އިނާމު “އަދަދު” އޮންލައިނަށް ދީފައިވަނީ އުސޫލުތަކާއި މަގުސަދުތަކާ ހިލާފަށް ކަމަށް ފަނޑިޔާރުން ބުނެފައިވެ އެވެ.
ފަނޑިޔާރުން ނެރުނު ބަޔާނުގައި ހަތް ކަމެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި އިނާމު ލިބުނު “ސްކީލާން” ޑޮކިއުމެންޓްރީއަކީ ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑުތަކާ ހިލާފަށް އާންމުކޮށްފައިވާ އެއްޗެއްކަން ހިމެނެ އެވެ. އަދި މި ޑޮކިއުމެންޓްރީ އެމްއެމްސީ އަށް ބަލައިގަނެ، ފަނޑިޔާރުންނާ ހަމައަށް ގެންދިޔައީ ބަލަންވާ ވަރަށް ނުބަލައި ކަމަށް ވެސް ފަނޑިޔާރުން ބުނެފައިވެ އެވެ.
ފަނޑިޔާރުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އެވޯޑަށް އިންސާފުކުރުމަށް ދީފައިވާ ރުބްރިކްގައި ތަހުގީގީ ނަޒަރަކުން އުފެއްދުމަށް އިންސާފު ކުރެވޭނެ ގޮތް ވަރަށް ބޮޑަށް ހަނިކޮށްފައިވެ އެވެ. އަދި ރުބްރިކްގެ 80 ޕަސަންޓު ފަރުމާކޮށްފައި އޮތީ ވީޑިއޯ އުފެއްދުމުގެ ޓެކްނިކަލް ކޮލިޓީތަކަށް މާކްސް ދޭން ޖެހޭ ގޮތަށް ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން، އެވޯޑަށް ހުށަހަޅާފައިވާ ހުރިހާ އުފެއްދުންތަކާއި އެވޯޑްސްގެ ޖުމުލަ އަދަދު ފަނޑިޔާރުންގެ ޕެނަލާ ހިއްސާ ނުކުރާ ކަމަށާއި، ކުރީގެ އަހަރުތަކާ ހިލާފަށް މި ފަހަރު ފަނޑިޔާރުންގެ ނިންމުންތައް އޮޑިޓް ފާމަކާ ހަވާލުކޮށްފައި ނުވާ ކަމަށް ވެސް ފަނޑިޔާރުން ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން އެމްއެމްސީން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެ އެވެ. ނަމަވެސް، މި މައްސަލައިގެ ސަބަބުން މީޑިއާ ދާއިރާގައި ބޮޑު ބަހުސެއް ފެށިފައިވާ ކަން ފާހަގަކުރެވެ އެވެ.