ކަސްޓަމްސްއިން ހިންގި އޮޕަރޭޝަނެއްގައި ކ. ތިލަފުށިން 1.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އަތުލައިގަތް ކަމަށް އެ އިދާރާއިން ބުނެފި އެވެ.
ކަސްޓަމްސްއިން ބުނީ މެންޗެސްޓާ ބްރޭންޑުގެ 8،475 ކާޓޫނުގެ ސިނގިރޭޓު އަތުލައިގަތީ ހުކުރު ދުވަހު ކަމަށެވެ. މިއީ ޖުމުލަ 84،000 ފޮށި ނުވަތަ 1.695 މިލިއަން ސިނގިރޭޓެވެ.
އަތުލައިގަތް ސިނގިރޭޓުތައް ރާއްޖެ އެތެރެކޮށްފައިވަނީ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ އެޖެންޓުކަމުގެ ދަށުން އެ ކުންފުނީގެ ބޯޓެއްގައި ކަމަށް ކަސްޓަމްސްއިން ހާމަކުރި އެވެ. އަދި ތިލަފުށްޓަށް އެ މުދާ އުފުލައި، ކުންފުނީގެ ގުދަނަކަށް ބޭލީ ވެސް ހޯކްސްގެ އުޅަނދެއްގައި ކަމަށް ބުންޏެވެ.
މި މައްސަލައިގެ އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށް ކަސްޓަމްސްއިން ބުނެފައިވާއިރު، މި މައްސަލަ ދިމާވެފައި މިވަނީ ސަރުކާރުން ނޮވެމްބަރު 1 އިން ފެށިގެން ސިނގިރޭޓުގެ ޓެކްސް ބޮޑުކުރަން ނިންމާފައިވަނިކޮށެވެ. އާ ގަވާއިދުގެ ދަށުން ސިނގިރޭޓުން ނަގާ ޓެކްސް ތިން ރުފިޔާއިން އަށް ރުފިޔާއަށް ބޮޑުކުރުމަށް ވަނީ ނިންމާފަ އެވެ.
ކަސްޓަމްސްއިން ބުނީ މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށެވެ.