ގައްޒާ ސްޓްރިޕްގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ހަމާސްގެ ލީޑަރު ޔަހްޔާ ސިންވަރު ޝަހީދުކޮށްލައިފިކަމަށް އިސްރާއީލުގެ ސިފައިން ބުނެފިއެވެ.
ނަމަވެސް މިކަމާ ގުޅޭގޮތުން ހަމާސްއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ސިންވަރަކީ ހަމާސްގެ ކުރީގެ ލީޑަރު އިސްމާއީލް ހަނިއްޔާގެ ފަހުން އެ މަގާމަށް އައި މީހާއެވެ. ހަނިއްޔާ ވަނީ މިދިޔަ ޖުލައި މަހު އިސްރާއީލުގެ ހަމަލާއަކުން މަރުވެފައެވެ.
މިލިޓަރީ އަދި ޕޮލިޓިކަލް އެނަލިސްޓެއް ކަމަށްވާ އެލިޖާ މެގްނިއަރ ބުނާ ގޮތުގައި ސިންވަރު މަރާލެވުނު ކަމަށް ބުނާ ބުނުމަކީ އިންޓެލިޖެންސް އޮޕަރޭޝަނަކުން ނުވަތަ ޓާގެޓް ކޮށްގެން ކުރި ކަމެއް ނޫނެވެ. އޭނާ ބުނާ ގޮތުގައި މިއީ ރަފާގައި ތިބި ތިން މިލިޓަންޓުންނާއި އިސްރާއީލުގެ ސިފައިންނާ ދެމެދު ހިނގި ހަނގުރާމައެއްގެ ތެރޭގައި ހިނގި ކަމެކެވެ.
މި ހާދިސާއާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އާއި އެމެރިކާގެ ވައިސް ޕްރެސިޑެންޓް ކަމަލާ ހެރިސް ވަނީ އެ ދެ ގައުމުގެ އިންޓެލިޖެންސް އެއްބާރުލުމުގެ ވާހަކަ ދައްކާފައެވެ. ނަމަވެސް މެގްނިއަރ ބުނާ ގޮތުގައި މިއީ ހަގީގަތާ ހިލާފު ވާހަކަތަކެކެވެ.
މި ހާދިސާ ހިނގި ދުވަހު ގައްޒާގެ މަޣާޒީ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާއެއްގައި މަދުވެގެން 10 ފަލަސްތީނު މީހުން މަރުވިއެވެ. އަދި އޭގެ ކުރިން ޖަބާލިއާގައި ހުރި އދ. ގެ ހިޔާވަހިކަމަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި 28 މީހުން މަރުވިއެވެ. މީގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.