މާލޭގެ އިމާރާތަކުން ވެއްޓި މަރުވި ވިފާގު އިބްރާހިމް އަދުނާނަށް ޖިންސީ ގޯނާއެއް ލިބިފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ. މި މައުލޫމާތު ހާމަކުރީ ފުލުހުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ވިފާގަކީ 2016 އިން ފެށިގެން ނަފްސާނީ ބަލި ތަހައްމަލުކުރަމުން ދިޔަ އަންހެނެއް ކަމަށެވެ. އަދި އޭނާ މީގެ ކުރިން ވެސް އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ވިފާގުގެ މަރާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ދެމުން، ޝިފާއު ވިދާޅުވީ ވިފާގު އެއް ފަހަރު ހިތްހަމަ ނުޖެހިގެން ގެއިން ނުކުމެގެން ދިޔަ ކަމަށެވެ. އެއީ ވިފާގުގެ އަޑުގަދަކޮށް ބާރަށް ވާހަކަ ދެއްކުމުން އޭނާގެ ދޮން ބައްޕަ އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް ވިފާގަށް ބުނި އެއްޗަކާ ގުޅިގެން ކަމަށް ފުލުހުން ބުނެފި އެވެ. ނަމަވެސް، އަނެއް ދުވަހު ވިފާގު އެ ކުރެވުނު ކަންތަކަށް މަންމަ އާއި ދޮންބައްޕަގެ ކިބައިން މާފަށް އެދިފައިވާ ކަމަށް ޝިފާއު ވިދާޅުވި އެވެ.
ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި، އަދި މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައި ވިފާގަށް ޖިންސީ ގޯނާއެއް ލިބިފައިވާ ކަމަށް ދައްކާ އެއްވެސް ހެއްކެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ. މި މައްސަލައިގައި އިތުރު ތަހުގީގުތައް ކުރިއަށްދާ ކަމަށާއި، އިތުރު މައުލޫމާތު ލިބުމުން އާންމުންނާ ހިއްސާ ކުރާނެ ކަމަށް ވެސް ފުލުހުން ބުނެފި އެވެ.