އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދިވެހިރާއްޖޭގެ ޞިއްޙީ ވެލްފެއަރ ނިޒާމުގައި ހުރި ކޮރަޕްޝަނުގެ ހިރާސްތައް ދެނެގަތުމަށް ފުޅާ ދާއިރާއެއްގައި ދިރާސާއެއް ކުރުމަށްފަހު، އެ ނިޒާމު ހަރުދަނާކުރުމަށް 20 ހުށަހެޅުމެއް ހުށަހަޅައިފިއެވެ.
2011 އިން 2023 އަށް އެއްކުރެވުނު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކުރެވުނު މި ދިރާސާގައި، ޞިއްޙީ ވެލްފެއަރ ނިޒާމުގައި ހުރި އެކި ބާވަތުގެ މައްސަލަތައް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ޤާނޫނީ އޮނިގަނޑުގެ ބަލިކަށިކަމާއި، ޚިދުމަތް ލިބުނުކަން ކަށަވަރުކުރެވޭނެ ނިޒާމެއް ނެތުމާއި، އައު ޚިދުމަތްތަކާއި ބޭސް ރަޖިސްޓަރީކުރުމުގައި ހާމަކަން ކުޑަވުން ހިމެނެއެވެ.
އޭސީސީން ހުށަހަޅާފައިވާ ހުށަހެޅުންތަކުގެ ތެރޭގައި، އާސަންދަ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި ދުރުރާސްތާ ޕްލޭނެއް އެކުލަވާލުމާއި، ބޭހާއި ޚިދުމަތްތަކުގެ އަގު ކަނޑައެޅުމަށް ޤައުމީ މިންގަނޑުތަކެއް އެކުލަވާލުން ހިމެނެއެވެ. އަދި ޑޮކްޓަރުންނަށް ދެއްކުމަށް ރިފަރަލް ނިޒާމެއް ޤާއިމުކުރުމާއި، ސަރުކާރު ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ ޑޮކްޓަރުން އަމިއްލަ ތަންތަނުގައި މަސައްކަތްކުރުމާ ގުޅޭ ގަވާއިދެއް އެކުލަވާލުމަށްވެސް ހުށަހަޅާފައިވެއެވެ.
މީގެއިތުރުން، އާސަންދައިން ފައިސާ ދޫކުރުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، އެންސްޕާއިން އެހީ ދިނުމުގައި ހަމަހަމަކަން ގެނައުމަށް އަޅަންޖެހޭ ފިޔަވަޅުތަކެއްވެސް އޭސީސީން ފާހަގަކޮށްފައިވެއެވެ. އަދި މުޅި ޞިއްޙީ ވެލްފެއަރ ނިޒާމު މޮނިޓަރކޮށް ޖަވާބުދާރީކުރުވާނެ ވަކި ފަރާތެއް ކަނޑައެޅުމަށްވެސް ހުށަހަޅާފައިވެއެވެ.
އޭސީސީން މި ދިރާސާ ރިޕޯޓު އާންމުކޮށްފައިވަނީ އެކަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދެވެ. އަދި މި ދިރާސާގެ ހޯދުންތަކުގެ އަލީގައި ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒުކުރެވޭ މިންވަރު ބެލުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރާނެކަމަށް އޭސީސީން ބުނެފައިވެއެވެ.