ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކ. އަތޮޅުގެ 8 ރަށެއްގައި ސެލްފް ސާވިސް ބޭންކިން ހިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ. މިގޮތުން އެންމެ ފަހުން ހިދުމަތް ފެށިފައިވަނީ ކ. ގާފަރުގައެވެ. ގާފަރުގައި މިއަދު ހުޅުވުނު އައު އޭޓީއެމް ސެންޓަރާއެކު، ކ. އަތޮޅުގެ މީހުން ދިރިއުޅޭ 8 ރަށެއްގައި މިހާރު ވަނީ ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ހިދުމަތް ލިބެން ފަށާފައެވެ.
ބީއެމްއެލްއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ސެންޓަރުތަކުން 24 ގަޑިއިރު ފައިސާ ނެގުމާއި، ޖަމާކުރުމާއި، ބިލު ދެއްކުމާއި އަދި ފައިސާ ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބެއެވެ. މި ހިދުމަތްތަކަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ވެސް ބޭނުންކުރެވޭނެ ހިދުމަތްތަކެކެވެ. ކ. އަތޮޅުގައި މިހާރު ދެ ބްރާންޗް ހުޅުވިފައިވާއިރު، އެއީ ކާށިދޫ އާއި މާފުށީގައެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗާޖް އޮފް ދަ ބޭންކް އައިޝަތު ނޫރައްދީން ވިދާޅުވެފައިވަނީ، މި ފަދަ ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް ގާއިމުކުރުމަކީ ކަސްޓަމަރުންގެ ބޭނުންތަކަށް އަމާޒުކޮށްގެން ކުރެވޭ މަސައްކަތެއް ކަމަށެވެ. މި ހިދުމަތްތައް ފުޅާކުރުމުގެ މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ލިބިދިނުމެވެ.
ބީއެމްއެލްއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މުޅި ރާއްޖެއަށް އަމާޒުކޮށްގެން 20 އަތޮޅެއްގައި 39 ބްރާންޗް، 89 ސެލްފް ސާވިސް ބޭންކިން ސެންޓަރު، އަދި 144 އޭޓީއެމް ގާއިމުކޮށްފައިވެއެވެ. މީގެ އިތުރުން ކޭޝް އޭޖެންޓުންގެ ހިދުމަތާއި ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ވެސް ފޯރުކޮށްދެއެވެ. މި ހުރިހާ ހިދުމަތްތަކެއްގެ މައިގަނޑު އަމާޒަކީ އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް އެހީތެރިވެ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވާ މުޖުތަމައުތަކުގެ ތަރައްގީއަށް މަގުފަހިކޮށްދިނުމެވެ.