މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ހުޅުމާލެ ބްރާންޗުގައި އަލަށް ކިޔަވާ ދަރިވަރުންނަށް ޚާއްސަ ސެޝަނެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. ޓްރެފިކް ޕޮލިސް އެވެއާނެސް އެންޑް ޕްރިވެންޝަން ޔުނިޓުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި ސެޝަންގެ މަގްސަދަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ މުހިންމު ކަންކަމާއި މަގުމަތީގެ އަމާން މާހައުލެއް ގާއިމުކުރުމުގައި ބައިވެރިވާ 521 ދަރިވަރުންނަށް އަހުލުވެރިކުރުވުމެވެ.
މި ސެޝަންގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ގޮތުން ދަރިވަރުންނަށް ފުޅާ ދާއިރާއެއްގައި މައުލޫމާތު ލިބިފައިވާ އިރު، އޭގެ ތެރޭގައި ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް މި މައްސަލަތަކުގެ މިހާރުގެ ހާލަތު ހިމެނެ އެވެ. އަދި މަގުމަތީގެ ސަލާމަތާއި އިޤްތިޞާދީ ގޮތުން ކުރާ ނޭދެވޭ އަސަރުތަކާއި ގުޅުން ހުރިކަން ވެސް މި މަޝްވަރާގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ މުހިންމު ގާނޫނާއި ގަވައިދުތައް ވެސް މި ސެޝަންގައި ހިމަނާފައިވާއިރު، މަގުތައް ބޭނުންކުރުމުގެ ގާނޫނީ ކަންކަމާ ބެހޭ ގޮތުން ދަރިވަރުންނަށް ވަރަށް ރަނގަޅަށް މައުލޫމާތު ލިބިފައިވާކަން ކަށަވަރުކޮށްފައިވެ އެވެ.
މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ސްކޫލް ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ފުލުހުން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމްތަކުގެ ތެރެއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.