ސަރުކާރުން ފޯރުކޮށްދޭ އެކިއެކި އެހީތައް އިތުރަށް ހަރުދަނާކޮށް، އެހީ ބޭނުންވާ ފަރާތްތަކަށް އަމާޒުކުރުމަށްޓަކައި ސޯޝަލް ރަޖިސްޓާއެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވި ގޮތުގައި މި ރަޖިސްޓާގެ ސަބަބުން ގޭބިސީތަކުގެ މަޢުލޫމާތާއި، ދިރިއުޅުމުގެ ފެންވަރު ފަދަ މުހިންމު މަޢުލޫމާތުތައް އެއްކުރެވޭނެއެވެ. މީގެ އެންމެ މުހިންމު ބޭނުމަކީ އެހީ ބޭނުންވާ ފަރާތްތައް ދެނެގަތުމެވެ.
“މި ރަޖިސްޓާ މެދުވެރިކޮށް ސަރުކާރުގެ އެހީތައް ދިނުމުގައި ބޭނުންކުރާނެ މިންގަނޑުތަކެއް ކަނޑައެޅޭނެ. މީގެ ސަބަބުން ވެލްފެއާ ނިޒާމާއި، ސަބްސިޑީ އަދި އާސަންދައިގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މި ރަޖިސްޓާއަށް ބަރޯސާވާނެ,” ހީނާ ވިދާޅުވިއެވެ.
މި ރަޖިސްޓާ ތައްޔާރުވުމުން، މިހާރު ހުރިހާ ރައްޔިތުންނަށް ދެމުންދާ ސަބްސިޑީތައް އަމާޒުކުރެވިގެންދާނީ އެހީ އެންމެ ބޭނުންވާ ފަރާތްތަކަށް ކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ކުޑަކުރެވި، އެހީތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.
ސަރުކާރުން ވަނީ މިއަހަރުގެ ޖުލައި މަހުން ފެށިގެން ޓާގެޓަޑް ސަބްސިޑީ ނިޒާމަކަށް ބަދަލުވުމަށް ރާވާފައެވެ. ނަމަވެސް، އިތުރު ތައްޔާރީތަކަށް ވަގުތު ބޭނުންވާތީ، މި ބަދަލުތައް ގެނައުން ވަނީ އޮކްޓޯބަރު މަހަށް ފަސްކޮށްފައެވެ.
މި އައު ނިޒާމުގެ ސަބަބުން، ސަރުކާރުގެ އެހީތައް އިތުރަށް ހަރުދަނާވެ، އެހީ ބޭނުންވާ ފަރާތްތަކަށް އަމާޒުކުރެވި، ދައުލަތުގެ ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކުރެވޭނެ ކަމަށް ބެލެވެއެވެ.