ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި އަވަހާރަވި އިރާންގެ ރައީސް އިބްރާހިމް ރައީސީގެ ޖަނާޒާ ކުރިއަށްދިޔައިރު، އިރާނުގެ ރައްޔިތުން ދެއްކީ އެމަނިކުފާނަށް ވަރަށް ބޮޑު ލޯތްބާއި ގަދަރު ކަމަށް ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުން އާދަމް ޝަރީފް ބައިވެރިވެވަޑައިގަތް އިރާންގެ ރައީސްގެ ޖަނާޒާއިން ފެނުނީ ރައްޔިތުންގެ ލޯތްބާއި ގަދަރު ކަމަށް ވިދާޅުވިއެވެ. ރައީސް ރައީސީ އަވަހާރަވުމުގެ ސަބަބުން މުޅި އިރާނުން ހިތާމަ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އާދަމް ޝަރީފްގެ ހިތަށް ރައީސީގެ ޖަނާޒާއިން އިހްތިރާމާއި ޝަރަފުގެ ފުން އިހުސާސެއް ކުރެވުނު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ރައީސް ރައީސީ ދަތުރުކުރައްވަމުން ދިޔަ ހެލިކޮޕްޓަރު ވެއްޓިފައިވަނީ އިރާނާއި އަޒަރުބައިޖާން ގުޅޭ ސަރަހައްދެއްގައި ޑޭމް ޕްރޮޖެކްޓެއް ހުޅުވުމަށްފަހު އެނބުރި އިރާނަށް ވަޑައިގަތުމުގެ ތެރޭގައި، އަޒަރުބައިޖާންގެ އުތުރު ސަރަހައްދުގައި އޮންނަ ޑިޒްމަރު ޖަންގަލި ތެރެއަށެވެ. މި ހާދިސާގައި ރައީސް ރައީސީއާއި އެކު ދަތުރުކުރި އިސް ބޭފުޅުން ވެސް ވަނީ އަވަހާރަވެފައެވެ.
އިރާނުގެ ރައީސް އަވަހާރަވުމުން ރަސްމީ ގޮތުން ހިތާމަ ފާޅުކުރައްވައި، ދިވެހި ދިދަ ތިން ދުވަހަށް ބައިދަނޑިއަށް ތިރިކުރުމަށް ރައީސް މުއިއްޒު ވަނީ ނިންމަވާފައެވެ.