ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިން ލޯ ސީޒަންގައި ވެސް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު ފާއިތުވި އަހަރާ އަޅާބަލާއިރު އިތުރުވެފައިވާކަން ޓޫރިޒަމް މިނިސްޓްރީން ދޭ ހިސާބުތަކުން ހާމަވެއްޖެއެވެ.
މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މޭ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރުގެ އެ މުއްދަތުގައި އައި ފަތުރުވެރިންނާ އަޅާބަލާއިރު 11.5 އިންސައްތަ އިތުރުވެފައިވެއެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 837,189 ފަތުރުވެރިންނެވެ. އެއީ 2022 ވަނަ އަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކުރި 751,101 ފަތުރުވެރިންނަށްވުރެ ގިނަ އަދަދެކެވެ.
މި އަހަރުގެ ފެބްރުއަރީ މަހު ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ފާއިތުވި އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 22.2 އިންސައްތައިން އިތުރުވެފައިވެއެވެ. އަދި މާރިޗު މަހުން ފެށިގެން ލޯ ސީޒަން ފެށިފައިވީ ނަމަވެސް، މިދިޔަ މަސްތަކުގައި ވެސް ފަތުރުވެރިން އަންނަ މިންވަރު ވޭތުވެދިޔަ އަހަރުތަކަށްވުރެ މައްޗަށް ދިޔަކަން ފާހަގަކުރެވެއެވެ.
މި އަހަރު އެންމެ ގިނައިން ރާއްޖެ ޒިޔާރަތްކުރަމުން އަންނަނީ ޗައިނާ، ރަޝިޔާ އަދި އިނގިރޭސި ވިލާޔުގެ ފަތުރުވެރިންނެވެ. ރާއްޖޭގައި މިވަގުތު ހިނގަމުންދަނީ 176 ރިސޯޓެވެ. ޖުމްލަ 1193 ފަތުރުވެރިކަމުގެ ވިޔަފާރިއަކުން 62,507 އެނދުން ފަތުރުވެރިންނަށް ޚިދުމަތް ދެމުން އަންނަ އިރު، މި އަހަރު ވެލާނާ އެއާޕޯޓުގެ ތަރައްޤީގެ މަޝްރޫޢު ނިމުމުން ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ.
ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ 2 މިލިއަން ފަތުރުވެރިންގެ ލަނޑުދަނޑި ހާސިލުކުރުމަށް މަގުފަހިވެގެންދާނެއެވެ. އެހެންކަމުން ކުރިއަށް އޮތް މަސްތަކުގައި ފަތުރުވެރިންގެ އަދަދު މިހާރަށްވުރެ އިތުރަށް މައްޗަށް ދާނެކަމަށް ބެލެވެއެވެ.