ރޮޒޭނާގެ އިސްލާހަށް ބަހުސްކުރާނެ އެމްޑީޕީ މެންބަރަކު ވެސް, ނެތި މަޖިލިސް ވެސް ކެންސަލް

Big Ciirm5j4sjcombssf5bgijpgh

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ ގާނޫނު އަސާސީ އިސްލާހުކުރުމުގެ ބިލަށް ބަހުސްކުރުމަށް މިއަދު ބޭއްވުމަށް ހަމަޖެހިފައިވި ޖަލްސާ، ކޯރަމް ހަމަނުވުމުގެ ސަބަބުން ކެންސަލްކުރަންޖެހިއްޖެއެވެ.

ރޮޒައިނާ ހުށަހަޅުއްވާފައިވާ ބިލަކީ މަޖިލީހުގައި ވަކި އަދަދަކަށް އަންހެން މެންބަރުން ހިމެނުމަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލެކެވެ. މި އިސްލާހަށް ބަހުސްކުރުމަށް ކަނޑައަޅާފައި އޮތް ޖަލްސާގައި، ގާނޫނީ ގޮތުން ކޯރަމް ހަމަވާ މިންވަރަށް މެމްބަރުން ތަޅުމުގައި ނެތުމުގެ ސަބަބުން، ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް މިއަދު ނުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ގާނޫނީ ގޮތުން ކޯރަމް ހަމަވުމަށް ބޭނުންވާ 22 މެންބަރުން ތަޅުމުގައި ތިއްބަވަން ޖެހޭއިރު، މަޖިލީހުގެ ބައެއް މެންބަރުން އިމާރާތުގައި ވަޑައިގެން ހުންނެވި ނަމަވެސް ތަޅުމަށް ވަޑައިނުގަތުމުގެ ސަބަބުން ކޯރަމް ހަމަނުވާ ކަމަށެވެ. އަދި 11:00 ޖެހެންދެން މަޑުކޮށްލުމަށް ފަހު އަލުން ކޯރަމް ހަމަވޭތޯ ބެލުމަށް ފަހު ތަޅުމުގައި 10 މެންބަރުން ތިއްބެވުމުން ޖަލްސާ ނިންމާލަން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ ޖުމްލަ 80 މެންބަރުންނެވެ. މަޖިލީހުގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި އެކު 7 މެމްބަރަކު ސަރުކާރުގެ ކެބިނެޓަށް ވަޑައިގަތުމުގެ ސަބަބުން އިންތިޚާބުވި 87 މެމްބަރުންގެ ތެރެއިން 7 މެމްބަރުން މަޖިލީހުގައި ނެތެވެ.

މިއަދުގެ ޖަލްސާ ކެންސަލްވުމާއެކު، މި ބިލަށް ބަހުސްކުރުން ވަނީ ލަސްވެފައެވެ. އަދި މިފަދަ ގާނޫނު އަސާސީއަށް ގެންނަ ބަދަލުތައް ފާސްކުރުމަށް ބޭނުންވާ 3/2 ގެ އަޣްލަބިއްޔަތު އެމްޑީޕީއަށް މިހާރު ކުރިއަށް ދާ މަޖިލީހުގައި ލިބިފައިވާއިރު، މިފަދަ ޖަލްސާތަކަށް މެމްބަރުން ހާޒިރުނުވުމުން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވި ލަސްވަމުންދާކަން ފާހަގަކުރެވެއެވެ.

މިހާރު މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ދައުރު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވާއިރު، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތު މެއި 28 ގައި އޮންނާނެއެވެ. އަލަށް އިންތިޚާބުވި މަޖިލީހުގައި ސަރުކާރަށް 70 އަށް ވުރެ ގިނަ މެމްބަރުން ތިއްބެވުމުން، ގާނޫނު އަސާސީ ބަދަލުތަކާއި، އެހެނިހެން ގާނޫނުތައް ފާސްކުރުމުގައި ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.

ފަހުގެ