ރައީސް ނަޝީދަށް އިންސާފު ހޯދައިދޭން ގޮވާލަން އެމްޑީޕީން ލަދުގަންނަން ޖެހޭނެ

002 Nasheed

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 3 އަހަރު ކުރިން ދިން ބޮމުގެ ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގެންނެވި ނަމަވެސް މިދިޔަ 3 އަހަރު ތެރޭގައި އެމަނިކުފާނަށް އިންސާފު ހޯދައި ދެވިފައެއް ނުވެއެވެ.

މިއަދު އެމްޑީޕީގެ އިސްވެރިން ސިޔާސީ މަގުސަދުގައި ރައީސް ނަޝީދަށް އިންސާފު ހީދައި ދިނުމަށް ގޮވުމަކީ އެމްޑީޕީން މިއަދު ލަދުގަންނަންޖެހޭނެކަމެއްކަމަށް އެމްޑީޕީގެ އާންމު މެންބަރުންނާ, ރައީސް ނަޝީދުގެ ސަޕޯޓަރުން އަދި ސިޔާސީ މީހުން މިއަދު އަންނަނީ ބުނަމުންނެވެ.

އެމްޑީޕީއަށް 2018 ވަނަ އަހަރުގެ ނޮވެންބަރު މަހު ވެރިކަން ލިބި، އަދި 2019 ވަނަ އަހަރު މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް ލިބިގެން ދިޔަ ނަމަވެސް، ހުރިހާ ބާރެއް އޮވެފައި މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މީގެ ތިން އަހަރު ކުރިން ބޮމުގެ ހަމަލާ ދިން މައްސަލާގައި އިންސާފު ހޯދައި ނުދެވުނީ ކީއްވެގެންތޯ ސުވާލު އުފެދިފައިވެއެވެ.

ނަޝީދަށް ދިން ހަމަލާއަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދުގެ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދި، ރައީސް ނަޝީދު އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވައި، ‘ދަ ޑިމޮކްރެޓްސް’ ކިޔާ އާ ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެންނެވިއެވެ.

ރައީސް ނަޝީދު އެމްޑީޕީން ވަކިވެ ވަޑައިގެންނެވުމަށް ފަހުން އެ ޕާޓީއަށް އެއްވެސް އިންތިހާބެއްގައި ކުރިން އޮތް ފަދަ ކާމިޔާބީއެއް ނުލިބޭކަން ފާހަކުރެވޭ. މިގޮތުން ރިޔާސީ އިންތިހާބުގެ ދެ ބުރުގައި ވެސް އެ ޕާޓީގެ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެއިލްވެ ވަޑައިގަތީ ލަތުވެތިގޮތަކަށެވެ. އަދި މަޖިލިސް އިންތިހާބުން އެމްޑީޕީއަށް ލިބުނު ނަތީޖާ މާބޮޑަށްވެސް ލަދުވެއްޖެއެވެ.

އެހެންކަމުން، އެމްޑީޕީން މިހާރު ކޮންމެ ވާހަކައެއް ވެސް ދައްކަމުން އަންނަނީ ހަމައެކަނި ސިޔާސީ މަންފާއަށް ކަމަށް ބުނެވޭނެ ޖާގަ އެބައޮތެވެ.

ދެހާސް އެކާވީސް ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ އިރު އޮއްސި ވަގުތެއްގައި ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާ އަކީ ހަމައެކަނި އެމަނިކުފާނަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއެއް ނޫންކަމާއި އެއީ މުޅި ދިވެހިރާއްޖެއަށް އަމާޒުވެގެންދިޔަ ހަމަލާއެއްކަމަށް ދަ ޑިމޮކްރެޓްސް އިން ފާހަގަކުރެއެވެ. އެގޮތުން، ދިމިޤްރާތީ އުސޫލުތަކާއި ދުސްތޫރީ ހައްގުތައް އަދި ރައްޔިތުންގެ އަސާސީ މިނިވަންކަމަށް އެ ހަމަލާގެ ސަބަބުން އިންތިހާއަށް ނުރައްކާވެގެން ދިޔަ ކަމަށް ވެސް ދަ ޑިމޮކްރެޓްސް އިން މިއަދު ނެރުނު އެ ޕާޓީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ހަމައެއާއެކު ރައީސް ނަޝީދު މިހާރު ހަރަކާތްތެރިވަމުން ގެންދަވާ ‘ދަ ޑިމޮކްރެޓްސް’ ޕާޓީން އެދިފައިވަނީ، ބޮމުގެ ޓެރަރިސްޓް ހަމަލާގެ މައްސަލަ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމައި، ރައީސް ނަޝީދަށް ފުރިހަމަ އިންސާފު ހޯދައިދިނުމަށެވެ. އަދި އެފަދަ ދެރަ ހާދިސާއެއް އަލުން ތަކުރާރު ނުވާނެ ގޮތަށް ބައްޓަން ކުރުމުގައި ހުރިހާ ސިޔާސީ ފަރާތްތަކުންނާއި ދައުލަތުގެ މުއައްސަސާތަކުން އެއްބާރުލުން ދިނުމަށް ގޮވާލައްވާފައިވެއެވެ.

ރައީސް ނަޝީދަށް އިންސާފު ހޯދައިދިނުމުގެ މުހިންމުކަމާއި އެކަން އަވަސްކުރުމުގެ މުހިންމުކަން ‘ދަ ޑިމޮކްރެޓްސް’ ޕާޓީގެ ބަޔާނުގައި ފާހަގަކުރައްވާފައި ވީނަމަވެސް، އެމްޑީޕީގެ ދައުރުގައި އެމަނިކުފާނަށް އިންސާފު ހޯދައިދެވިފައި ނުވުމުން، އެމްޑީޕީން އެކަމަށް ގޮވާލުމުގެ ސިޔާސީ މަންފާއެއް ނުލިބޭނެކަމަށް ދަ ޑިމޮކްރެޓްސް އިން ވެސް ބުނެއެވެ..

ރައީސް ނަޝީދު އެމްޑީޕީ ދޫކޮށްފައި ދިއުމަށްފަހު، އެމްޑީޕީގެ ތަދުބީރު އޮތީ ބަދަލުވެފައިކަން ފާހަގަކޮށް، ރައްޔިތުންގެ ތާއީދު އެމްޑީޕީން އަނބުރާ ހޯދުމަށް ނަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލަން ފެށުމުން އެއީ ހަމައެކަނި ސިޔާސީ މަންފާއަކަށް ކުރާކަމެއްކަމަށް ބެލުމުގެ ފުރުސަތުބޮޑެވެ.

ކޮންމެ ގޮތެއް ވިޔަސް، މަޖިލީހުގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ މައްސަލާގައި އެމަނިކުފާނަށް ލަސްނުކޮށް އިންސާފު ހޯދައިދެއްވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.

ފަހުގެ