މަރުވި ކުޑަ ކުއްޖާއަށް ސަރުކާރުން އިހުމާލުވީ މައްސަލަ މަޖިލީހުން ބަލަނީ

Majilis

ގއ. ވިލިގިލީ ހޮސްޕިޓަލުން ފަރުވާދެމުން އަންނަނިކޮށް ހާލު ދެރަވެގެން މާލެ ގެންނަން ޑޮކްޓަރުން އަންގާފައިވަނިކޮށް, އެ ކުއްޖާ މާލެ ގެނައުމުގައި ލަސްވުމުގެ ސަބަބުން އެ ކުއްޖާ ނިޔާވި މައްސަލަ ބަލަން މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ނިންމައިފިއެވެ.

މި މައްސަލަ ބެލުމަށް މިއަދު މެންދުރު މަޖިލީހުގައި ކޮމެޓީ ބައްދަލުވުމެއްވެސް ބާއްވަން ވަނީ ނިންމައިފައެވެ.

ކުޑަ ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނައުމަށް ޑޮކްޓަރުން އެންގިތާ 12 ގަޑިއިރު ފަހުން މާލެ ގެނެވުނީ ޗާޓަރު ކުރި ފްލައިޓަށް މައްސަލައެއް ދިމާވެގެންކަމަށް އާސަންދައިން އިއްޔެވަނީ ބުނެފައެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު 5:04 ހާއިރު މާލެ ގެންދަން ޑޮކްޓަރުން އެދުނު ކުއްޖާ މާލެ ގެނެވުނީ އެ ދުވަހު ހަވީރު 5:15 ހާއިރުއެވެ. އެ ކުއްޖާ ނިޔާވެފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 11:10 ހާއިރު މާލޭގައި ހުންނަ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށެވެ.

މި މައްސަލައިގައި ގިނަބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކުއްލި ހާލަތްތަކުގައި ބޭސްފަރުވާއަށް ރައްޔިތުން މާލެ ގެނައުމަށް އަމަލުކުރާ ނިޒާމު ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކަމާ ގުޅޭ އިދާރާތަކަށް އަންގަވައިފައެވެ.

ރައީސް މުއިއްޒުގެ މި އެންގެވުމާއެކު މޯލްޑިވިއަން އެއާ ލައިނުން ވަނީ ބަލި މީހުން އުފުލުމަށް ހާއްސަ ސަމާލުކަމެއް ދޭން ނިންމައިފައެވެ.

ފަހުގެ