ބޯހިޔާވަހިކަމުގެ އޮޅުވާލުން: ހައުސިން މިނިސްޓްރީއަށް ބަޔަކު ވަދެ ހަޅުތާލުކޮށްފި

Mu

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފްލެޓް ލިބޭ ލިސްޓުގައި ޕޮއިންޓު ދީފައިވާ އުސޫލާމެދު ހިތްހަމަނުޖެހުން ފާޅުކޮށް ހައުސިން މިނިސްޓްރީއަށް އާންމުގެ ބަޔަކުވަދެ ހަޅުތާލުކޮށްފިއެވެ.

ހަޅުތާލު ކުރި މީހުން ބުނަނީ, ޕޮއިންޓު ދީފައިވާ އުސޫލަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށެވެ.

“މާލޭގަ ނޫޅޭ މީހުންނަށްވެސް މާލޭގަ އުޅޭ މީހުންނަށްވުރެ މަތިން ޕޮއިންޓު ދީފަ ހުރީ,” ހައުސިން މިނިސްޓްރީއަށް ވަދެ ހިތްހަމަނުޖެހުން ފާޅުކުރި މީހަކު ބުންޏެވެ.

ހައުސިން މިނިސްޓްރީގައި ހަޅުތާލުކުރާ މީހުން ބުނަނީ ޕޮއިންޓު ދީފައިވަނީ “ކޮރަޕްޝަނަށް މަގުފަހިވާގޮތަށް” ކަމަށެވެ.

ހަޅުތާލުކުރަން ގިނަބަޔަކު ވަދެފައިވާއިރު, އެސްއޯ ފުލުހުން އަންނަނީ އެމީހުން ކޮންޓްރޯލް ކުރަން މަސައްކަތްކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ވެރިކަމުގައި ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ހަވާލުކޮށްގެން އެޅި 4000 ފްލެޓްގެ ހައްގުވެރިންގެ ލިސްޓު ހޮނިހިރު ދުވަހު ވަނީ އާންމުކޮށްފައިއެވެ.

ނަމަވެސް އެ ލިސްޓު އާންމު ކުރުމާއެކު ގިނަބަޔަކު އަންނަނީ “އެ ލިސްޓުގައި ޕޮއިންޓު ދިނުމުގައި މަކަރާއި އޮޅުވައިލުން އޮތް” ކަަމަށް ބުނެ ނުރުހުން ފާޅުކުރަމުންނެވެ.

މިގޮތުން ފްލެޓް ލިސްޓުގައި ޕޮއިންޓު ދިނީ ކޮން އުސޫލަކުންކަމެއް ސާފެއްނުވެއެވެ. މިއަދު ޕޮއިންޓު ދީ ލިސްޓު އާންމުކޮށްފައިވާއިރު, ގެދޮރުވެރިއާ ޕޯޓަލުންވެސް އެމީހަކަށް އެ ޕޮއިންޓު ލިބުނީ ކީއްވެކަމެއް ސާފެއް ނުވެއެވެ.

މިގޮތުން ދަރިން ތިބި މީހުންނަށްވުރެ ގިނައިން ދަރިން ނެތް މީހުންނަށް ޕޮއިންޓު ދިނުމާއި, މާލޭގައި އެއްގޮތަކަށް ވެސް ނޫޅޭ މީހުންނަށް ފެލްޓް ދިނުމާއި, ދިރިއުޅުމުގެ ހާލަތު ނުބަލައި ފްލެޓް ދިނުމުގެ ޝަކުވާ އާންމުން އަންނަނީ ކުރަމުންނެވެ.

ޕޮއިންޓުދިން ގޮތުގެ ލިސްޓު އާންމުކުރުމުގެ ކުރިން ބަޔަކުވަނީ އޭސީސީގައި ވެސް “400 ފްލެޓް ބަހާލަން” އުޅޭކަމަށް ބުނެ މައްސަލަ ޖައްސާފައެވެ.

ހައިސިން މިނިސްޓްރީން ވަނީ ފްލެޓްތަކުގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހަޅަން މިއަދު ހުޅުވާލާނެކަމަށް ބުނެފައެވެ. އަދި އެ ފުރުސަތު މިމަހު 9 ވަނަ ދުވަހާ ހަމައަށް އޮންނާނެކަމަށް ބުނެފައެވެ.

ފަހުގެ