ޑިމޮކްރަސީގެ “ބައްޕަ”, ވޯޓަށް ފިލުން

Mohamed Nasheed

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ރާއްޖޭގެ “ޑިމޮކްރަސީގެ ބައްޕަ” ކަމަށް އެމަނިކުފާނުގެ ސަޕޯޓަރުންގެ ގިނަބަޔަކު ގަބޫލުކުރެއެވެ.

ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ޒަމާންވީ ދިގު 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައީ ދިވެހިރާއްޖޭގައި ޑިމޮކްރަސީ އަށަގަންނުވާނެކަމުގެ ފޮނި ވައުދުތަކާ ނަޝީދު ކެއްކި ހިޔާލީ ފޮލާތަކުގެ ތެރެއިންނެވެ.

ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެން 2 އަރާއި ބައިގެ ތެރެއިން އިސްތިއުފާ ދެއްވީ ވެސް “ވޯޓަކަށް ބިރުން” އުޅުއްވުުމުގެ ތެރޭގަ އުފެދުނު ހަމަނުޖެހުންތަކެއްގައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އައްޑޫ ސިޓީއަށް 2008 ވަނަ އަހަރު ވަޑައިގެން ދައުރު މެދުތެރެއިން އިންތިހާބެއް ބާއްވާނެކަމަށް ވައުދުވެވަޑައިގަތެވެ. ނަމަވެސް އެންމެ ފަހުން އެ ވޯޓަށްވެސް ފިއްލެވީއެވެ.

އެ އިސްތިއުފާއަށްފަހު މިހާތަނަށް މަޖިލީހުގެ މައްޗަން ގޯޅީ ދެކުނު ގޮނޑީގެ ވޯޓު ނޫން އާންމު ވޯޓަކުން މޮޅުވެ ވަޑައެއްނުގަންނަވައެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް ކާމިޔާބު ކުރައްވައިފައި އެ މުއްދަތުގައި އެބަހުއްޓެވެ. ނަމަވެސް އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިހާބުގެ ޕްރައިމަރީން ވެސް ބަލިވެ ވަޑައިގެންނެވީއެވެ.

އެމްޑީޕީން ވަކިވެ ވަޑައިގެން ގުޅިވަޑައިގެންނެވި ‘ދަ ޑިމޮކްރެޓްސް’ ޕާޓީވެސް އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބުން ލިބުނީ އެންމެ 7 ޕަސަންޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން އެމަނިކުފަނަށް 2019 އެރުވުމަށް ވޯޓުދިން އެމްޑީޕީ މެންބަރުން މިހާރު އެގެންދަވަނީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ތައްޔާރުވަމުންނެވެ. އެހެންނަމަވެސް އަނެއްކާވެސް މިވަނީ “ޑިމޮކްރަސީގެ ބައްޕަ” ވޯޓަށް ފިއްލަވާފައެވެ.

ޑިމޮކްރަސީގެ ރިވެތި އުސޫލަކަށް ވާނީ އިތުބާރު ނެތް މަގާމެއްގައި ނުހުންނެވުމެވެ.

ގަދަބަރުން ތަންތަނުގައި އިންނަވަނީ ހުދުމުތާރު ވެރިންނެވެ. ވޯޓަށް ފިލައިގެން އުޅެނީވެސް ހުދުމުހުތާރު ވެރިންނެވެ.

ރޮޒޭނާ ވިދާޅުވިއަސް ތެދެއްވާނީ ދެތަކަށެވެ. ޑިމޮކްރަސީގެ ބައްޕަ ވޯޓަށް ފިއްލެވުމަށްވުރެ ލަދުވެތިކަމެއް ނޯންނާނެއެވެ.

ފަހުގެ