ޣައްޒާއަށް ދެމުންދާ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް އދގަ ރާއްޖެއިން ގޮވާލައިފި

Fezvdfixgaawnnu

އިޒްރޭލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޣައްޒާގެ ޙާލަތު ގޯސްވަމުންދާކަން ފާހަގަކޮށް، މިހާރުން މިހާރަށް ބޭނުންވާ އެހީތައް ޣައްޒާއަށް ފޯރުކޮށްދިނުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުން މިހާރަށް ވުރެ އަވަސް މަސައްކަތްތަކެއް ކުރުމަށް ގޮވާލައި ދިވެހިރާއްޖެއިން ފަލަސްޠީނާއެކު ތިބިކަން ތަކުރާރުކޮށްފިއެވެ.

ދިވެހިރާއްޖެއިން މިފަދައިން ގޮވާލާފައިވަނީ އެމެރިކާގެ ނިއު ޔޯކުގައި މިހާރު ކުރިއަށްދާ އ.ދ.ގެ ޢާއްމު މަޖިލީހުގެ 78ވަނަ ސެޝަނުގެ އިޤްތިޞާދީ އަދި މާލީ ކަންކަމާބެހޭ ކޮމިޓީ (ސެކަންޑް ކޮމިޓީ)ގައި އިރުމަތީ ޤުދުސް ހިމެނޭހެން، ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައިވާ ޤުދުރަތީ ވަޞީލަތްތަކަށް ފަލަސްޠީނުގެ ރައްޔިތުންގެ ދާއިމީ ސިޔާދަތީ ވެރިކަން އޮތުމާއި ހިފާފައިވާ ސީރިއާގެ ގޯލާންގެ ބިންތަކުގައިވާ ޤުދުރަތީ ވަޞީލަތްތަކަށް އެބިންތަކުގައި އުޅޭ ޢަރަބި އާބާދީތަކަށް ދާއިމީ ސިޔާދަތީ ވެރިކަން އޮތުމާ ގުޅޭގޮތުން ތާވަލުކޮށްފައިވާ މައްސަލައިގެ ޢާއްމު ބަހުސްގައި ރާއްޖެއިން ދިން ބަޔާނުގައެވެ.

މިބަޔާނުގައި ރާއްޖެއިން ވަނީ ފަލަސްޠީނުގެ ރައްޔިތުން އެތައް އަހަރެއް ވަންދެން ތަޙައްމަލު ކުރަމުންދާ ދަތި ޙާލު ފާހަގަކޮށް، ޚާއްސަގޮތެއްގައި ޣައްޒާގައި މިހާރު ހިންގަމުންދާ ޢުދުވާންތަކާގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ޢާއްމު ރައްޔިތުންނާއި ޢާއްމު ބޭނުންތަކަށް ބޭނުންކުރެވޭ ޢުމްރާނީ ވަޞީލަތްތަކަށް ޙަމަލާ ދިނުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ޣައްޒާގެ އުތުރުގައި ދިރިއުޅެމުންދާ 1.2 މިލިއަން ރައްޔިތުން 24 ގަޑިއިރުތެރޭގައި ޣައްޒާގެ ދެކުނަށް ދިއުމަށާއި އެންމެ 6 ގަޑިއިރުތެރޭގައި ގެތަކުން ނުކުތުމަށް އެތައް މިލިއަން ބަޔަކަށް އިސްރޭލުން އެންގި އެންގުމަކީ ބައިނަލްއަޤުވާމީ އަދި އިންސާނީ ޙައްޤުތަކާބެހޭ އެންމެހައި ޤާނޫނުތަކާ ޚިލާފު ކަމެއްކަން ފާހަގަކޮށް އެއަމުރު އަނބުރާ ގެނައުމަށް ވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

ޢާއްމުންނާ ހަނގުރާމަވެރިންރާ ތަފާތުކުރުމެއްނެތި ދެވޭ ޙަމަލާތަކަކީ “ކަލެކްޓިވް ޕަނިޝްމަންޓް”ކަން ފާހަގަކޮށް ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޟަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު މިހާރުން މިހާރަށް ފޯރުކޮށްދިނުމަށް އިންސާނިއްޔަތު ކަމުގެ ކޮރިޑޯތަކެއް ހުޅުވުމުގެ މުހިއްމުކަން ވެސް ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ. އަދި ޙަމަލާތައް މިހާރުން މިހާރަށް ހުއްޓުވުމަށް ބާރުއެޅުމަށް ވެސް ރާއްޖެއިން ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލާފައެވެ.

ރާއްޖޭގެ ބަޔާނުގައި ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ވަކި ދައުލަތެއް ޤާއިމުކުރުން ހިމެނޭހެން ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންދާ ޖާއިޒު މަސައްކަތްތަކުގައި ފަލަސްޠީނުގެ ރައްޔިތުންނަށް އެއްވެސް ޝަރުތެއް ނެތި ރާއްޖެއިން ތާއީދުކުރާކަން ތަކުރާރުކޮށްފައެވެ. އަދި ދާއިމީ، ދެމެހެއްޓެނިވި ޙައްލެއް ލިބެން އޮތީ 1967ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ، މިނިވަން، މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރެވިގެން ކަން ވެސް ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ.

ފަހުގެ