ޤަވާއިދާ ހިލާފަށް ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ޔަހޫދީ ދައުލަތުން ކުރަމުންގެންދާ މަސައްކަތް ވަގުތުން ހުއްޓާލައި މިހާރު ހިފާފައިވާ ބިންތައް ވަގުތުން ދޫކޮށްލުމަށް ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލެއްވި ގޮވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ތާއީދުކޮށްފިއެވެ.
އިންތިހާބީ ރައީސް ކުރެއްވި ޓުވީޓު ރިޓްވީޓް ކުރައްވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، މުއިއްޒުގެ ގޮވާލެއްވުމަށް ފުރިހަމައަށް ތާޢީދު ކުރައްވާ ކަމަށެވެ.
ފަލަސްތީނާއި އިޒްރާއީލާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރެވެމުން ދަނިކޮށް ފަލަސްތީނަށް ތާޢީދުކޮށް އިންތިހާބީ ރައީސް މިރޭ ކުރެއްވި ޓުވީޓުގައި ވަނީ، އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް ވަގުތުން ދޫކޮށް ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބެލުމަށް އިސްރާއީލަށް ގޮވާލައްވާފައެވެ.
ހަމާސް އިން މިއަދު އިސްރާއީލަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން އިސްލާމީ ދުނިޔޭގެ ޤައުމު ތަކުން ވަނީ ފަލަސްތީނުގެ މިނިވަން ކަމަށް ގޮވާލަން ފަށާފައެވެ. މެދުއިރު މަތީގެ ޤައުމުތަކުން ބުނަމުން ދަނީ މިއަދު އިސްރާއީލާ ދެކޮޅަށް ދެމުންދާ ހަމަލާތަކަކީ ފާއިތު ވެގެން ދިޔަ ތަނުގައި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ލާއިންސާނީ އަމަލުތަކުގެ ރައްދުގެ ގޮތުގައި ދެމުންދާ ހަމަލާ ތަކެއް ކަމަށެވެ.
ހަމާސް އިން މިއަދު ހަމަލާ ދޭން ފެށުމާއެކު އިސްރާއީލުން ވަނީ މިއީ ހަނގުރާމައިގެ ފެށުން ކަމަށް ރަސްމީކޮށް އިއުލާންކޮށްފައެވެ.