ޤަވާއިދާ ހިލާފަށް ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ޔަހޫދީ ދައުލަތުން ކުރަމުންގެންދާ މަސައްކަތް ވަގުތުން ހުއްޓާލައި މިހާރު ހިފާފައިވާ ބިންތައް ވަގުތުން ދޫކޮށްލުމަށް ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ފަލަސްތީނާއި އިޒްރާއީލާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރެވެމުން ދަނިކޮށް ފަލަސްތީނަށް ތާޢީދުކޮށް އިންތިހާބީ ރައީސް ކުރެއްވި ޓުވީޓުގައި ވަނީ، އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް ވަގުތުން ދޫކޮށް ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބެލުމަށް އިސްރާއީލަށް ގޮވާލައްވާފައެވެ.
މީގެ އިތުރަށް 1967 ވަނަ އަހަރު އޮތްގޮތަށް އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށް ގޮތުގައި ބަލައިގަތުމަށާއި ރެފިއުޖީންނަށް އަނބުރާ އެމީހުންގެ ބިންތަކަށް ދިއުމަށް ވަގުތުން ހުއްދަ ދޭން ޖެހޭނެ ކަމަށްވެސް އިންތިހާބީ ރައީސް ވަނީ ގޮވާލައްވާފައެވެ.
ފަލަސްތީނުގެ މުޖާހިދުން މިއަދު ހެނދުނުއްސުރެ އިސްރާއީލުގެ އުދުވާނާ ދެކޮޅަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އިތުރުން ދުނިޔެއަށްވެސް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ.