މި ވަގުތުގައި 7 ކަމެއް މަޑު ޖައްސާލަން އެދިވަޑައިގެން، ރައީސް މުހައްމަދު ސޯލިހަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސިޓީފުޅެއް ފޮނުއްވައިފިއެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާ ފަށައިގެން ކުރިޔަށްދާ މި ވަގުތުގައި ސަރުކާރުން 7 ކަމެއް މަޑު ޖައްސާލަން އެދިވަޑައިގެން އިއްޔެ ފޮނުއްވި ސިޓީ ފުޅުގައި އިންތިހާބީ ރައީސް ޑރ. މުއިއްޒު އެދިލެއްވީ، އާ ޕްރޮޖެކްޓްތައް ނުފެށުމަށާއި، އެއްވެސް ވަޒީފާއެއް ދައުލަތުން އަލަށް މީހަކަށް ނުދިނުމަށާއި، އާ އިންވެސްޓްމަންޓް ތައް ނުކުރުމަށާއި، މުސާރައިގެ އޮނިގަނޑުތަކަށް ބަދަލު ނުގެނުމަށާއި، އެއްވެސް އައު ބިމެއް ތަރައްގީކޮށް ނުވިއްކުމަށާއި، އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ނުދިނުމަށާއި، އަލަށް އެއްވެސް ބައިނަލް އަޤްވާމީ މުއާހަދާއެއްގައި ސޮއި ނުކުރުމަށެވެ.
ރައީސް ސޯލިހަށް ފޮނުއްވި ސިޓީގައި އިންތިހާބީ ރައީސް ވަނީ އިންތިހާބަށް ފަހު ރައީސް ސޯލިހު ދެއްކެވި ޑިމޮކްރަސީގެ ރީތި ނަމޫނާއަށް ޝުކުރު އަދާކުރައްވާފައެވެ.