ރާއްޖޭގައި ކިޔަވައި ދިނުމަށް ހަރަކާތްތެރިވާ މުދައްރިސުންގެ މަދުކަމާއި، ކިޔަވައި ނިމިގެން ނިކުންނަ ކުދިންގެ ކިބައިގައި ޤައުމަށް ބޭނުންވާ ޤާބިލުކަން ހުރޭތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދާ މައްސަލައަށް ޕީއެންސީ ސަރުކާރުގައި އިސްކަމެއް ދޭނެކަމަށް ޕީއެންސީ ޓިކެޓުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވަމުން ނެރުއްވި ބަޔާނުގައި އިންތިހާބީ ރައީސް ވިދާޅުވީ، 21 ވަނަ ޤަރުނުގެ ދަރިވަރެއްގައި ހުންނަންޖެހެނީ ތޫނު ފިލިކަމާއި ހުޝިޔާރުކަމާއި، ޤާބިލުކަމާއި އުޅުންތެރިކަން ކަމަށާއި އަދި އިޖުތިމާއީ މިންގަނޑުތަކަށް ކަމޭ ހިތާ އުފަން ބިމަން ލޯބިކުރާ ދަރިވަރުންތަކެއް ތަރުބިއްޔަރު ކުރުމަށް އެމަނިކުފާނުގެ ވެރިކަމުގައި މަންހަޖު އަލުން ބައްޓަން ކުރައްވާނެ ކަމަށެވެ.
މީގެ އިތުރަށް މުދައްރިސުންގެ ދުޅަހެޔޮކަމަށް ހާއްސަ ސަމާލުކަމެއްދީ، މަސައްކަތުގެ ވަގުތާއި ޒާތީ ދިރިއުޅުން މީޒާން ހަމަކުރުމަށް ފަހިވާ ސިޔާސަތުތަކެއް ޕީއެންސީގެ ވެރިކަމެއްގައި ފަރުމާކުރައްވާނެކަމަށް ވިދާޅުވެ، ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، މުދައްރިސުންނަކީ، ޤައުމުން އަނދިރިކަން ނައްތައިލާ ބައްތިތަކެއްކަމަށާއި، އަންނަން އޮތް ޖީލުތައް ހެޔޮ މިސްރާބަށް ގެންދިޔުމުގެ އުނދަގޫ ދަތުރާ ހަވާލުވެގެންވާ ސަވާރީ ތަކެއް ކަމަށެވެ.
“ކާމިޔާބީގެ އައްސޭރިޔަށް ޤައުމަކަށް ވާޞިލުވެވޭނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށް އެ ޤައުމެއްގެ ތައުލީމީ ނިޒާމު ބިނާވެގެންނެވެ. ހަރުދަނާ އަހުލާގެވެ. ތަނަވަސް އިލްމެވެ. ކުޅަދާނަ ހުނަރުވެރިކަމެވެ.” އިންތިހާބީ ރައީސް ނެރުއްވި ބަޔާނުގައި ވެއެވެ.