އެމްޑީޕީއާއެކު އެމްޑީއޭއިން ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ހަދާފައޮތް ކޯލިޝަން އުވާލިނަމަވެސް އަޒުމަށް ގުޑުމެއް ނާންނާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މީގެ އިތުރުން ފައްޔާޒް ވަނީ އެމްޑީއޭއަށް ޝުކުރު ވެސް އަދާކުރައްވާފައެވެ. އެއީ ކެމްޕޭނުގަ މިހާތަނަށް އެމްޑީއޭއިން ވެ ދީފަވާ އެއްބާރުލުމަށެވެ.
”އެމްޑީޕީ އަކީ އަބަދުވެސް ގަދަ ކަނޑުގައި ދަތުރުކޮށް ކުރި ހޯދާ ޕާޓީ. ބަލިކޮށް ނުލެވުނު ހިތްވަރު. ގުޑުވާނުލެވުނު އަޒުމު. ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް،”
އެމްޑީއޭއިން ރޭ އިދިކޮޅު ކޯލިޝަނުގެ ކެނޑިޑޭޓު ޑރ މުއިއްޒުއަށް ތާއީދުކުރަން ނިންމީ ރޭ އެ ޕާޓީކެ ކައުންސިލުން ބޭއްވި ބައްދަލުވުމަށް ފަހުއެވެ.
އެމްޑީއޭ އިން ވަކިވިނަމަވެސް އަދާލަތު ޕާޓީން ސަރުކާރާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން އެ ޕާޓީގެ ރައީސް ޝެއިހް އިމްރާން ވަނީ ދެއްވާފައެވެ.