ނިޒާމީ ވޯޓު އޮކްޓޫބަރު 29 ގަ ނަގަނީ

Img 0746

ނިޒާމީ ވޯޓު އަންނަ އޮކްޓޫބަރު 29 ވަނަ ދުވަހު ނަގާނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ފުވާދު މިއަދު ވިދާޅުވީ ނިޒާމީ ވޯޓު ނަގަން ބޭނުންވާ ބަޖެޓު ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށެވެ.
“އަންނަ މަހުގެ 29 ގައި ވޯޓު ނަގަން ވަނީ ނިންމާފަ. ބަޖެޓް ލިބުނުހާ އަވަހަކަށް، އެކަމާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ފައްޓާނަން،” ފުވާދު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގަ އޮތް ރިޔާސީ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ފެނޭތޯ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ދަ ޑިމޮކްރެޓްސްގެ ފަރާތުން އިލްޔާސް ލަބީބް ހުށަހެޅި އެ ގަރާރު ފާސްކުރީ ވެރިކަމުގަ އޮތް އެމްޑީޕީގެ ވެސް ތާއީދާއެކުއެވެ.
ރައީސް ސޯލިހު ވަނީ ނިޒާމީ ވޯޓު ނެގޭނީ، މަޖިލީހުގެ ޖުމްލަ 87 މެންބަރުންގެ ތެރެއިން ހަތަރު ބައިކުޅަ ތިން ބައިގެ ނުވަތަ 66 މެންބަރުންގެ ވޯޓާ އެކު ފާސްކުރުމަށް ފަހު ތަސްދީގުކުރުމަށް އެ މަނިކުފާނަށް ފޮނުވުމުން، އެ މަނިކުފާނު އިލެކްޝަންސް ކޮމިޝަނުގައި އެދިވަޑައިގަތުމުން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މަޖިލީހުގެ މި ގަރާރު ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔަ ނޭންގެވި ނަމަވެސް އިލެކްސަނަށް ވޯޓު ނަގަން ޖެހޭނެކަމަށް ބުނެ މަޖިލީހުން ވަނީ އީސީއަށް ގާނޫނީ ލަފާވެސް އަރުވާފައެވެ.

ފަހުގެ