ދިވެހިންގެ ހަމަޖެހުމާއި ގުޅިފައިވާ ވެރިކަމެއް ނުލިބުމުގެ ނަތީޖާއަކަށްވާނީ ބިރުވެރިކަމާއި ނާމާންކަމަށް ހުޅުވޭ ދޮރަކަށް

D275c738 D043 4346 9ec1 2168d0ed4dbf
ފުލުހުން ދިވެހި އަންހެނަކު އަނިޔާވެރިކޮށް ހައްޔަރު ކުރަނީ

ދިވެހިން ލިބިގެންފައިވާ ޑިމޮކްރަސީގެ ހަޔާތުގައި، ދިވެހިން ވަނީ ވަރަށް ބިރުވެރި ނުރައްކާތރި ދުވަސްތަކާއި ކުރިމަތިލާފައެވެ. އަދިވެސް އެދުވަސްތައް ހަނދާން ނައްތާލަން އުނދަގޫ އެތައް ބަޔަކު މިދިވެހި މުޖުތަމައުގައި ތިބޭނެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެނެވުނު ބަދަލާއި ގުޅިގެން، ގިނަ ރައްޔިތުންނަކީ ސިޔާސީ ކަންކަމުގައި އުޅެމުން އަންނަ ބަޔަކަށް ވެފައިވާއިރު، ވެރިކަންތައް ބަދަލުވުމާއި ގުޅިގެން ޤައުމަށް އަންނަ ހަލަބޮލިކަމާއި، ނުރައްކާތައް އެކިމިންވަރަށް އެކި ވެރިކަންކަމުގައި ދިވެހިންވާނީ ތަޖުރިބާ ކޮށްފައެވެ.

ރާއްޖެއަށް ގެނެވުނު ޑިމޮކްރަސީއާއި ގުޅިގެން ބަދަލުވި ފުރަތަމަ ވެރިކަމާއި އެކު ސިޔާސީ ޕާޓީތަކުގެ މެދުގައި އުފެދުނު ވާދަވެރިކަން އިތުރުވެ ގައުމުގައި ހަމަނުޖެހުމަށްވެސް ފުރުޞަތުހުޅުވިގެން ދިޔައެވެ. އަދި މިހަމަނުޖެހުންތައް ކުޑަކޮށް ދިވިހީންނަށް ހަމަޖެހޭ އަމާން މާހައުލެއް ޤާއިމް ކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރާ އެއްބަޔަކީ ނޫސްވެރިން ކަމާމެދު ޝައްކެއްވެސް ނެތެވެ.

ރާއްޖޭގެ ޑޮމޮކްރެޓިކް ހަޔާތުގައި ދިވެހިންނަށް ބިރުވެރިކަމާއި، ނާމާންކަން އިހުސާސްކުރުވި އަހަރުތައް ފެށުނީ 2013 އިން ފެށިގެންނެވެ. އޮކްޓޫބަރު، 2013 ގައި ރާއްޖެ ޓީވީ ހިންގި އިމާރާތަށް ބަޔަކު ވަދެ، އެތަނުގައި ރޯކޮށްލި ހާދިސާއަކީ މުޅި ރާއްޖޭގެ ނޫސްވެރިން ސިއްސުވާލި ބިރުވެރި ރަނގަބީލެކެވެ. މިހާދިސާގައި އެތަނުގައި ހުރި ހުރިހާ ސާމާނެއް ވަނީ އަނދައި ހުލިވެފަ އެވެ. އެ މައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރީ ހ. ގަސްވާ މުހައްމަދު މީއާދުގެ މައްޗަށެވެ.

ނޫސްވެރިންނަށް މިނިވަންކަމާއި އެކު ނޫސްވެރިކަން ކުރަން ބުރަ ނުރައްކާތެރި ދުވަސްވަރެއްގެ ގޮތުގައި ވެގެން ދިޔަ 5 އަހަރުގެ ވާހަކަ މިގައުމުގެ ރައްޔިތުން ހެކިވާނެއެވެ. މިދުވަސްވަރަކީ ދިވެހި ފުލުހުންގެ ފަރާތުންވެސް އެއްވެސް ރައްކާތެރި ކަމެއް ހިމާޔަތެއް ނޫސްވެރިންނަށް ނުލިބުނު 5 އަހަރެވެ. ފުލުހުންނަކީ “ގޭންގް” އެއް ގޮތަށް މަސައްކަތްކުރާ ބަޔައް ކަމަށް އެތައްބަޔަކު އޭރު ތުހުމަތު ކުރިއެވެ.

އެމެރިކާ ސަރުކާރުން ފަންޑުކޮށްގެން ހިންގާ ފްރީޑަމް ހައުސް އިން ނެރުނު “ފްރީޑަމް އޮފް ދަ ޕްރެސް 2017” ގައި ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ވަރަކަށް ނެތް ގައުމުތަކުގެ ތެރޭގައި ރާއްޖެ ވަނީ ހިމަނާފައެވެ. މި ލިސްޓްގައި ރާއްޖެ ހިމެނުނީ މީޑިއާތަކުގެ ކޮންޓްރޯލް ހޯދުމަށް ސަރުކާރުން ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކޮށްފައިވާ ކަންތައްތަކުގެ ސަބަބުން ކަމަށް އެރިޕޯރޓްގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން އަބުރާ ބެހުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، “އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު” އަކީ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުމަށް ދިމާވި މައިގަނޑު އެއް ސަބަބުގެ ގޮތުގައި އެޖަމިއްޔާއިން ސިފަކޮށްފައި ވެއެވެ.

އަދި ފުލުހުންގެ ފަރާތުން ނޫސްވެރިންނާއި މީޑީއާތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ގާނޫނުތަކާއި އިޖުރާއަތުތަކާ ޚިލާފަށް ނޫސްވެރިން ހައްޔަރުކޮށް ދައުވާ ކުރުމަކީ ރާއްޖޭގައިނޫސްވެރިކަމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ގޮތުގައި ސިފަކޮށްފައި ވެއެވެ.

އެ ޖަމިއްޔާ އިން ސިފަކޮށްފައިވާ ގޮތުގައި 2016 ވަނަ އަހަރަކީ ފާއިތުވެދިޔަ 13 އަހަރުގެ ތެރޭގައި ދިވެހި ނޫސްވެރިކަމުގެ ހާލަތު އެންމެ ދަށަށް ދިޔަ އަހަރެވެ. އެގޮތުން ނޫސްވެރިންނަށް ދީފައިވާ މަރުގެ ހަމަލާތަކާއި މީޑިއާތައް ނައްތާލުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިން ހަމަލާތަކުގެ ސަބަބުން މިދިޔަ އަހަރު ފާހަގަވަނީ ނޫސްވެރިކަމުގައި ކަޅު އަހަރެއްގެ ގޮތުގައި ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.

ދިވެހިންނަށް ލިބިފައިވާ ނޫސްވެރިކަމުގެ މިނިވަންކަން 2013 އިން ފެށިގެން 2018 އާއި ހަމަޔަށް އޮތީ ބިރުވެރި ނުރައްކާތެރި ދުވަސްވަރެއްގެ ގޮތުގައެވެ. އަދި އޭގެ ފަހުން ނޫސްވެރިންނަށް ހަމަނޭވާ ލެވި ނޫސްވެރިކަން ހިނގައިގެން ސްޕީޑް ބާރުކަން ދިވެހި އޮންލައިން މީޑިއާތައް ގިނަވި މިންވަރުން ސާފްވާނެއެވެ.

ނޫސްވެރިންގެ މަސްއޫލިއްޔަތަކަށް ވެފައި އޮންނަނީ އޭރެއްގެ އޮން ސަރުކާރު ޒިންމާދާރު ކުރުވުމާއި އެކު، ރައްޔިތުން ހެލުންތެރިކުރުވާ، ރަނގަޅު ޞައްހަ މައުލޫމާތު ފޯރުކޮށްދިނުން ކަމަށްވާއިރު، އެއްވެސް ޒިންމާދާރުކަމެއް ނެތި ފަތުރާ މައުލޫމާތު ތަކަށްވެސް ނޫސްވެރިން ފާރަވެރިވެ އެމައުލޫމާތުތަކުގެ ތެދު ދޮގު ރައްޔިތުންނަށް ހާމަކޮށްދެންވެސް ޖެހެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ހައްދުފަހަނާޅާ މިންވަރަށް ދިނުމަކީވެސް ގޯހެއްކަން މިއަދު މިވަނީ އަނެއްކާވެސް ދިވެހިން ޤަބޫލުކުރަން ފަށާފައެވެ. ހައްދެއް ނެތް މިންވަރަށް ދޮގު މައުލޫމާތު ފެތުރުމުގައި ރެޖިސްޓަރޑް މީޑިއާތައް މިވަނީ ހިނގަންފަށާފައެވެ. މައްސަލަ ބެލޭނެ ހަރުދަނާ ކޮމިޝަންތައް ނެތުމާއި، މައްސަލަ ނުބެލުމުގެ ނަތީޖާއަކަށް ވެގެން މިދަނީ މުޖުތަމައު ފިތުނަވެރިކަން އިތުރުވެ، ދޮގާއި ތެދު މައުލޫމާތަކީ ކޮބައިކަން ރައްޔިތުންނަށް އޮޅޭ ހިސާބަށް ގޮސް އެތައް އެތައް އެތައް މައްސަލަތަކެއް އުފެދުމެވެ. ދިވެހިން ދުށް އަނދިރި ދުވަސްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކޮންމެ ރައްޔިތަކުވެސް ދިވެހިންގެ ވެރިން އިހުތިޔާރުކުރުމުގައި ވިސްނުން އިސްކޮށް މާޒީއަށް ވަރަށް ބޮޑަށް ބަލާލަން ޖެހެއެވެ. ކަންކަން ހިނގާފައި ހުރިގޮތް ހޯދައި ބަލަންވެސް ޖެހެއެވެ. ޖަޒުބާތުގައި ޖެހި ވެރިކަން ފޮރޮޅާލުމަށް ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކަތަކުގެ ތެދު ދޮގު އޮޅުން ފިލުވުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއަކަށް ހަދަން ޖެހެއެވެ. އެހެން ނޫނީ ޑިމޮކްރަސީގެ ހަޔާތުގައި އަނެއްކާވެސް ފަހަތަށް ފިޔަވަޅު އެޅުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

ފަހުގެ