އަބްދުالله ވަހީދު: ދިއްދޫ ރައްޔިތުންގެ މެމްބަރުތަ? ނޫނީ އިބްރާހިމް މުހައްމަދު ސޯލިހު ދިއްދޫއަށް ކަނޑައެޅި ކަތީބުތަ?

ފޮޓޯ އިސްލާމިކް މިނިސްޓްރީ: ފޭސްބުކް

އަހުމަދު ނައީމް

ދެހާސް ނަވާރަ ވަނަ އަހަރު, ދިއްދޫ ރައްޔިތުން އޭރުގެ މެމްބަރު ބޭރުކޮށް, އާ މެމްބަރު އަބްދުالله ވަހީދު ހޮވީ ވަރަށް ފޮނި އުންމީދުގައެވެ. ސަބަބަކަށް ވަނީ, ރާއްޖޭގައި މިވަގުތު އޮތް ނިޒާމުން އާންމު މީހާއަށް ހައްގުތައް ހޯދަ ދިނުމުގައި އެންމެ އިސް ރޯލެއް އަދާ ކުރެވޭނީ މަޖިލީހުގެ މެމްބަރުންނަށް ކަމަށް ވާތީއެވެ. މިފަދަ ނިޒާމެއްގައި މެމްބަރުގެ އެންމެ ބޮޑު ޒިންމާއަކީ ސަރުކާރާއި އެހެނިހެން މުއައްސަސާތައް ޖަވާބުދާރީކޮށް އެ މުއައްސަސާތައް ހިނގަނީ ރަށްޔިތުންގެ ހައްގުގައިކަން ކަށަވަރު ކުރުމެވެ. މިކަންކަން ކަށަވަރު ކުރުވުމަށްޓަކައި މަޖިލީހުގެ ތެރޭގައި އަދި ބޭރުގައި ގިނަ ގުނަ މަސައްކަތްތަކެއް ކުރެވެން ހުރެއެވެ. އެގޮތުން, މަޖިލީހުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތަކަށް ބަލާނަމަ ގާނޫނު ހެދުމާއި އަދި އެ ގާނޫނުތައް ތަންފީޒު ކުރެވޭ ގޮތަށް ފާރަ ލުމާއި, މުއައްސަސާތައް ހާޒިރުކޮށް ޖަވާބުދާރީ ކުރުމާއި, ބަޖެޓް އެކުލަވާލުމާއި އަދި ހަރަދު ކުރެވެނީ ރަނގަޅަށްތޯ ބެލުން ހިމެނެއެވެ. މަޖިލީހުގެ ތެރެއިން މި މަސައްކަތްތައް ކުރިޔަށް ދާއިރު މެމްބަރުގެ ވިސްނުމާއި ހިޔާލާއި ފިކުރު ރަށްޔިތުމީހާގެ ހައްގުގައި ދެމި ހުންނާނީ އެ މަސައްކަތުގައި ރަށުމީހުންގެ އަޑު އަހައި ހިޔާލު ހޯދާނަމައެވެ. 

ނޫންނަމަ މެމްބަރުގެ ވިސްނުމާއި ހިޔާލާއި ފިކުރަށް އެހެންކަހަލަ ނުފޫޒުތައް ވަދެ, އަދި މެމްބަރުގެ އިހުލާސްތެރިކަން ގެއްލުމުގެ އިތުރުން ބޭނުންވެސް ކެނޑެއެވެ. މިގޮތުން މެމްބަރުންނަށް އަންނަ ނުފޫޒުތަކުގެ ތެރޭގައި ބޮޑެތި ވިޔަފާރިވެރިންގެ ނުފޫޒާއި އަދި ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ ނުފޫޒު ހިމެނެއެވެ. ގިނަ ފަހަރަށް އެކި ކަހަލަ ނުފޫޒުތައް ހުންނަނީ ގުޅި ލާމެހިފައެެވެ. މިސާލަކަށް ވަކި ވިޔަފާރިވެރިންގެ ނުފޫޒު ސިޔާސީ ޕާޓީއަކަށް ކުރާނަމަ, ސިޔާސީ ޕާޓީއިން މެމްބަރުންނަށް ފޯރުވާ ނުފޫޒުގައިވެސް އެ ވިޔަފާރިވެރިޔާގެ މަސްލަހަތު ހިމެނިދާނެއެވެ. ހަމަ އެހެންމެ ސަރުކާރުން މެމްބަރުންނަށް ނުފޫޒު ފޯރުވާއިރު, ސަރުކާރާއި އެއްދާނުވާ ވިޔަފާރިވެރިންގެ މަސްލަހަތު އިސްކުރުމަށް މަސައްކަތް ކުރެވޭނެއެވެ. މިގޮތުން މިއަދު ދިއްދޫ ދާއިރާގެ މެމްބަރު ވަހީދުގެ އަމަލުތައް ހުރި ގޮތަށް ބަލާއިރުވެސް, ދިއްދޫ މީހުންގެ މަސްލަހަތަށްވުރެ އެހެން ނުފޫޒުތައް އޮތްކަން ވަރަށް ބޮޑަށް ފާހަގަވެއެވެ.

އެގޮތުން ބަލާލާއިރު, އެންމެ ފުރަތަމަ ކަމަކަށް, ރައްޔިތުންގެ މަސްލަހަތު އިސްކުރުމަށް މެމްބަރުންނަށް ބޭނުންކުރެވިދާނެ އުކުޅުތައް ވަހީދުގެ ކިބައިން ނުފެންނަކަށް ފާހަގަ ކުރެވެއެވެ. މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަކާއި ގުޅިގެން, އެއީ ފާސް ކުރެވޭ ގާނޫނަކަސް, ކޮމިޓީއަކަށް ހުށައެޅޭ މައްސަލައަކަސް, އަދި ބަޖެޓްގެ މަރުހަލާގައި ކަމަށްވިޔަސް ރައްޔިތުންނާއި ބައްދަލުކޮށް މަޝްވަރާއާއި ހިޔާލު ނުހޯދާކަން ފާހަގަވެއެވެ. މެމްބަރުގެ 5 އަހަރުގެ ދައުރެއް ނިމެން ކައިރިވިއިރު, މަޖިލީހުގެ މަސައްކަތުގެ ބޭނުމަށް ވަހީދުގެ އޮފީހެއް ދިއްދޫގައި ނެތްތާނގައި ދިއްދޫ ރައްޔިތުންގެ ހިޔާލު ހޯދައި އަޑު އެހުމުގެ މަސައްކަތް ކުރާ ތަނެއް ނުފެނެއެވެ. މިކަންކަން ނުކުރާނަމަ މެމްބަރުގެ މަސައްކަތުގައި ރައްޔިތުންގެ އަޑު ކެނޑި, ރައްޔިތުންގެ އިހުސާސްތައް ނޭނގި, އަދި ރައްޔިތުންނާއި ދުރުވުމުގެ އިތުރުން މެމްބަރުގެ އަމިއްލަ މަސްލަހަތާއި ކުރިން ބުނެވުނު ނުފޫޒުތަކުގެ މަސްލަހަތު އިސްކުރެވެން ފަށައެވެ. 

ދެ ވަނަ ކަމަކަށް, މަޖިލީހުގެ މެމްބަރެއްގެ ޒިންމާ އަދާ ކުރުމުގެ ބަދަލުގައި ފެންނަނީ ސަރުކާރުގެ “އަނގަ”އެއް ހެނެވެ.  ވަހީދު އަމަލުތައް ހުރި ގޮތުން ބޮޑަށް ވައްތަރީ ސަރުކާރު ތަމްސީލު ކުރާ މަންދޫބެއް ނުވަތަ ކުރީ ޒަމާނުގެ ބަހުންނަމަ މައުމޫނު ނަގާފައި ހުންނަ ކަތީބެއް ހެނެވެ. އޭރު ކަތީބުންނަކީ ރައްޔިތުން ވޯޓުދިނުމުގެ ބަދަލުގައި, މައުމޫނުގެ ސީދާ ބާރުގެ ދަށުގައި އޮންނަ އެޓޮލްސް މިނިސްޓްރީން ހޮވާ ބައެކެވެ. ރަށު ތެރެއިން އޭރު ފެންނަމުންދާ ކަންކަމަށް ބަލާއިރު އެމީހުންގެ މާ ބޮޑު ސިޔާސީ ބާރެއް ނެތި, މާލޭން އަންގާ ގޮތަށް ރަށުގައި ކަންކަން ކޮށް, މާލޭން “ދުރުވާ” މިނިސްޓަރުންނާއި “އިސް ބޭފުޅުން”ގެ މެހެމާންދާރީ އަދާ ކުރާތަން ފެންނަމުންދިޔައެވެ. މެމްބަރު ދިއްދޫއަށް ކުރާ ދަތުރުތަކާއި ފޭސްބުކު ޕޭޖަށް ބަލާލުމުން މި ދެކަންތައްވެސް ވަރަށް ބޮޑަށް ހާމަވެއެވެ. އެގޮތުން އަހަރެން ވަހީދުގެ ފޭސްބުކު ޕޭޖުގައި މިއަހަރު ޖެނުއަރީ މަހުން ފެށިގެން ހުރި ޕޯސްޓުތަކަށް ނަޒަރު ހިންގާލީމެވެ. 

ވަހީދުގެ ފޭސްބުކު ޕޭޖުން ފެންނަން ހުރި މި އަހަރުގެ ކަންކަމަށް ބަލާލާއިރު މައިގަނޑު ތިން ގޮތަކަށް މިކަންކަން ހާމަވެއެވެ. އެންމެ ފުރަތަމަ, ވަހީދު ދިއްދޫއަށް ގިނަ ދަތުރުތަކެއް ކޮށްފައި ހުރީ ސަރުކާރުން ނިންމާ ޕްރޮޖެކްޓްތަކުގެ ރަސްމިއްޔާތާއި, ދިއްދޫގައި ބޭއްވޭ އެކި އެކި ކުޅިވަރު އަދި ތައުލީމީ އިނާމު ދިނިމުގެ ޖަލްސާތަކަށާއި ސަރުކާރުގެ އެކި އެކި ކެމްޕޭން ތަކަށްކަން ހާމަވެއެވެ. ދެ ވަނަ ކަމަކަށް, ސަރުކާރުން ދިއްދޫގައި ކުރިޔަށް ގެންދާ އުމްރާނީ މަސައްކަތްތަކުގެ ފޮޓޯތަކާއި އެކި އެކި ކަންކަމުގައި މީހުންނަށް މަރުހަބާ ކިޔައިފައި ހުރިކަން ފާހަގަ ވެއެވެ. މިސާލަކަށް ކޮންނަ ބޯޓުގެ ދަތްގަނޑެއްގެ ފޮޓޯއަކާއި, ބިލިއާޑް ބޯޑަކާއި, އަދި ވަރަށް ގިނަ ގިނައިން ކުލާސް ރޫމު ބަރިއެއް ގެ ފޮޓޯ ލާފަވެއެވެ. ތިންވަނަ އަދި އެންމެ ފަހު ކަމަކަށް, އެކި ފަހަރު މަތިން ގިނަގިނައިން ސަރުކާރުގެ މިނިސްޓަރުންނާއިއެކު ފޮޓޯ ނެގުމާއި ޖަލްސާތަކަށް ގޮސްފައި ހުރިކަން ފެނެއެވެ. މިހެން މިކަން ހުރިއިރު, ރައްޔިތެއްގެ ހައިސިއްޔަތުން އެންމެ ކަންބޮޑުވަނީ ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުން ފެންނަ މިއަހަރުގެ މިހާތަނަށް މަސައްކަތްކޮށްފައިވާ 13 ބިލާއި ގުޅޭ އެއްވެސް ވާހަކައެއް ފެންނަން ނެތްތާނގާއި, ހިޔާލެއްވެސް ހޯދާފައި ނެތީމައެވެ. 

ގާނޫނު ހެދުމާއި ފާސްކުރުމަކީ މަޖިލީހުން ކުރެވިދާނެ މުހިންމު މަސައްކަތްތަކުގެ ކުޑަ ކުޑަ މިންވަރަކަށްވާއިރު, ދިއްދޫ ރައްޔިތުން ދެކޭގޮތް އަހާފައި ނުވިޔަސް, ދިއްދޫ ރަށްޔިތުންގެ މައްޗަށްވެސް މިގާނޫނުތައް ހިނގާނެއެވެ. ބިލުތައް ހިނގަމުންދާ ބައެއް ދާއިރާތަކަށް ބަލާލާއިރު, ދައުލަތުގެ މާލިއްޔަތު, މަސައްކަތު މާހައުލާއި ގުޅުންހުރި ކަންކަން, އެކި އިންތިހާބުތަކާއި, އަދުލު އިންސާފު, ކުނި އަދި ކުޅިވަރާއި ބެހޭ ބިލުތައް ހިމެނެއެވެ. މިއީ ދިއްދޫ ރައްޔިތުންނަށްވެސް އަދި ދިވެހި ރާއްޖޭގައި ދިރި އުޅޭ އެންމެންނަށްވެސް ވަރަށް މުހިންމު ކަންކަމަށްވާއިރު, މި ކަންކަމުގައި ރައްޔިތުންގެ ބަހެއް ނުހޯދާނަމަ މެމްބަރުގެ ބޭނުމެއް ނެތެވެ. މި ކަންކަމުގައި މެމްބަރު އިސްކުރީ އަމިއްލަ މަސްލަހަތާއި ޖަވާބުދާރީ ކުރުވަންޖެހޭ ފަރާތްތައް ކަމުގައި ވިޔަފާރިވެރިންނާއި ސޯލިހުގެ މަސްލަހަތު ކަމުގައިވަނީ ނަމަ ރައްޔިތުން ވޯޓުލައި ހޮވުމުގެ ބަދަލުގައި އެޓޯލްސް މިނިސްޓްރީއެއް ހަދައި ކަތީބެއްގެ ގޮތުގައި ރަށަށް އައްޔަނު ކުރަން މާ ރަނގަޅުވާނެއެވެ. އަނެއްކާވެސް ދިއްދޫ ރައްޔިތުންގެ މެމްބަރެކޭ ކިޔައި މި ހޮވުނީ ސަރުކާރާއި އެހެން ބާރުތަކުގެ “އަނގަ”އެކެވެ.

ފަހުގެ