އީސީސީގެ މުސްތަޤުބަލާމެދު ސުވާލު އުފެދިފައި!

މިދިޔަ 2011 ވަނަ އަހަރު އައްޑޫގައި ބޭއްވި 17 ވަނަ ސާކް ސަމިޓް ބާއްވަން އިމާރާތްކުރި އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހުޅުވިތާ މިހާރު އަހަރަކަށްވުރެ ގިނަދުވަސް ވެފައިވާއިރު އެތަނުގެ ސަބަބުން އައްޑޫ ރައްޔިތުންނަށް އެއްވެސް ފައިސާއެއް ނުވެ ބޮޑެތި މައްސަލަތަކާ ވަނީ ކުރިމަތިވެފައެވެ.

އީސީސީގައި އެންމެ ފަހުން ބާއްވާފައި ވަނީ އެތަން ކުރީގެ ރައީސް މުހައްމަދު ނަޝީދު 2013ގެ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމުގެ ގޮތުން ރާއްޖޭގެ ދެކުނަށް “ވައުދުގެ ދަތުރު” ގެ ނަމުގައި ކުރެއްވި ކެމްޕެއިންގެ އެންމެ ފަހު ޖަލްސާ އެވެ.  އެއްވެސް ކަމެއް ނުކޮށް ބޭކާރުވެ ހަލާކުވެގެން ދިއުމުގެ ބިރާ އެތަނާ ކުރިމަތިވެފައިވާއިރު އައްޑޫ ރައްޔިތުންނާއި އައްޑޫގެ ތަރައްޤީއަށް ގޮވާލާ ޢާއްމު ރައްޔިތުންގެ ޝަކުވާތައްވަނީ އިންތިހާއަށް އިތުރުވެފައެވެ.

ދައުލަތުގެ ބަޖެޓުން 150 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ކުރީގެ ސަރުކާރުން ޢިމާރާތްކުރި އީސީސީގެ ކުރިމަގާ މެދު މިއަދު މިވަނީ ބޮޑެތި ސުވާލުތަކެއް އުފެދި އެވެ. އައްޑޫސިޓީގެ އެކަހެރި ސަރަހައްދެއްގައި ބޮޑު ޚަރަދެއްކޮށްގެން އެތަން އިމާރާތްކުރި އިރުވެސް އެފަދަ ސަރަޙައްދެއްކައި އެތަން ޢިމާރާތްކޮށްގެން އެދެވޭ ނަތީޖާއެއް ނުފެންނާނެކަމަށް ބުނި މީހުން ބައިވަރެވެ. އެއީ ވަގުތީ ސިޔާސީ މަންފާއެއް ޙާސިލްކުރުމަށް ނަޝީދުގެ ސަރުކާރުން ކުރި ބޭކާރު ޚަރަދެއްކަމަށް އޭރުވެސް ގިނަބަޔަކު ބުންޏެވެ. އެއީ ހަޤީގަތެއްކަމަށް ބުނުމުގެ ފުރުސަތު މިހާރު ވަރަށްބޮޑެވެ.

” އިސީސީ އަކީ އައްޑޫ ރައްޔިތުންގެ ވަރަށްބޮޑު އުންމީދުތަކަކާ ގުޅިފައިވާތަނެއް. ޚާއްސަކޮށް އެތަން ހިމެނޭ ސަރަޙައްދު ތަރައްޤީކޮށް ފަތުރުވެރިކަމަށް ހުޅުވާލާނެ ވާހަކަ ރައީސް ނަޝީދުގެ ސަރުކާރުން ދެއްކި. އެހެންނަމަވެސް. ސަރުކާރު ބަދަލުވުމާއެކު އެކަމަށް ކުރެވެމުންދިޔަ މަސައްކަތްތައް ހުއްޓުނީ. މިހާރު އެތަން ހިރަފުސް އަރައި ހަލާކުވެގެން އެދަނީ. އެއްވެސްބަޔަކުނެތް އެތަން ބަލަހައްޓާނެ. އެތަން ހިމެނޭ ސަރަޙައްދުގެ ސަލާމަތީ ކަންކަން އެމްއެންޑީއެފްއިން ބަލަހައްޓަމުންދޭ. އެހެންނަމަވެސް ކުޑަމިނުން ތަން ފޮޅާ ސާފުކުރެވޭނެ ގޮތެއްވެސް ނެތް. އައްޑޫ ސިޓީ ކައުންސިލުން އެކަންކުރަން ބަލާއިރު ބަޖެޓެއްނެތް.” އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު ޢަބްދުﷲ ސާދިގު (ސޯބެ) ވިދާޅުވިއެވެ.

ސޯބެ ވިދާޅުވެފައިވަނީ އީސީސީ ހުޅުވުނުއިރު އެތަނުގައި އަގުބޮޑު އެތައް މުދަލެއް ހުރިނަމަވެސް މިހާރު އެތަނުގައި ގޮނޑިމޭޒު ފިޔަވައި އެހެން އެއްވެސް މުދަލެއްވެސް ނެތްކަމަށެވެ. ސާކްސަމިޓް ނިމިގެން ދިޔައިރު އެތަނުގެ އިންވެންޓްރީއެއްވެސް ނަގާފައި ނެތުމުން އެކަންކަން ބެލުމަށްވެސް ވަނީ ދަތިތަކާ ކުރިމަތިވެފައިކަމަށް ސޯބެ ވިދާޅުވިއެވެ.

ސާކް ސަމިޓް ނިންމާލިތާ މާ ގިނަ ދުވަސްތަކެއް ނުވެ ކުރީގެ ސަރުކާރާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން އީސީސީ ބައިނަލްއަގްވާމީ ބީލަމަށް ވެސް ހުޅުވާލި އެވެ.  އިސީސީ ހިމެނޭ ސަރަހައްދުގައި މަދުވެގެން 100 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްގީކޮށް ހިންގުމަށް ހުޅުވާލި މިބީލަން ވަނީ ވަކިހިސާބަކުން ބާޠިލްކޮށްފައެވެ. އައްޑޫސިޓީ ކައުންސިލުން ބުނީ އެ ބީލަން ބާޠިލްކުރަންޖެހުނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ގައި ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމާ ގުޅިގެން އުފެދުނު ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ކަމަށެވެ.

މިހާރުގެ ސަރުކާރުން އީސީސީ އާމެދު އަދި ވަކި ޕްލޭނެއް އޮތްހެނެއް ހިޔެއް ނުވެއެވެ. ހަމަ ގައިމުވެސް އަދި މިހާތަނަކަށް ސަރުކާރުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން މިމައްސަލާބެހޭ ގޮތުން އެއްޗެއް ނުބުނެއެވެ. އަދި އީސީސީގެ މުސްތަޤުބަލާމެދުވެސް އެއްޗެއް ނުބުނެއެވެ. މިއީ އައްޑޫ ރައްޔިތުން ކަންބޮޑުވާ މައްސަލައެކެވެ.

ފަހުގެ