ދީނާ، ޤައުމަށްޓަކައި މަގޭ ސޮއި؟ މަގޭ އަޑު؟

ފަހަކަށް އައިސް ފެންމަތިވި ގިނަ އަދަދެއްގެ ގަދަ ކަމުން ކުޑަ، ބޮޑު މުސްކުޅިންނާ ޖިންސީ ގުޅުން ހިންގާ، ޖިންސީ ހާނިކައިގެ ވާހަކަ އަޑު ނާހާ ދިވެއްސަކު މިރާއްޖޭގައި ނުހުންނާނެ ކަން ޔަޤީނެވެ. މިއީ ވަރަށް ކަންބޮޑުވާން ޖެހޭ މައްސަލައެއްކަން އެންމެންވެސް ޤަބޫލުކުރާނެއެވެ. ހަމަ އެއާ އެކު މިއަހަރު ޕާޓީތަކުގައި 10000 މީހުން ހަމަނުވާ ޕާޓީތަށް އުވާލަން ނިންމި ނިންމުމުގެ ވާހަކަވެސް އެންމެންވެސް ވާނީ އަޑު އަހާފައެވެ. ލޮރީ ތަކުގައި މަގުމައްޗަށް ނިކުމެ "ދީނާ" ޤައުމަށްޓަކައި ކުރި ބޮޑެތި މުޒާހަރާތަކާއި، "ދީނާ" ޤައުމަށްޓަކައި ދިވެހިންގެ އެއާޕޯޓު ދިވެހިންނަށް ހޯދައި ދިނުމަށް 35000 މީހުންނަށްވުރެ ގިނަ މީހުންގެ ސޮއި ކުރު މުއްދަތެއްގެ ތެރޭގައި ހޯދި ވާހަކަވެސް ވާނީ އަޑު އަހާފައެވެ. ކޮންމެ އަކަސް އެވެރިންނަށް އެއާޕޯޓު ލިބިއްޖެއެވެ. ޖެހިހާ ލޮރީ ބުރުތަކާއި އަވީގައި މާލޭގެ އެކި ހިސާބުތަކަށް ހިނގާ ކުރި ބުރަ މަސައްކަތް ކާމިޔާބު ކުރިއެވެ.

މަގެއްގެ މަތިން "ދީނާ ޤައުމު" ދެކެ ލޯބިވާ ރައްޔިތުންނަށް ގޮވާލާ، ލޮރީ ބުރެއްގައި ކުލަ ފާޓާއެއް ހާކައިގެން ނިކުމެއްޖެ ނަމަ ބަލާނެވެސް ކަމެއްނެތެވެ. އެއީ ހަމަ ޤައުމު ދެކެވެ ލޯބިވާ އަޅުގަނޑުމެންގެ ހައްޤުތައް ހިމާޔަތްކުރާ ސިޔާސީ ޕާޓީތަކެވެ. އެބައި މީހުން ގޮވާލަނީ ޤައުމުގެ ހައްގުގައެވެ. ހަތިޔާރަކަށް ނަގަނީ "ދީނާއި ޤައުމެވެ".

މާލޭގެ އަދުގެ ހާލަތައް ބަލާލާއިރު އެއް ޕާޓީން އަވަދިނެތި ކޮންގްރެސްއަށް ތައްޔާރު ވަމުން އަންނައިރު، ކޮންގްރެސްގައި ވާދަކުރައްވާ ބޭފުޅުންގެ މަސައްކަތަކީ ރެޔާ ދުވާލު މޮޅެތި ވާހަކަ ދައްކާ ޓްވީޓްކޮށް ހެދުމެވެ. އަނެއް ޕާޓީން އަވަދިނެތި އިންތިހާބަށް ތައްޔާރުވާން މިންނެތް މަސައްކަތް ކުރަނީއެވެ. އެންމެ ބޮޑަށް ފާހަގަކުރެވެނީ 10000 މެމްބަރުން ހަމަނުވާ އަދާލަތު ޕާޓީން ސޮއި ހޯދުމަށް ޖައްސައިގެން އުޅޭ "ދީނާ ޤައުމުގެ" ކެމްޕޭނެވެ.

މީހަކު އަޖައިބުވެ އަންތަރީހެއް ނުވާނެ ހެއްޔެވެ. މިޤައުމުގައި މިދަނީ ރެޔާ ދުވާލު ކުޑަކުދިންނާއި މުސްކުޅިންނާއި ވަކި އުމުރެއް ޖިންސެއް ނެތި ހުރިހާ އެންމެނަށް އެކިވަރުގެ ޖިންސީ ގޯނާ ކުރަމުންނެވެ. އެނޫން އަޑެއް ނީވޭތާ 3 ހަފްތާވީއެވެ. ކުޑަކުދިންނަކީ ޤައުމުގެ ރައުސުލްމާލުކަމަށް ބުނެ އަޑުއަރުވާ ފަރާތްތައްވެސް ޤައުމުގެ މުސްތަގުބަލާއި ރައުސުލްމާލު "ރޭޕް" ކުރާއިރުވެސް ޗުއްޕުއޭވެސް ބުނެލާތަނެއް ނުފެނެއެވެ.

ރެޔާ ދުވާލު އެކި އުމުރު ފުރައިގެ މީހުންނަށް އެކިވަރުގެ ޖިންސީ ހާނިއްކަ ކުރަމުންދާއިރު އުފެދޭ ސުވާލަކީ މިއީ ހަމަ އެބުނާ ސައްތައިން ސައްތަ މުސްލިމް ޤައުމުބާވައެވެ؟ ރޭޕްކޮށް ޖިންސީ ހާނިއްކަ ކުރަމުން ދަނީ ބައްޕަ، ދޮން ބައްޕަ، ބޭބެ، ނުވަތަ ގާތްތިމާގެ މީހެކެވެ. ހުރިހާ ކޮޅަކަށްވެސް ވާން އިނގެނީ އިހުމާލެވެ. ޒިންމާ ނަގާނެ ހަމަ އެއްވެސް ފަރާތެއްނެއްތާ މި ކަމާ ދެކޮޅަށް އަޑު އުފުލާނެ ސިޔާސީ ޕާޓީއެއްވެސް ނެތީއެވެ. މިކަމާ ކަންބޮޑުވުން ފާޅުކޮށް ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ނޫސް ބަޔާން ގަނޑެއްހާ ހިސާބުވެސް ނެރެފައެއް ނުވެއެވެ. މައްސަލައެއް ފެންމަތިވެގެން މައްސަލަ ޖައްސާ ހިސާބުން ތަހުގީގު ކުރަންތިބޭ ފަރާތްތަށްވެސް އިހުމާލުވެ އެތައް މަހަކަށް ތަހުގީގުތައް ދަންމާލަނީއެވެ. އިންސާފު ނުލިބި ތިބީ ކިތައް މީހުންނަށް ހެއްޔެވެ؟

މިހާ ހިސާބުން އަޅުގަނޑުގެ ހިތުގައި އުފެދެނީ އެންމެ ސުވާލެކެވެ. އަދިވެސް މުހިންމީ "ދީނާއި ޤައުމުގެ" ހައްގުގައި ގިނަ ބައެއްގެ ސޮއި ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

  1. ޝަހީމް

    ދީނާއި ޤައުމަށްޓަކައި ދޯ ފަހަރި ކަންތައްކުރީ….