ޖިންސީ، ޖިސްމާނީ އަނިޔާ ހުޓުވުމަކީ ފަރުދީ ވާޖިބެއް!!!

ށ. ފޭދޫގައި 15 އަހަރުގެ ކުއްޖަކަށް ލިބުނު ދަރިފުޅު ވަޅުލައިފި. ކުޑަ އަންހެން ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި. އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގުމުގެ ތުހުމަތުގައި 49 އަހަރުގެ ފިރިހެނަކު ފ. ނިލަންދޫން ހައްޔަރުކޮށްފި. އަންހެން ދެ ދަރިންނާ އެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ނ. އަތޮޅު ރަށެއްގެ ބައްޕައަކު 24 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި. ގދ. ގައްދޫގައި އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގުމުގެ ތުހުމަތުގައި 54 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި. ށ. ފޭދޫގައި 15 އަހަރުގެ އަންހެން ކުއްޖަކަށް ލިބުނު ދަރިފުޅު ވަޅުލި މައްސަލަ. ކުޑަ ފިރިހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަމުން ދިޔަ ކަމުގެ ތުހުމަތުގައި 77 އަހަރުގެ ފިރިހެނަކު ހދ. ކުޅުދުއްފުށިން ހައްޔަރު ކޮށްފި. ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ ސަރުދާރެއްގެ ވަޒީފާގައި ހުރި މީހަކު، އެ ސްކޫލުގެ މަސައްކަތު މީހުންތަކަކާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ކުށް ސާބިތުވެއްޖެ. މާލޭ ގެއަކަށް ވަދެ 13 އަހަރުގެ ކުއްޖަކަށް ޖިންސީގޯނާކުރުމަށް ފަހު ފިލައިގެން އުޅޭ މީހަކު ހޯދަން ފަށައިފި.

މިއީ ހައްތަހާވެސް މިއަހަރު ޖެނުއަރީ 1 އިން ފެށިގެން އަޅުގަނޑުމެންނަށް އިވިގެން ދިޔަ އަޑު ތަކެކެވެ. ތުއްތު ތުއްތު މައުސޫމް ކުއްޖެއްގެ އިއްފަތް ފޭރިގަތް ވާހަކައެވެ. ނުވަތަ ތަންދޮރު އޮޅުން ނުފިލާވަރުގެ ކުޑަކުދިންނަށް މީހަކު ނުވަތަ ބަޔަކު ޖިންސީ އަނިޔާ ކުރި ވާހަކައެވެ. ރޭޕް ކުރި ވާހަކައެވެ. މީހަކު އޭނާގެ ފަހަރިޔާ ބެހުނު ވާހަކައެވެ. ބައްޕަ ނުވަތަ ދޮން ބައްޕަ އަމިއްލަ އަންހެން ދަރިފުޅާ އެކު ގަދަ ކަމުން ބަދުއަޚްލާޤީ އަމަލު ހިންގި ވާހަކައެވެ. ބައްޕަގެ ދަރިޔަކަށް ބަލިވެ އިން ވާހަކައެވެ. މިއީ ހައްތަހާވެސް މި ރާއްޖޭގައި ފާއިތުވެގެން ދިޔަ 9 ދުވަހުގެ ތެރޭގައި ހިނގާދިޔަ ހާދިސާ ތަކެވެ. ކަން ބޮޑުވެ އެކަމާ ދެކޮޅަށް ޗުއްޕުއޭ ބުނި ކަމާ ބެހޭ ފަރާތެއް ނެތެވެ. ޖެންޑަރ މިނިސްޓްރީގައި ތިއްބެވި މިފަދަ ކަންތައްތައް ބަލަން ހަވާލުކޮށްފައިތިބި ފަރާތްތަކާއި، ހިއުމަން ރައިޓްސް އޭ ކިޔައިގެން އަޑުގެ ތަށްމިނަށް ހަޅޭ ލަވަމުންދާ ފަރާތްތަވެސް ބީރު ކަންފަތެއް ދީގެން މިއަދާ ހަމަޔަށް ތިބީ މިއީ ކިހާވަރެއްގެ މައްސަލަ ތަކެއްކަން ނޭގޭތީ ބާވައެވެ؟

ތަފާތު ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ އަންހެނުންގެ ތެރެއިން ކޮންމެ 3 އަންހެނަކުން 1 އަކީ ޖިންސީ ނުވަތަ ޖިސްމާނީ އަނިޔާއެއް ލިބިފައިވާ އަންހެނެކެވެ. އަންދާޒާ ކުރެވޭ ގޮތުގައި 50000 އެއްހާ އަންހެނުންނަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި ޖިންސީ ނުވަތަ ޖިސްމާނީ އަނިޔާއެއްގެ ޝިކާރަޔަކަށް ވެފައިވާ އަންހެނެކެވެ. މިއީ ވިސްނާލަން ވެއްޖެ ކަމެކެވެ.

ކުޑަކުދިންނާއި އަންހެނުންނަށް ދެވޭ ޖިންސީ އަނިޔާތަށް ފަހަކަށް އައިސް އިތުރު ވެފައިވާ އިރު މިކަމަކީ ކިހިނެއް ވެގެން ކޮންބައެއްގެ އިހުމާލުން ވާކަންތައްތަކެއްތޯ ބެލުމަކީ މިއަދު ފަރުދީ ވާޖިބަކަށް ވެފައިވާ ކަމެކެވެ. ސަރުކާރުގެ ބޮޑެއް ނުވަތަ ނަން މަޝްހޫރު މީހެއްގެ ދަރިޔަކަށް މިފަދަ ކަމެއް ވެއްޖެ ނަމަ މުޅި ޤައުމުގައި އެވާހަކަ ނޫން ވާހަކައެއް ނޯންނާނެއެވެ. ޖެންޑަރ މިނިސްޓްރީ އާއި ހިއުމަން ރައިޓްސްއާ ފުލުހުންވެސް ރޯމަހެއް ތެޅޭ ހެން ތެޅޭނެއެވެ. މިހާރު ކަމާ ބެހޭ ފަރާތްތައް ހަނު ހުންނަނީ ނިކަމެތި ރައްޔިތު މީހާއަށް މިފަދަ ކަންތަކެއް ދިމާވުމުންނެވެ. މިއީ ދެބަސް ވެވެން ނެތް ހަޤީޤަތެވެ.

އަންހެނުންނާއި ކުޑަކުދިންނަށް ދެވޭ ޖިންސީ ހާނިކައިގެ ވާހަކަ ދައްކާއިރު ސަރުކާރާއި އަމިއްލަ އޮފީސް ތަކުގައި ހިންގާ ޖިންސީ ފުރައްސާރައިގެ އަމަލުތަކަކީވެސް މިމުޖުތަމައުގައި ބޮޑު ވެފައިވާ މައްސަލައެކެވެ. ވަޒީފާގެ ފުރުސަތުތަކަށް ކުރިމަތިލާ އަންހެން ކުދިންނަށް ވަޒީފާ ހަމަޖެހެނީ ގުނަވަނެއްގައި ހިފާލަން ދިނުމުން ނުވަތަ “ވަން ނައިޓް ސްޓޭންޑް” އަކަށް ފުރުސަތު ދިނުމުން ކަމީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. ސަރުކާރު އޮފީސް ތަކުގައި މަސައްކަތް ކުރާ އަންހެން ކުދިންނަށް މަޖުބޫރު ކުރުވައިގެން “ބޮސް”އަށް ކަނޑިކެ ހިއްލުވީކީ އިއްޔެއަކު މިއަދަކު ނޫނެވެ. އަޅުގަނޑުމެން “ތާހިރު” ކޮށްގެން ފަހުރުވެރިކަމާއި އެކު ކިޔާ ކާބަފައިންގެ “މުޑުދާރު” ތާރީހުން މިކަމަށް ހެކިވާނެއެވެ.

އަޅުގަނޑުމެންގެ ކުޑަކުޑަ މުޖުތަމައު އިން މި ހަޑި މުޑުދާރު އަމަލު ނައްތާލުމަކީ ހަމަ ކޮންމެ މީހެއްގެވެސް ވާޖިބެކެވެ. ކޮންމެ މީހަކުވެސް އަމިއްލަ މަސައްކަތެއްގެ ގޮތުން ރާއްޖޭގައި ތުއްތު ކުދިންނާއި އަންހެނުންނަށް ދެވޭ ޖިންސީ އަދި ޖިސްމާނީ އަނިޔާ ހުއްޓާލުމަށް މަސައްކަތް ފެށުމަކީ ފާގަތި މުސްތަގުބަލަކަށް އެޅޭ ވަރުގަދަ ބިންގަލަށް ވާނެއެވެ.

ފަހުގެ