ފޮރިން މިނިސްޓްރީން އިންޑިއާއަށް ދާން ވިސާ ނަންބަރު ދޫކުރަން ފެށިފަހުން ވިސާ ލިބޭ އަދަދު މަދުވެއްޖެ!!

ފޮރިން މިނިސްޓްރީން އިންޑިއާއަށް ދާން ވިސާ ނަންބަރު ދޫކުރަން ފެށިފަހުން ދުވާލެއްގެ މައްޗަށް ވިސާ ލިބޭ އަދަދު ކުރިއަށްވުރެ މަދު ވެއްޖެ އެވެ.

އިންޑިއާ ހައިކޮމިޝަނުން މީގެ ކުރިން ދުވާލަކަށް 35 ނަންބަރު ދޫކުރަމުން ދިއަނަމަވެސް ފޮރިން މިނިސްޓްރީން ވަނީ އެ އަދަދު 53 ކަށް ބަދަލުކޮށް އެސްއެމްއެސްގެ ޒަރިއްއާއިން ނަންބަރު ދޫކުރާގޮތަށް ހަމަޖައްސާފަ އެވެ. ނަމަވެސް ޓައިމްސް އަށް މައުލޫމާތު ލިބުނުގޮތުގައި ފޮރިން މިނިސްޓްރީން ޓޯކަން ނަންބަރު ދޫކުރަން ފެށިފަހުން، ދުވާލެއްގެ މައްޗަށް މިހާރު ވިސާލިބެނީ 35 މީހުނަށްވުރެ ވެސް މަދު މީހުނަށެވެ.

“މީގެ ކުރިން ކިއުޖެހިގެންވެސް 35 ނަންބަރު ނަގައިގެން 35 މީހުނަށް ވިސާ އެބަލިބޭ. އެކަމަކު މިހާރު ވިސާ މިލިބެނީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 25 މީހުނަށް. ނޫނީ އެއަށްވުރެ މަދުން. އެސްއެމްސް ކޮށްފައި ފޮރިން މިނިސްޓްރީން ނަންބަރު ލިބޭނެކަމަށް ފުރައިގެންދާއިރުވެސް ވިސާ ނުލިބޭ މީހުން އެބަތިބޭ.” އިންޑިއާއިން ވިސާހޯދުމުގައި ދިވެހިންނަށް އެހީތެރިވަމުން އަންނަ އިންޑިއާ ހައިކޮމިޝަނާއި ގާތް ގުޅުންއޮތް މީހަކު ބުންޔެވެ.

މީގެއިތުރުން އިންޑިއާއަށް ދިއުމަށް ވިސާހޯދުމަށް މަސައްކަތްކުރާ ބައެއް މީހުނާއި ވާހަކަ ދައްކާލުމުން ބުނީ ފޮރިން މިނިސްޓީން ޓޯކަން ނަންބަރު ދޫކުރަން ފެށިފަހުން ވިސާލިބެން އުނދަގޫކަމަށެވެ.

“އަޅުގަނޑަށް މާރަނގަޅު އިންޑިއާ އެންބަސީ ކައިރީ ކިއުޖެހިގެން ވިސާ ނަގަންވެސް. ފޮރިން މިނިސްޓްރީން ނަންބަރު ލިބޭތޯ ހަފްތާއެއް ވަންދެން ހުންނައިރުވެސް ނަންބަރެއް ނުލިބޭ. ފުރާދުވަސް ޖެހޭއިރުވެސް ވިސާނުލިބޭ.” އިންޑިއާއިން ބޭސްފަރުވާކުރަން ވިސާ ހޯދަން މަސައްކަތް ކުރަމުން އަންނަ މީހަކު ބުންޏެވެ.

ޖީއެމްއާރު ފޮނުވާލުމާއެކު، އިންޑިއާ އަށް ދާ ދިވެހިންނަށް އޮންނަ ޓޫރިސްޓް ވިސާ ޕޮލިސީ ތާށިކުރުމާ ގުޅިގެން ހައި ކޮމިޝަނަށްދޮށުގައި މީހުން ކިއުޖެހެން ފެށުމުން އެކަން ހުއްޓުވާލުމުގެ ގޮތުން ފޮރިން މިނިސްޓްރީން ވިސާ ޓޯކެން ނަންބަރު ދޫކުރަން ފަށާފައިވަނީ 2012 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ފަހުކޮޅެވެ.

ޓޫރިސްޓުންގެ ގޮތުގައި ޒިޔާރަތްކުރާ މީހުންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދިނުމަށް ދިވެހިރާއްޖެ އާއި އިންޑިއާ އިން އެއްބަސްވީ މީގެ 33 އަހަރު ކުރިންނެވެ. ރާއްޖެއިން ޖީއެމްއާރު ބޭރުކޮށްލި ފަހުން އިންޑިއާއިން ވަނީ ޓޫރިސްޓު ވިސާގައި އިންޑިއާއަށް ގޮސް އެހެން ބޭނުންތައް ކުރާ މީހުން ޑީޕޯޓުކުރަން ޖެހިދާނެ ކަމަށް ބުނެ ހަރުކަށި އިންޒާރެއް ދީފަ އެވެ.

އިންޑިއާ އަށް ދާ ދިވެހިންނަށް ކުރިން އެ ގައުމުން ދީފައި އޮތް ވިސާގެ ލުއިފަސޭހަ ކަމަށް ތާށިކަން ގެނެސް، ވިސާ ލިބުމުގައި އުނދަގޫތަކެއް ކުރިމަތިވީ ޖީއެމްއާރު އަތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަތުލައި އެ ކުންފުނި ބޭރުކޮށްލުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފަ އެވެ.

ފަހުގެ