އިއްޔެ އަމަލު ކުރަން ފެށި އާއްމު ގިނަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލްކުރުން މަނާ ޤަވާއިދުގެ ދަށުން މާލޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ 13 ތަނެއްގެ ލިސްޓު ސެންޓަ ފޮ ކޮމިއުނިޓީ ހެލްތު ޑިޒީޒް ކޮންޓްރޯލް (ސީސީއެޗްޑީސީ) އިން އާއްމުކޮށްފި އެވެ.
ޖުމްހޫރީ މައިދާނާއި އަޑު ޕާކާއި ހެލިޕޭޑް ސަރަހައްދާއި ކުޑަކުދިންގެ ބަގީޗާ އާއި އަތިރިމަތި ނުވަތަ ރަށު ތެރޭގައި ވެސް ކުޑަކުދިންނަށް ހާއްސަ ތަނެއްގައި ދުންފަތުގެ އިސްތިއުމާލެއް ނުކުރެވޭނެ އެވެ. އަދި މީގެ އިތުރުން ޖެޓީތަކާއި ރަސްމީ ފާލަމާއި ބަނދަރުތަކާއި ފެރީ އޮޕަރޭޓްކުރާ ސަރަހައްދުތަކާއި އާޓިފިޝަލް ބީޗުގައި ބޯޑު ޖަހާފައިވާ ސަރަހައްދާއި ދަތުރުވެރިން މަޑުކޮށްލުމަށް ހަދާފައިވާ ތަންތަން ތަން ވެސް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށްފައިވާ ތަންތަނެވެ.
އަދި މީގެ އިތުރުން މަގުހުރަސް ކުރަން ކަނޑައަޅާފައިވާ ލައިންތަކާއި މަސްމާރުކޭޓާއި ލޯކަލް މާރުކޭޓް އަދި ވަގުތީ މާރުކޭޓާއި ބަސް ސްޓޮޕްތަކާއި ޓްރެފިކް ލައިޓްތަކާއި ގާޑިއާތަކާއި ޓްރެކް ސަރަހައްދާއި ސުނާމީ ބިނާ އާއި މާލޭ ހުޅަނގު ފަރާތު ތޮށިގަނޑުގައި މީހުން އިށީނުމަށް ޚާއްސަކޮށްފައިވާ ތަންތަނުގައި ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސީސީއެޗްޑީސީން މަނާކޮށްފައިވާ ތަންތަނެވެ.
މި ޤަވާއިދުގެ ދަށުން ސްކޫލްތަކާއި މިސްކިތްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނާއި ކުޅިވަރު ކުޅޭ ތަންތަނާއި އޮފީސް އިމާރާތްތަކުގައި ވެސް ދުންފަތުގެ އިސްތިއުމާލެއް ނުކުރެވޭނެ އެވެ.