ދިހަހާސް މީހުން ހަމަނުވާ ޕާޓީތައް އުވަލާ ޤާނޫނު ތަސްދީގު ނުކުރުމަށް އިބްރާ އިލްތިމާސްކޮށްފި

ދިހަހާސް މީހުން ހަމަނުވާ ޕާޓީތައް އުވަލާ ގޮތަށް ފާސްކުރި ޤާނޫނު ތަސްދީގު ނުކުރުމަށް އިބްރާހިމް އިސްމާއިލް (އިބްރާ) އިލްތިމާސްކޮށްފިއެވެ. އިބްރާ ރައީސް ވަހީދަށް މިގޮތަށް އިލްތިމާސްކުރެއްވީ ރާއްޖެ ޓީވީން ގެނެސްދޭ ބޮޑުސުވާލު ޕްރަގުރާމްގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ. މިޤާނޫނު ތަސްދީޤު ކުރުމުގެ ކުރިން ރަނގަޅަށް ބައްލަވައި ދިރާސާ ކުރެއްވުމަށްވެސް ވަހީދުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށް އިބްރާ ވަނީ ވިދާޅުވެފައެވެ.

ސޯޝަލް ލިބަރަލް ޕާޓީގެ ލީޑަރ އިބްރާހިމް އިސްމާއިލް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ މަދުކުރުމަށް ކަމަށް ބުނެ، ސިޔާސީ ޕާޓިތައް މަދުކުރުމަށް މިހެދި ޤާނޫނަކީ އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ވަކި ކަންތައްތަކެއް ހާސިލް ކުރުމަށް މަޖިލީހުގައި މެޖޯރިޓީ އޮތް ބޮޑެތި ޕާޓީތަކުން ކޮށްފައިވާ ކަމެއް ކަމަށެވެ. އެގޮތުން މަޖިލީހުގައި މެޖޯރިޓީ މިވަގަތު އޮތް އެމްޑީޕީ، ޕީޕީއެމް އަދި ޑީއާރުޕީގެ ނަން އިބްރާ ފާހަގަ ކުރެއްވިއެވެ. ” މިޤައުމުގައި ހަމައެކަނި އޮންނަން ޖެހޭނީ ތިން ޕާޓީ ކަމަށް މަޖިލީހުގައި މެޖޯރިޓީ އޮތް ޕާޓީތަކުން ހީކުރަނީ. ގިނަ ޕާޓިތައް އޮވެގެން ދައުލަތުން އެޕާޓީތަކަށް ފައިސާ ނުދޭނެ ގޮތެއް ކަނޑައެޅިދާނެ. އެކަމަކު އެޕާޓީތައް އުވާލުމަށް ޤާނޫނެއް އެގޮތަށް ފާސްކުރިޔަސް އެޤާނޫނު ތަސްދީޤު ނުކުރަށްވައި އެއާއި މެދުން އަލުން ވިސްނުމަށް މަޖިލީހަށް ފޮނުވަން ރައީސް ވަހީދަށް އިލްތިމާސްކުރަން” އިބްރާ ވިދާޅުވިއެވެ

ރޭ ރާއްޖެ ޓީވީގެ ބޮޑު ސުވާލު ޕްރަގުރާމްގައި ވާހަކަފުޅު ދައްކަވަމުން އިބްރާ ވިދާޅުވީ، ޕާޓީތައް އުވާލުމަކީ ޤާނޫނު އަސާސީން ލިބިދޭ އަސާސީ ހައްޤެއް ނިގުޅައިގަތުން ކަމަށާއި، އެގޮތުން ޖަމްއިއްޔާ ޖަމާއަތް ހަދައި ހިންގުމުގެ ހައްޤަކަކީ ކޮންމެ ފަރުދަކަށްމެ ލިބިދީފައިވާ ހައްޤެއްކަން ޤާނޫނު އަސާސީގައި ވަރަށް ތަފްސީލްކޮށް ބުނެދީފައިވާނެ ކަމަށެވެ. އިބްރާ ވިދާޅުވީ ކޮންމެ ޕާޓީއެއްވެސް އުފެދިފައިވަނީ ތަފާތު ފިކުރެއްގައި ކަމަށެވެ. އެހެންކަމުން އެމްޑީ، ޕީޕީއެމް، ޑީއާރުޕީ ނުވަތަ ޖުމްހޫރީ ޕާޓީގެ ފިކުރަށް ޤައުމުގެ ބާކީ ތިބިހާ ބަޔަކު ބަދަލުނުވާނެ ކަމަށެވެ. އެހެން ކަމުން ކޮންމެ ޕާޓީއެއްވެސް އެ ޤާބޫލުކުރާ ފިކުރެއްގައި ހިންގުމުގެ ހައްޤު އޮންނަންވާނެ ކަމަށެވެ.

ދިހަހާސް މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވާލުމަށް މަޖިލީހުން އެންމެ ފަހުން ފާސްކުރި ޤާނޫނުން ދޭހަވަނީ ސިޔާސީ ޕާޓީއެއް އެކުލަވާލެވޭނީވެސް އެއްފަހަރާ ދިހަހާސް މީހުންނަށް އެއްފިކުރެއް އައިސްގެން ކަމަށް ޤަބޫލުކުރެވޭ ކަމަށާއި، އެހެން ނަމަވެސް އެކަމަކީ ވާނޭ ކަމެއް ނޫން ކަމަށް އިބްރާ ވިދާޅުވިއެވެ. އަދި ސިޔާސީ ޕާޓިތައް ގިނަވުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި، ކޮންމެ މީހަކަށްވެސް ޕާޓީ ހެދުމުގެ ހައްޤު ލިބިގެންވާ ކަމަށެވެ.

ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ޤާނޫނު އަސާސީ އެކުލަވާލުމުގައި ގިނަ މަސައްކަތްތަކެއް ކުރަށްވާފައިވާ އިބްރާހިމް އިސްމާއިލް އަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ވުޖޫދަށް ގެނައުމުގައި ވަރަށް ބުރަ މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ގިނަ މަސައްކަތްތަކެއް ކުރަށްވަމުން އަންނަ އިބްރާއަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސްގެ ސެޕެޝަލް އެޑްވައިޒަރެއްގެ ހައިސިއްޔަތުން މަސައްކަތްވެސް ކުރެއްވި ބޭފުޅެކެވެ. އިބްރާ ރޭ ވިދާޅުވީ މިހާރުވެސް އިބްރާ ހުންނެވީ އެމްޑީޕީ ކޯލިޝަންގައި ކަމަށެވެ.

ފަހުގެ