މެސީއަށް 250 މިލިޔަން ޔޫރޯގެ ބިޑެއް ހުށަނާޅާކަމަށް އަންޒީން ބުނެފި

ބާސެލޯނާގެ ތަރި ލިއޮނަލް މެސީއަށް 250 މިލިޔަން ޔޫރޯގެ ބިޑެއް ރަޝިޔާގެ ކުލަބެއްކަމަށްވާ އަންޒީން ހުށަހެޅި ކަމަށް ދެކެވޭ ވާހަކަ އެކުލަބުން ދޮގުކޮށްފިއެވެ.

ރަޝިޔާގެ ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފައިވާ ގޮތުގައި މެސީއަށް ރަޝިޔާގެ ކުލަބުން ސީޒަނަކަށް 30 މިލިޔަން ޔޫރޯގެ ބިޑެއް ހުށައެޅި ކަމަށާއި އެހެން ނަމަވެސް އެބިޑް ގަބޫލު ނުކޮށް މެސީ އިތުރު 5 އަހަރަށް ބާސާއާ އެކު ކޮންޓްރެކްޓް އައުކޮށްފައިވާ ކަމަށެވެ.

މިވާހަކަތައް ސްޕެއިންގެ ހަބަރު ފަތުރާ ވަސީލަތްތަކުގައި ވަރަށް ބާރަށް ފެތުރެމުން ދަނިކޮށް އަންޒީގެ ތަރުޖަމާން ޖާރމަން ކަޗެންކޯ ބުނީ މިއީ އެއްވެސް ހަޤީޤަތެއް ހިމެނޭ ވާހަކަތަކެއް ނޫންކަމަށެވެ.

“އެއީ އެއްވެސް ހަޤީޤަތެއް ހުރި ވާހަކަތަކެއް ނޫން. މި ހަބަރުތައް ފެތުރަމުންދާ ފަރާތްތަކަށް ނޭގެ އަންޒީގެ ސްޕޯޓިންގ މޮޑިއުލް ފަރުމާ ކުރެވިފައިވާ ގޮތެއް. އަދި ކުލަބުން ގަބޫލުކުރާ އުސޫލުތަކެއްވެސް” ކަޗެންކޯ ބުނެފައިވެއެވެ.

ބާސެލޯނާއަށް ކުރިން ކުޅުނު ސެމުއެލް އެޓޫއަކީ މިވަގުތު އަންޒީއަށް ކުޅެމުންދާ މަޝްހޫރު ކުޅުންތެރިން ތަކުގެ ތެރެއިން އެކަކެވެ. އަދި އަހަރަކު އެޓޫއަށް އަންޒީން ދެމުންދާ 20 މިލިޔަން ޔޫރޯގެ ސަބަބުން އޭނާ ވެގެން ގޮސްފައިވަނީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔާއަށެވެ.

ފަހުގެ