ސްޕްރީމް ކޯޓުން ގާނޫނާ ހިލާފު އަމުރު ނެރޭ

ސްޕްރީމް ކޯޓުން ގާނޫނާ ހިލާފަށް އަމުރު ނެރޭކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ކޮރޮޕްޝަން ހުއްޓުވުމުގެ ބިލަށް ބަހުސްކުރައްވަމުން ނާޒިމް ރަޝާދު ވިދާޅުވީ، މިހާރު އޮތް އެންޓި ކަރޮޕްޝަން ކޮމިޝަނުގެ ގާނޫނުންވެސް ކަރަޕްޝަން ހުއްޓުވުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތަކުގެ ބާރު ލިބިދީފައިވާ ކަމަށެވެ. މިގޮތުން އެގާނޫނުގެ 21 ވަނަ މާއްދާއިން ހިނގަމުންދާ ޕްރޮޖެކްޓެއް ހުއްޓާލުމަށް ޓަކައިވެސް ލަފާ އެރުވިދާނެ ކަމާއި،. މިގޮތުން ނެކްސްޓްބިޒްގެ ޕްރޮޖެކްޓު (ބޯޑާކޮންޓްރޯލް ސިސްޓަމް) ހުއްޓާލުމަކީ އެންޓިކަރޮޕްޝަން ކޮމިޝަނަށް ލިބިގެންވާ ބާރެއްކަން އެނގޭ ކަމަށެވެ.

"އެހެން ނަމަވެސް ދިމާވެގެން އުޅޭ މައްސަލައަކީ، އެންޓި ކަރަޕްޝަން ކޮމިޝަނުގެ ގާނޫނުގަ ކަނޑައެޅިގެން ލިޔެފައެއްނެތް މިގާނޫނާ ހިލާފަށް އެއްވެސް އަމުރެއް ނުކުރެވޭނޭއެކޭ. މި އިބާރާތް ނެތީމާ މިވާގޮތަކީ ސްޕްރީމް ކޯޓުން ގާނޫނާ ހިލާފަށްވެސް އަމުރުތައް ނެރެނީ"

ކޮރަޕްޝަން ހުއްޓުވުމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އިތުރު ބިލެއް ހުށަހަޅުވާފައިވަނީވެސް މިފަދަ ކަންތައްތައް މިގޮތަށް ހިނގާތީކަމަށްވެސް ނާޒިމް ރަޝާދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިބެނީ ސްޕްރީމް ކޯޓު މިބަސް އަޑުއިވުނަސް ބިރުގަންނަ ކަމަށްވެސް ނާޒިމް ރަޝާދު ވިދާޅުވި އެވެ.

އެންޓި ކޮރޮޕްޝަން ކޮމިޝަނުގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ދިރާސާކޮށް އަޅަންޖެހޭ ފިއަވަޅުތަކާބެހޭ ލަފާ ކަމާބެހޭ އިދާރާތަކަށް ދިނުމަކީ އެ ކޮމިޝަނުގެ މަސްއޫލިޔަތެއް ކަމަށެވެ. އަދި ކޮރަޕްޝަން ހުއްޓުވުމަށްޓަކއި ދިރާސާތައްކޮށް، އަޅަންޖެހޭ ފިއަވަޅުތަކާބެހޭ ލަފާ ކަމާބެހޭ އިދާރާތަކަށް ދިނުމަކީވެސް އެންޓި ކޮރޮޕްޝަން ކޮމިޝަނުގެ މަސްއޫލިޔަތެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

  1. މަރީ

    ސްޕްރީމް ކޯޓް ތަކުގެ ޙުކުމަށް ބަލާވިސްނާއިރު، އެއްވެސް އަދުލުވެރިކަމެއެ ނުފެނޭ. ހަމަ ބޭނުންވީމާ، ބޭނުންވާ ގޮތަކަށް ބޭނުންވާ ވަގުތަކު އަމުރުވެސް ނެރޭ. މައުމޫނުގެ ޚިޔާނާތް ފަޅައަރާފާނެ ކަމަށް ބިރު ހީވާ ކޮންމެ ކަމެއްގައި އެއްވެސް ޢަދުލު ވެރިކަމެއް ނުފެނޭ، އުއްތަމަ ފަނޑިޔާރަކީވެސް މަރުގަންނަވާނެ ﷲ ގެ އަޅެއް، އެކަމަކު ހީވަނީ ދުވަހަކުވެސް މަރުގަންނަވާނެ، އަދި އާޚިރަތް ދުވަސް ވެސް އޮތް ކަމަށް ގަބޫލުކުރާ މީހެއް ނޫންހެން. އުއްތަމަ ފަނޑިޔާރުގެ ރައުޔާ ސީދާ ޚިލާފަށް އެހެން ފަނޑިޔާރުންގެ ރައުޔު ނެރެނީ ރޭވިގެން ހިނގާ ކުށާކާ ވައްތަރު ގޮތެއް ހުކުމް ތަކުން ފެނޭ. އެހެންވީމާ ގާނޫނަކުން މިކަމަށް ހައްލު ގެންނަންޖެހޭ ، ސްޕްރީމް ކޯޓަކީ އެންމެ ފަހުގެ ނިޔާ އިއްވާ ފަރާތަށް ވީހިނދު އަޣުލަބިއްޔަތުން ކަންކަން ނިންމުމަކީ ވަރަށް ބޮޑަށް ނާއިންސާފު ލިބޭ ކަމެއް. އެހެންވެ މިނޫން ގޮތަކަށް މިކަން ކުރެވޭނެ ރަގަޅުގޮތެއް ހޯދަން ގޮވާލަން

  2. ސަރާ

    ނާޒިމް ރަޝާދަށް ބުނެލަން އޮތީ ތިމަޖްލިސްގެ ތެރެއަށް ވަދެވިއްޖިއްޔާ ސްޕްރީމް ކޯޓޭ ކިޔަންވެސް އަދި ﷲ އަށް ޝިރުކުވާން ވެސް ކެރޭނެއެވެ. ތިޔަ މެމްބަރުން ދެކޭގޮތުގައި ތިޔަބައިމީހުން ތިތާ ތެރޭ ދައްކާ ވާހަކަ ތަކާއި، ހަދާ ދޮގުތަކަކީ އަޒާބު ލިބޭނޭ ވާހަކަ ތަކެއް އަދި ދޮގުތަކެއް ނޫން ވިއްޔާއެވެ.