އެންޓި ކޮރޮޕްޝަން ކޮމިޝަނުން ނިންމި މައްސަލަތަކުގެ 72 ޕަސަންޓު ހުރީ ކޯޓަށް ނުފޮނުވައި

މާލިއްޔަތު ކޮމެޓީން ބެލި ބެލުމުން އެނޓި ކޮރޮޕްޝަން ކޮމިޝަނުން ވޭތުވެދިއަ ތިން އަހަރުތެރޭ ފޮނުވި މައްސަލަތަކުގެ 72 ޕަސަންޓު މައްސަލަ ހުރީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މޭޒު މަތީގައިކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ކޮރޮޕްޝަން ހުއްޓުވުމުގެ ބިލަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ އެންޓިކޮރޮޕްޝަން ކޮމިޝަން ބާރުވެރި ކުރުވިއަސް އެންޓި ކޮރޮޕްޝަން ކޮމިޝަނުން ބަލާ މައްސަލަތައް ކޯޓުތަކާ ހަމައަށް ދިއުމުގެ މަގު ވަނީ ބަނދުވެފައި ކަމަށެވެ.

“މާލިއްޔަތު ކޮމެޓީން ބެލި ބެލުމުން އެނޓި ކޮރޮޕްޝަން ކޮމިޝަނުން ވޭތުވެދިއަ ތިން އަހަރުތެރޭ ފޮނުވި މައްލަތަކުގެ 72 ޕަސަންޓު މައްސަލަ ހުރީ ޕްރޮސެކިއުޓަރ ގެނެރަލްގެ މޭޒު މަތީގަ. ޕްރޮސެކިއުޓަރ ޖެނެރަލް އެ މައްސަލަތައް ކޯޓަށް ފޮނުވާފައެއް ނުވޭ. އަދި އެ މައްސަލަތަކާ ބެހޭގޮތުން ނިންމެވި ގޮތެއް އަންގަވާފައެއްވެސް ނުވޭ.” ނާޒިމް ވިދާޅުވި އެވެ.

ކޯޓުތަކަށް މައްސަލަ ނުފޮނުވާނަމަ މައްސަލަތަކާމެދު ފިއަވަޅެއް ނޭޅޭނޭ ކަމަށާއި، މިގޮތަށް ހުރި މައްސަލަތައް ރައްދުވާ ބައެއް ބޭފުޅުންވެސް ސަރުކާރުގެ މަގާމުތަކަށް ހަމަޖެހިގެންދާތަންވެސް އެބަފެންނަ ކަމަށް ނާޒިމް ވިދާޅުވި އެވެ.

“ސަބަބަކީ އެ ބޭފުޅުންގެ މައްސަލައެއް ނެތްކަމަށް ނުވަތަ ދައުވާ ނުއުފުލިވާތީ އެބޭފުޅުން މަގާމުތަކަށް އައްޔަނުކުރެވި އަދި އެބޭފުޅުން ކޮރަޕްޝަންގެ އަމަލުތައްކުރުމަށްވެސް ފުރުސަތު ތަނަވަސްވެގެން އެބަދޭ. މިގާނޫނު އިސްލާހަށްއައުމާއެކު އަޅުގަނޑުމެން އެބަ އިސްލާހުކުރަންޖެހޭ ޕްރޮސެކިއުޓަރ ޖެނެރަލްގެ ގާނޫނުވެސް.”

ނާޒިމް ވާހަކަ ކުރިއަށް ގެންދަވަނިކޮށް މައްޗަން ގޯޅު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު، ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި “ދިވެހިރާއްޖޭގެ އެންމެ ކޮރޮޕްޝަން ބޮޑު މީހާ ކޮރޮޕްޝަނާ ބެހޭގޮތުން ވާހަކަ ދައްކާތީ އަޅުގަނޑު ވަރަށް ކަންބޮޑުވޭ” ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރިއާސަތުން ވަނީ އެއީ ނިޒާމީ ނުކުތާއެއް ނޫންކަމަށް ނިންމާފަ އެވެ.

ފަހުގެ