ކައުންސިލްތަކުގެ ކަންތައްތައް އަދިވެސް އޮތީ 30 އަހަރުގެ ނިޒާމުގެ ތެރޭގަ

ކައުންސިލްތަކުގެ ކަންތައްތައް އަދިވެސް މިއޮންނަނީ ކުރީގައި އޮތް 30 އަހަރުގެ ނިޒާމުގެ ތެރޭގައިކަމަށް މާފަންނުދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

އިއްޔެ ރަތްޔިތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ، ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައިވާ  ހުރިހާ ބިންތަކާއި އެހެނިހެން ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ގުދުރަތީ ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު އަދިވެސް ނެތް ކަމަށެވެ.

"އަދިވެސް މިއޮންނަނީ ކުރީގައި އޮތް 30 އަހަރުގެ ނިޒާމުގެ ތެރޭގައި މި އޮންނަނީ، މާލެ އަށް ސިޓީ ފޮނުވައިގެން ކަންތައްތަކުގެ ހުއްދަނަގަން މި އޮންނަނީ. އޭގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް މި އޮންނަނީ ފޯރުކޮށް ނުދެވިފަ. ބިން ބިމާ ބެހޭ މައްސަލަތައްވެސް މި އޮންނަނީ މައްސަލަގަނޑެއްގެ ތެރޭގައި." އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

އިބްރާހިމް ރަޝީދު ވިދާޅުވީ ދާދިފަހުން އެމްޑީޕީން ކުރި ވައުދުގެ ދަތުރުގައި ހދ. މަކުނުދޫގެ ކައުންސިލަރުންނާއި ދިމާވި ކަމަށާއި، މިއަދާހަމައަށްވެސް އެރަށުގައި މިސްކިތެއް އަޅާދީފައިވެސް ނުވާކަމަށް ކައުންސިލަރުން ވިދާޅުވިކަމަށެވެ.

"ދާދިފަހުން އަޅުގަނޑުމެން ކުރި ދަތުރުގައި މަކުނުދޫ ކައުންސިލަރުންނާއި އަޅުގަނޑާއި ދިމާވި. އެބޭފުޅުން ފާހަގަކުރަމުން ދިޔައީ ތިމަންނަމެންގެ ރަށަކީ އަލްއުސްތާޒު މައުމޫނު އަބްދުލްގައްޔޫމު އަރުވާލިރަށޭ. މިއަދާހަމައަށްވެސް ނެތޭ މިސްކިތެއްހާ ހިސާބުވެސް އަޅައިދީފަ."

ކައުންސިލަރުންގެ ޝަކުވާއަކީ ޕްރޮޖެކްޓުތައް ރާވައި ހިންގުމަށް ސަރުކާރަށް ފޮނުވިނަމަވެސް އެ ޕްރޮޖެކްޓްތައް ރާވައި ހިންގުމަށް ސަރުކާރުން ފުރުސަތު ނުދިނުންކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު