ރާއްޖެއިން އިންޑިއާއަށް ޖެއްސުން ކުރުން ހުއްޓާލަން ވެއްޖެ!!

ޖީއެމްއާރު އަތުން އެއަރޕޯޓު އަތުލައި ހުރިހާ ކަމެއް ދިވެހި ސަރުކާރު ބޭނުން ވިގޮތައް ނިމިއްޖެއެވެ. އެހިސާބުން އިންޑިއާ ގޮތްދޫކޮށް ހަރުކަށި ރާގުވެސް ބަދަލު ކުރިއެވެ. އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިދާޅުވީ ކުރި އެކޭ އެއްގޮތައް ދެ ގައުމުގެ ގުޅުން އިޔާދަކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އެކަމަކު ރާއްޖޭގެ ޑިފެންސް މިނިސްޓަރ ފުރާވަޑައިގަތީ ދިމާ އިދިކޮޅަށް، ޗައިނާ އާދިމާލަށެވެ. އިންޑިއާ އިން އެދެއްކީ ޑިޕްލޮމެސީގެ ލާމަސީލު މިސާލެކެވެ. ޑިޕްލޮމެޓިކް ތަޖުރިބާކާރުން ދެކެވަޑައިގަންނަޥާ ގޮތުގައި މި ދަނޑިވަޅަކީ ދިވެހިރާއްޖެއިން  "ޑެމޭޖް" ކުޑަ ކުރަން މަސައްކަތް ކުރަން ފަށަންވީ ވަގުތެވެ. ނަމަވެސް ޑރ.ވަހީދުގެ ސަރުކާރުން ހިންގަނީ ގަދަކަން ދެއްކުމުގެ ސިޔާސަތެވެ. އަވައްޓެރިންނާ "މައްސަލައެއް ނުޖެހި ދިރިއުޅޭ" ހާރިޖީ ސިޔާސަތަކީ އިބްރާހިމް ނާސިރު ވެސް، މައުމޫން އަބްދުލްގައްޔޫމްވެސް އަދި މުހައްމަދު ނަޝީދުވެސް ތަންފީޒުކުރެއްވި ވަރަށް ކާމިޔާބު ސިޔާސަތެކެވެ. އެއީ ދިވެހިންނަށް ދުރުރާސްތާ އަށް ފައިދާ ކުރާ ސިޔާސަތަކެވެ.

ޖީއެމްއާރު މައްސަލައިގައި އިންޑިޔާއިން ގޮތް ދޫކުރީ މިދެގަމުގެ ގުޅުމުގެ މުހިއްމު ކަމަށް ވިސްނާފައި ކަމަށް ބެލެވެއެވެ.  އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުމަށް ބުރޫނާރާ އޮތުމުން ދެގައުމަށް ވެސް އޭގެ ފައިދާ ކުރެއެވެ. އިންޑިއާގެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖޭގައި އެބަހުއްޓެވެ. ދިވެހިންނަށް ވަރަށް އަގުހެޔޮކޮށް ކާޑުގެ ބާވަތްކާއި، ހިލަވެއްޔާއި ގިނަ މުދާ އިންޑިއާއިން ވިއްކައެވެ. ( ހިލަވެލި ބޭރުކުރުމަކީ އިންޑިއާގެ ތިމާވެއްޓާއި ބެހޭ މިނިސްޓްރީން މަނާ ކޮއްފައިވާ ކަމެކެވެ. ނަމަވެސް، އަވައްޓެރި 3ލައްކަ ދިވެހިންނަށް ހިލަވެލި ކޯޓާ އިންޑިއާއިން ދޫކޮށްފައިވެއެވެ). ދިވެހިންނަށް އިންޑިއާގެ ޑޮކްޓަރުންނާ ނަރުހުން ބޭސް ކޮއްދެއެވެ. ދިވެހި އިންފްރާސްޓްރަކްޗަރ ކޮޅަށްޖެހުމަށް އިންޑިއާގެ މަޖޫރީން އަބަދާ އަބަދު މަސައްކަތް ކުރެއެވެ. ބަދަލުގައި ދިވެހިން އިންޑިއާގެ އިގްތިސާދަށް އަހަރަކު އެތައްމިލިއަން ޑޮލަރެއް ވައްދައެވެ. މިއީ ނަމޫނާ އަވައްޓެރި ގުޅުމެކެވެ.

ދެރަކަމަކީ ،އިންޑިއާ އާއި ރާއްޖޭގެ ގުޅުން ގޯސްވެ "ވަރި ފަށަށް" އަރާފައިވާ މިދަނޑިވަޅުގައި ގުޅުން ރަނގަޅު ކުރަން އިންޑިއާއިން މަސައްކަތް ފެށުމުން ރާއްޖޭގެ ޑިފެންސް މިނިސްޓަރ ޗައިނާއަށް ފުރާވަޑާއިގަތުމުންނެވެ. މިކަހަލަ ކަންކަމަކީ ޑިޕްލޮމެޓިކް ޖެއްސުންކުރަން ގައަމުތަކުން ކޮށްއުޅޭ ޒާތުގެ ކަމެކެވެ. ޖީއެމްއާރު މައްސަލައިގެ "ރުޅިނގަޑު" އިންޑިއާއަށް ބާލަން، ނާޒިމް  ޗައިނާއަށް ވަޑައިގަތުމަކުން މައްސަލައެއްނެތެވެ. މައްސަލައަކީ ޗައިނާއަށް ވަޑައިގަނެ "އަސްކަރީ އެއްބަސްވުމެއްގައި" ސޮއި ކުރެއްވުމެވެ. ރާއްޖެއިން މިހާ މައްޗަށް ކަންތައް ގެންދިޔުމުން އިންޑިއާއިން ފިޔަވަޅު އަޅާނެއެވެ. ޗައިނާގެ ނުފޫޒު އިންޑިއާ ކަނޑުގައި ފެތުރުނަ ނުދިނުމަށް ހުރިހާކަމެއްވެސް އިންޑިއާއިން ކުރާނެއެވެ. އެގޮތުން އިންޑިއާއިން އަޅާ ފިޔަވަޅުތަކުން ރާއްޖެއަށް ތަފާތު ގެއްލުން ނުވެ ނުދާނެއެވެ.

މިވަގުތަކީ އިންޑިއާ ރާއްޖެ އާ ދެމެދު "ކޫލް ޑައުން" ވާން އޮތް ވަގުތުކޮޅެވެ. ޗައިނާ އާއި އިންޑިއާ ދެމެދު މިދުވަސްވަރު ބޯރޑަރުގެ މައްސަލަ  ހޫނުވެފައިވަނިކޮށް، ރާއްޖެ ޗައިނާ ކޮޅަށް ނުސީދާކޮށް ޖެހި އިންޑިއާއަށް ޖެއްސުން ކުރަންވީ ކީއްކުރަންތޯއެވެ. ފަހަރުގައި ޖީއެމްއާރު މައްސަލަ ފަދައިން، ގަދަފަދަކަން ދައްކައި  ޝެއިހް އިމްރާނުގެ "ތޫނުފުޅު" ވިސްނުމާއެކު، ރިޔާސީ އިންތިހާބުގެ ކުރިން އިންޑިޔާ އާއި ހަނގުރާމައެއް ކޮއްލައި އިންޑިއާ ބަލިކޮއްލަން ބޭނުންވަނީ ތޯއްޗެވެ. މިވަގުތަކީ ކާނަލް ނާޒިމް އިންޑިއާ އަށް ވަޑައިގެން އިންޑިއާގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެގައުމުގެ މެދުގައި ޖެހިފައިވާ މައްސަލަތައް ހައްލު ކުރަންވީ ވަގުތެވެ. މިވަގުތަކީ ޖީއެމްއާރު މައްސަލައިގައި ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެއަށް ލިބުނު ބޮޑު ގެއްލުން ފޫބައްދަން ފޫގަޅާލަންވީ ވަގުތެވެ.

މިހާރަކަށް އައިސް ރާއްޖޭގެ ހާރިޖީ ސިޔާސަތުތައް ހިންގާގޮތުން  އަވައްޓެރި ގައުމަކާ ހަނގުރާމަކޮއްލައި އަޖުމަ ބަލައިލާން އުޅޭހެން ވަރަށް ހީވެއެވެ. އުމުރުން އެއްފަހަރު ނަމަވެސް ހަނގުރާމައެއްގެ ކޮއްލުމަކީ މިލިޓަރީ ދާއިރާއިން ކުރިއަރާފައި ތިއްބަވާ ވަރަށް ގިނަ ބޭފުޅުންގެ ހުވަފެނެއްކަމަސް ނަފްސާނީ އިލްމުވެރިން ވިދާޅުވެއެވެ. މިފަދަ މީހުނަށް ހަނގުރާމަމަތީ ވީޑިއޯގޭމެއް ކުޅެންދީގެން ވިޔަސް "ހަނގުރާމަ ފެންޓަސީ" ގެ އަލާ ކަނޑުވަންޖެހެއެވެ. ކޮންމެ ގޮތަކުން ވިޔަސް މިކަހަލަ "ކޮސް" ހާރިޖީ ސިޔާސަތުތައް ހުއްޓުވަން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ދިވެހިދަރި

    ތިގޮތައް ފުއްޕާފަ އޮން އެރައިވަލް ވިސާ ޖައްސަނުދީ ނުވާނެ މަސް ދުވަސްވެސް. މިހާރުވެސް އިންޑިޔާގެ ޓްރިވެންޑްރަމްގަ މުޒާހަރާ އެބަކުރޭ ތިކަމާއި ދެކޮޅަށް. އެހެންނޫނަސް ލަންކާވެސް އެއޮތީނު ދޯ!

  2. ފަހީމާ

    ކޮބާ ފެނޭ..މިހާރު އޮން އެރައިވަލް ވިސާ ނުލިބެ ގޮތް އެވީ..މިސަރުކާރުން ކުރާ ކަންތައްތަކުން ހުރިހާ ގެއްލުމެއް ނިކަމެތި ދިވެހިންނަށް

  3. ހަލީމު

    މުހައްމަދަށް ބުނެލއަން އޮތީ އިންޑިއާގެ ސުރީ ސުރީ ވަހީދު ގެނެސް ބޮޑު ޖާފަތެއް ބޭއްވީމައި ނުވޭތޯ ލާދީނީ …

  4. މަލިކުބޭ

    ފަހެ މީ މިނިވަން ގައުމެއް ނޫންތަ؟ ގުޅުންބަދަހި ކުރާނެ ބަޔަކާ އެ ގުޅުން ބާއްވާނެ މިންވަރެއް އެނގޭނީވެސް މިގައުމުގެ މީހުންނަކަށްނޫންތަ؟ އިންޑިއާ ބުނާ ބަޔަކާ ވާހަކަ ދައްކާފައި، އެމީހުންބުނާ އެއްޗެއް ބޮއެގެން އުޅުނީމަ މިނިވަންކަމޭ ކިޔާނީ ކިހިނެއްތޯ؟ މިއާޓިކަލް ކިޔާލުމުން ދޭހަވަނީ ރާއްޖެއަކީ މިނިވަންކަމުގެ ހައްގު ލިބެންޖެހޭ ގައުމެއްކަން ގަބޫލު ނުކުރާ ބަޔަކު އަދިވެސް އުޅޭކަން!

    • އަހުމަދު

      މަލިކުބޭ ބުނެލަންތަ… އަހަރެމެންވެސް މީ މިގައުމުގެ ރައްޔިތުންނޭ… އަހަރެމެން ބޭނުން އިންޑިއާއާއި ގުޅުން ބަދަހި ކުރަން.. މި މަލިކުބޭގެ ތަރިކަ މުދާތޯ؟؟؟

    • އަޝްރަފް

      މަލިކުބޭ ތީ މިނިވަނެއް ނޫންތޯ؟ ޢެހެންވީމާ ތިޔަ އުނު އަންނަ އަންނައުނާއި، ކައި ބޮއެ ހަދާ ކާނާ އާއި، ބޯހިޔާކުރާ ގެއާއި. އެހެނިހެން ބޭނުންތައްވެސް އެހެން މީހުންގެ މަސައްކަތުން އުފައްދާފައި ހުންނަ ތަކެތީގެ ބޭނުން ނުކޮށް އަމިއްލަ ފުދުންތެރިކަމުގެ ބޭނުން ކޮށްގެނ ފުރިހަމަ ކުރަންވީ ނޫންތޯ! ފާޑުފާޑުގެ ވާހަކަ ދައްކާއިރު އެއީ ކިހާވަރެއްގެ ޕްރެކްޓިކަލް ވާހަކައެއްތޯ ވިސްނާލަބަލަ އަޅެ ޕްލީޒޫ! ހަމަ ތިބެފަ އިންޑިޔާއާއި ގުޅުން ކަނޑާލާށޭ، ޗައިނާިން ހުރިހާ ކަމެއް ވާނެޔޭ ބުނެ ރައްޔިތުން ހެއްދުމްކުން އދި އެކަން އެހާ ފަސޭހައެއް ނުވާނެ!

  5. މުހައްމަދު

    ޖުމްލަކޮށް މިލިޔުމަށް ތާއީދުކުރަން އެކަމަކު ލާދީނީ ހިޔާލަށް ތާއީދެއްނުވެވޭ.. ޒަކީ އާއި އިންޑިޔާމީހުން އެހިންގިޖަރިމާ މިލިޔުން ލިޔުނުބޭފުޅާއަށް ނޭގެނީބާ. އެމް.ޑީ.ޕީ އަށް ވަރަށް ސަލާމް

  6. ހުސެން

    އިންގިލާބް އަވަސްކުރޭ….ނޫނީ ދިވެހީން ބަނޑައްޖެހިދާނެ….

  7. ޝާހިމް

    މިވާގޮތުން ބޭސް ފަރުވާއައް ދާންޖެހޭނީ ޗައިނާއައް……..ބަގްލަދޭޝްއަށް ވުރެ މިގައުމުގަ ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮ……އެއީ ހަމަ އިންޑިއާއިން ދޭތީ…..

  8. ޔާނު

    އިންޑިއާ މީހުން ގައިން ނުބައި ވަހެއް ދުވިއެއް ކަމަކު އެމީހުންގެ ސަބަބުން ދިވެހިންނަށް ހާދަ ފަސޭހައެއްވެއޭ..!!

  9. އަހުސީން

    އިންޑިއާއިން ދަތިކުރުމުގެ ފިޔަވަޅުއަޅާ ދުވަހަކުން އެކަމުގެ ފުރިހަމަ ޒިންމާ ސޭކު އިމްރާނާއި، ބޯފަން އަބްދުﷲ ނަގަންޖެހޭނެ.. ވަހީދަކަށްވެސް އެދުވަހުން ނުފިލޭނެ… ދިވެހިން މިތިބީ އިންޑިއާ އާއި އެކެ….

  10. މަމީ

    ދިވެހިން ދެންމީ ކޮންބައެއް އިންޑިއާއާ ޖައްސާލަން؟