އެއަރޕޯޓް އަތުލަން ބާރުގެ ބޭނުން ނުކުރުމަށް ޖީއެމްއާރުން އެދެފި

އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއަރޕޯޓުން ފޭބުމަށް ޖީއެމްއާރަށް ދީފައިވާ 7 ދުވަހުގެ މުހުލަތު މާދަމާ ހަމަވާއިރު އެއަރޕޯޓު އަތުލުމަށް ކުރާ މަސައްކަތުގައި ބާރުގެ ބޭނުން ނުކުރުމަށް ޖީއެމްއާރުން ދިވެހި ސަރުކާރުގައި އެދެފިއެވެ.

އިންޑިޔާގެ މަލްޓިނޭޝަނަލް ކުންފުންޏެއްކަމަށްވާ ޖީއެމްއާރުން ނިއުދިއްލީގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އެކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރ ސިއްދާތް ކަޕޫރް ވިދާޅުވީ އެއަރޕޯޓް އަތުލަން ދިވެހި ސަރުކާރުން ކުރާ މަސައްކަތުގައި ބާރުގެ ބޭނުން ނުކުރުމަށް ދިވެހި ސަރުކާރުގައި އެދެފައިވާނެ ކަމަށެވެ.

“ދިވެހި ސަރުކާރުގެ ޑިފެންސް މިނިސްޓަރ ވަނީ އަޅުގަނޑުމެންނަށް ޔަޤީންކަން ދީފައި އެއަރޕޯޓް އަތުލުމުގައި ބާރުގެ ބޭނުން ނުކުރާނެ ކަމަށް” ސިއްދާތް ކަޕޫރު ވިދާޅުވިއެވެ.

“އެއަރޕޯޓް އަތުލުމަށް ޖީއެމްއާރާ ދެކޮޅަށް ބާރުގެ ބޭނުންކޮށްފިނަމަ އެކަން ވެގެންދާނީ ޖީއެމްއާރާ ދެކޮޅަށް ކުރެވޭ ކަމަކަށް ނޫން. އެއަރޕޯޓް ޕްރޮޖެކްޓްގައި އިންޑިޔާގެ އެސެޓްތައް ބޭނުން ކުރަން. އިންޑިޔާގެ ރައްޔިތުން ހިމެނޭ މިޕްރޮޖެކްޓްގައި” ސިއްދާތް ކަޕޫރު ތޮއްޖެހިފައިވާ ނޫސް ކޮންފަރެންސުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ސިންގަޕޫރުގެ ކޯޓުން އިއްވި ސްޓޭ އޯޑަރާ އެއްގޮތަށް އަމަލުކުރުމަށްވެސް ޖީއެމްއާރުން ވަނީ ދިވެހި ސަރުކާރަށް ގޮވާލާފައެވެ.

ދިވެހި ސަރުކާރު މިހާރު މަސައްކަތް ކުރަމުން ދަނީ ޖީއެމްއާރަށް ދީފައިވާ މުއްދަތު ހަމަވުމަށްފަހު އެއަރޕޯޓައި ހަވާލުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ މީޑިޔާ ސެކެޓްރީ ވަނީ ވިދާޅުވެފައެވެ.

ފާއިތުވެގެން ދިޔަ ނޮވެމްބަރު 27ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ވަނީ 2010 ވަނަ އަހަރު ދިވެހި އެއަރޕޯޓު ހިންގުމަށް ޖީއެމްއާރާއި އެކު ވެވުނު އެއްބަސްވުން އުވާލާ އެއަރޕޯޓު އަނބުރާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއާ ހަވާލުކުރުމަށް 7 ދުވަހުގެ މުހުލަތެއް ޖީއެމްއާރަށް ދީފައެވެ.

ފަހުގެ