ކިލާޅީ 786 ޕާކިސްތާނުގައި މަނާކޮށްފި

ހުކުރު ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ އަކްޝޭ ކުމާރުގެ ފިލްމު ކިލާޅީ 786 ޕާކިސްތާނުގައި މަނާކޮށްފިއެވެ.

ޕާކިސްތާނުގެ ފިލްމު ސެންސަރު ބޯޑުން ހާމަކޮށްފައިވާ ގޮތުގައި މި ފިލްމުގެ އިސްތިހާރުތަކާއި ޕްރިމިއަރ ޕާކިސްތާނުގައި މަނާ ކުރަން ނިންމީ 786 އަކީ ހިސާބު އަކުރުން ބިސްމިﷲ ކަމަށް ވާތީއެވެ.

އެބޯޑުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ފިލްމު އުފެއްދި ފަރާތުން ޕާކިސްތާނުގައި ފިލްމު ޕްރޮމޯޓު ކުރަން ބޭނުންނަމަ މި ފިލްމުގެ ނަމުން 786 ކަނޑަން ޖެހެއެވެ. އަދި އިސްލާމް ދީނަށް ހަޖޫ ޖަހާ ފަދަ އެއްވެސް ޑައިލޮގެއް ފިލްމުގެ އެއްވެސް ސީނެއްގައި ހިމެނޭ ނަމަ ފިލްމު ޕާކިސްތާނުގައި ނުދެއްކޭނެ ކަމަށްވެސް އެބޯޑުން ހާމަކޮށްފައިވެއެވެ.

ފަހަކަށް އައިސް ބޮލީވުޑުން ރިލީޒް ކުރި މަޝްހޫރު ދެފިލްމެއް ޕާކިސްތާނުގައި ދެއްކުން ވަނީ މަނާކޮށްފައެވެ. އެއީ ސަލްމާން ޚާންގެ "އެކް ތަ ޓައިގާރ" އާއި ސައިފް އަލީ ޚާންގެ "އެޖެންޓް ވިނޯދް"އެވެ.

 

ކިޔުންތެރިންގެ ހިޔާލު

  1. މީ ތަންކޮޅެއް ބޮޑުވަރު. މިގޮތަކަށް މިކަން ނުކުރެވޭނެ. ބިސްމިﷲ ކިހިނެއް ހިސާބުއަކުރުން އަޅާނީ….