އެންމެފުރަތަމަ އިހުލާސްތެރިވާންވީ އާންމު ރައްޔިތުން!!

ދިވެހި ރާއްޖޭގައި މިއަދު މި ވަނީ ކަންތައްތައް ހައްދު ފަހަނަ އަޅާފައޭ ބުނި ކަމުގައި ވިޔަސް، އެއި ދޮގެކޭ ބުނާނެ މީހަކު މިއަދު ހަމަ ނުވާނެ އެވެ. ސަބަބު ތަކެއް ނެތިއެއްވެސް ނޫނެވެ. އޭގެ ފަހަތުގައި ވަރަށް ގިނަ ސަބަބު ތަކާއި، ވަރަށް ގިނަ މީހުންގެ އިހުމާލުވުން އެކުލެވިގެންވެ އެވެ. އާންމު ރައްޔިތުންނާއި ހަމައިން ފެށިގެން ސަރުކާރުގެ އެންމެ މަތީ ފެންވަރުގެ ބޭފުޅުންނާއި ހަމައަށެވެ. އެއް ބަޔަކު ދީން ހަތިޔާރަށް ހަދާ ކަމުގެ  ތުހުމަތު އަޅުވާއިރު އަނެއް ބަޔަކު އަޅުވަނީ ޓެރަރިސްޓުންގެ ތުހުމަތެވެ. އަދި އެކި މީހުން ގާނޫނު އަސާސީ މާނަ ކުރަނީ އެކި ގޮތް ގޮތަށެވެ.

މިކަންތައް މިހެން އޮތް ކަމުގައި ވިޔަސް ރައްޔިތުންނާއި، ރައްޔިތުންގެ ފައިސާއިން މުސާރަދީ ރައްޔިތުންނަށް ހިދުމަތް ކުރަން ބައިތިއްބާފައި ތިބޭ ބޭފުޅުންނާއި އެއްވަރު ވެގެން ނުވާނެ އެވެ. މުޅި ދައުލަތުގެ ބަޖެޓާއި، ދައުލަތުގެ ދަރަންނާއި އަދި ދައުލަތުގެ ފައިދާ އަކީ ވެސް ދިވެހި ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ ބޮލުގައި އެޅިފައިވާ ތަކެއްޗެވެ. އަދި މި ފައިސާއިން ވަކި ބަޔަކަށް މުސާރަދީ ހަރަދު ކުރަނީ ކަންތައްތައް ބެލެހެއްޓުމަށެވެ. އެންމެ އިސްވެރިންގެ ބެލުމުގެ ދަށުން ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށެވެ. އެއްބަޔަކު އައިޑީކާޑު ހަދާ ދޭއިރު އަނެއް ބަޔަކު ލައިސެންސް އާ ކުރުމުގައި މުޅި ދުވާލު ހޭދަ ކުރެ އެވެ. އެއް ބަޔަކު ގައުމުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަމުން ދާއިރު އަނެއް ބަޔަކު ކުށްކުރާ މީހުން ހިފައި ހައްޔަރު ކުރުމުގައި އަވަދި ނެތި އުޅ ެއެވެ. މީ ކޮންމެ ދުވަހަކުވެސް ހިނގަމުންދާ ކަންކަމެވެ. އަދި މިމަސްއޫލިއްޔަތުތައް ހަވާލުވެފައިވާ ފަރާތްތަކުގެ އިހުމާލުގެ ސަބަބުން މިތަން ތަނުގެ ޕްރޮޑަކްޓިވިޓީ ވަރަށް ބޮޑުތަން ދަށްވެ ރައްޔިތުންނަށް އެތަކެއް ގެއްލުމެއްވެ އެވެ.

ގައުމެއްގައި ކަންތައްތައް ރަނގަޅަށް ދާނީ ހުރިހާ ބޭފުޅުންވެސް ވަރަށް ޒިންމާދާރު ވެގެންނެވެ. ސަރުކާރުގެ ކަންތައްތަކާއި އަދި މި ހުރިހާ ބޭފުޅުން ޒިންމާ އަދާކުރަމުންދާ ގޮތް ބެލޭނެ މިނިވަން މުއައްސަސާ ތަކެއްހުރެ އެވެ. މި މުއައްސަސާ ތަކަކީ ރައްޔިތުންނަށް ހިދުމަތް ފޯރު ކޮށްދެނީ އިހްލާސްތެރިކަމާއި، އިންސާފުވެރިކަމާއި އެކުތޯ ބަލަން ކަނޑައަޅާފައިވާ މިނިވަން މުއައްސަސާތަކެ ކެވެ. ހިއުމަން ރައިޓްސް ކޮމިޝަން، ސިވިލް ސަރވިސް ކޮމިޝަން، ޖުޑިޝަލް ސަރވިސް ކޮމިޝަން، ޕޮލިސް އިންޓެގްރިޓީ ކޮމިޝަން އަދި އެލެކްޝަންސް ކޮމިޝަން ކަހަލަ އެތަކެއް މުސްތަގިއްލު މުއައްސަސާ ތަކެއް ވަނީ އުކުލަވާލެވިފަ އެވެ. މިއަދު މި މުއައްސަސާތައް ބޮއްސުން ލައިގެން ގޮސްފައި އޮތުމަކީ އަޅުގަނޑުމެން ރައްޔިތުންނަށް ކުރިމަތި ވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެ ކެވެ. މިއިން ކޮންމެ މުއައްސަސާއެއްގެވެސް މެމްބަރުން އައްއަނުކުރަނީ ރައްޔިތުންގެ މަޖިލީހުންނެވެ. މިހެންކަމުން މިއިން ކޮންމެ މުއައްސަަސާއެއްގެ މަސްއޫލިއްޔަތުވެސް ރައްޔިތުންގެ މަޖިލީހުގައި ކުޑައެއް ނޫނެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި މި ހުރިހާ ބާރުތަކެއް ފެށެނީ ރައްޔިތުންގެ ކިބައިންނެވެ. ރައްޔިތުންނަށް ބާރު ލިބޭ ހިސާބަކީ ވޯޓެވެ. ކޮންމެ ވޯޓަކީވެސް ވަރަށް މުހިންމު ވޯޓެކެވެ. ރައްޔިތުންގެ ބާރު އިޙްލާސްތެރި ގޮތުގައި ބޭނުން ކޮށްގެން ނޫނީ ރައްޔިތުން ތަމްސީލު ކުރާ އެހެނިހެން ފަރާތްތައް އިޙްލާސްތެރިއެއް ނުވާނެ އެވެ. ޕާރޓީގެ ޓިކެޓުގައި ނިކުންނަ މެމްބަރަށް ވޯޓު ދޭ ފަދައިން ޕާރޓީގެ ތެރެއިން ރަނގަޅު އިޙްލާސްތެރި ކެނޑިޑޭޓެއް ނެރުމަށްޓަކައި ޕާރޓީގެ އާންމު މެމްބަރުން މަސައްކަތް ކުރަން ޖެހޭނެ އެވެ.

މިއަދުން ފެށިގެން ހުރިހާ ބޭފުޅުންވެސް އަޒުމް ކަނޑަ އަޅާށެވެ. ޕާރޓީގެ ޓިކެޓްގައި ވެސް ނިކުންނަހާ ކެނޑިޑޭޓަކަށް ވޯޓު ދޭކަށެއް ނުޖިހޭނެ އެވެ. އޭގެ ބަދަލުގައި ރަނގަޅު ކެނޑިޑޭޓަކަށް ވޯޓު ދެމާ ހެއްޔެވެ. މިކަންތައް މިހެން ކޮށްފިއްޔާމުން ޕާރޓީއަށް އެހާ ހިސާބުން ރަނގަޅު ކެނޑިޑޭޓުން ނެރުމަށް މަޖުބޫރުވެ އެވެ. އަދި ކޮރަޕްޓް މީހުނާއި އަމިއްލަ ފައިދާއަށް އުޅޭ މިހުންނަށް ޖާގަ ނުދެމާ ހެއްޔެވެ. އެމީހުން ބާރު ވެރި ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ އަތްމަތީ ގައިކަން އަބަދުވެސް ހަނދާން ކުރާށެވެ. އެހެން ނޫނީ ކަންތައްތައް ބޮއްސުން ލައިގެން ގޮސް މި ދިވެހި ރާއްޖެ ބަނގުރޫޓް ވުމަކީ ވަަރަށް ގާާތް ކަމެކެވެ.

ފަހުގެ