ރާއްޖޭގެ ގާނޫނު އަސާސީއާއި އިސްލާމް ދީން އަދި ދިވެހިންގެ ވިސްނުން

ރާއްޖޭއަކީ އަޅުގަނޑުމެން ކުޑަ އިރުން ފެށިގެންވެސް ގަބޫލު ކުރާ ގޮތުގައި 100 ޕަރސެންޓް މުސްލިމް ގައުމެކެވެ. އެހެން ނަމަވެސް އެކި އެކި ފާޙިޝް އަމަލު ތަކާއި، އެކި ކުށްތަކަށް އަރައިގަންނަ މީހުން މި ކުޑަ ކުޑަ ގައުމުގައި ނިސްބަތުން ވަރަށް ވެސް ގިނައެވެ. ސަބަބު ތަކެއް ނެތިއެއްވެސް ނޫނެވެ. ޒަމާނުންސުރެ އަހަރެމެންނަކީ މުސްލިމުން ކަމުގައި ވިޔަސް އިސްލާމް ދީނާއި ހިލާފު އެތައް ކަމެއް ދިޔައީ ކުރަމުންނެވެ. ޒިޔާރަތަށް ވެލި ލުމާއި، މާލޫދު ކިޔުން ފަދަ ކަންކަމަކީ އޭރު ގިނަ ބަޔަކަށް ހީވެފައި އޮންނަ ގޮތުގައި ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. އަދި ސީދާ ފާހިޝް އަމަލުތަކަށް އަރައި ގަތުމަކީ އާންމު ކަމެކެވެ.

މިއަދު ގައުމަށް ދިމާ ވެފައިވާ ކަންކަމަށް ވިސްނާލާއިރު، ރާއްޖެ އަކީ 100 ޕަރސެންޓް މުސްލިމް ގައުމެއް ކަމުގައި ވިޔަސް ރާއްޖޭގައި އިސްލާމް ދީން ގަބޫލު ނުކުރާ ބަޔަކު އުޅޭ ކަމަކީ އެންމެން ދަންނަ ހަގީގަތެކެވެ. ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ބުނާގޮތުންނަމަ ކޮންމެ ދިވެއްސަކީ މުސްލިމަކަށް ވާން ޖެހެއެވެ.

 އެހެނަސް ކޮންމެ ދިވެއްސަކީ މުސްލިމެއްކަމަށް ނުވަތަ ސައުދީ އަރަބިއްޔާއަށް ނިސްބަތްވާ ކޮންމެ މީހަކީ މުސްލިމެއްކަމަށް އަޅުގަނޑުމެންގެ މާތް އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައެއް ނުއޮވެ އެވެ.އެހެނީ ހުދު މަދީނާގައި މުސްލިމް ވެރިކަމެއް ގާއިމްވި އިރުގައިވެސް ޣައިރު މުސްލިމުން އެތާނގައި އުޅުނެވެ. އިސްލާމީ ޝަރީއަތުގައިވާ ގޮތުންނަމަ މުސްލިމަކު ދީނުން ބޭރުވެއްޖެ ހިނދުގައި އެމީހަކަށް 3 ފަހަރު ނަސޭހަތްދީ ދެންވެސް އަލުން އަނބުރާ މުސްލިމު ނުވެއްޖެނަމަ އެމީހަކު މަރަން ޖެހެއެވެ. ބަޔަކު ގަބޫލު ކުރިޔަސް ނުކުރިޔަސް މިއީ މިކަމަށް އޮންނަ އެންމެ ރަނގަޅު އަދަބުކަން ކަށަވަރެވެ.

ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ގެ ފުރަތަމަ ބާބުން ފެށިގެން އިސްލާމް ދީނާ ފުށު އަރާއިރު އަދި ދެން ހުރި ގާނޫނުތައް ކޮބާ ހެއްޔެވެ. މުސްލިމަކު ކާފަރު ވީމައި އެމީހެއްގެ އަދަބަކީ ނަސޭހަތްދީ ރަނގަޅު ނުވެއްޖެ ނަމަ މެރުން ކަމުގައިވާ އިރު، ކާފަރަކަށް މި ދުނިޔެ މަތީ ދެވޭނެ އަދަބެއް ނޯވެއެވެ. އަޅުގަނޑު ކުޑަ ކުޑަ މިސާލެއް ދަންނަވާލާނަމެވެ. މިސާލަކަށް އަލީ އަކީ މުސްލިމެއް ނޫނެވެ. ދުވަހަކުވެސް އިސްލާމް ދީން ގަބޫލުކުރި މީހެއްވެސް ނޫނެވެ. އެކަމަކު ދިވެެއްސެކެވެ. އިސްލާމީ ޝަރީއަތުން އަލީއަށްް ދެވޭނެ އަދަބެއް ނެތެވެ. ދެން އޮތީ ރާއްޖޭގެ ގާނޫނު އަސާސީ އެވެ. މިހާ ހިސާބުން އަލީގެ ސިޓިޒަންޝިޕް ގެއްލޭނީ ބާއެވެ. ނޫނީ އަލީ އާއި މެދު ކަންތައް ކުރާނީ ކިހިނެއްބާއެވެ. އުމުރު ދުވަހުގެ ވިސާއެއް އަލީއަށް ދޭނީބާއޭވެސް ހިތަށް އަރައެވެ. އަޅުގަނޑު މިހެން މި ދަންނަވާލަނީ ސަބަބު ތަކެއް ނެތިއެއް ނޫނެވެ. މިހާރުވެސް ރާއްޖޭގައި ޣައިރު މުސްލިމުން އުޅެމުންދާއިރު އެމީހުންގެ ދަރިން ހަމަ ގައިމުވެސް މުސްލިމުން ކަމުގައި ވާނެ ހެނެއް ހިޔެއް ނުވެއެވެ. ކުރިއަށް އޮތް ޖީލުތަކަށް މި މައްސަލަ ފެންމަތިވާނޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެއީ މިހާރުވެސް ކުޑަ އިރުން ފެށިގެން ދުވަހަކުވެސް މުސްލިމް ނުވާ ކުދިން ރާއްޖޭގައި އުޅޭނެތީ އެވެ.

އަޅުގަނޑު އެއްވެސް ހާލެއްގައި ގާނޫނު އަސާސީގެ ފުރަތަމަ ބާބުގެ 9 ވަނަ މާއްދާގެ (ރ) އުނި ކުރުމަށް ގޮވާލަނީކީ ނުނެވެ. ނިކަން ވިސްނަވާ ލައްވާށެވެ. މިހާރު ރާއްޖޭގައި ހާލަތު އޮތް ގޮތުން ޣައިރު މުސްލިމުންވެސް މުސްލިމުންނަށް ވެގެން އުޅެން މަޖުބޫރު ވެއެވެ. މިއީ މީގެ ޒާތުގައި ވަރަށް ބޮޑު މައްސަލަ އެކެވެ. މުސްލިމު އަންހެނަކު އެހެން ދީނެއްގެ މީހަކާއި ކައިވެނި ބައްލަވައި ގަތުމަކީ ހަރާމް ކަމެއް ކަމުގައިވާ އިރު، ތިޔަ ބޭފުޅުންގެ އަންހެން ބޭކަނބަލުން ކައިވެނި ބައްލަވައި ގަންނަނީ މުސްލިމަކާކަން ހުދު އެކަމަނާއަށް ވެސް އެނގި ނުލައްވާނެއެވެ. މީގެ މައިގަނޑު ސަބަބަކީ ދިވެހި ރާއްޖޭގައި ޣައިރު މުސްލިމުންވެސް، މުސްލިމުންނަށް ވެެގެން އުޅެން މަޖުބޫރު ވެފައި އޮތުމެވެ. އެއީ އެބޭފުޅުންގެ މައްސަލައެއް ނޫނެވެ. އެއީ އަހަރެމެން ދިވެހިންގެ ތެރެއިން މުސްލިމުންގެ މައްސަލަ އެކެވެ.  އަޅުގަނޑުމެންގެ އަމަލުތައް ހުންނަ ގޮތުން އެބޭފުޅުންނަށް މަޖުބޫރު ވަނީއެވެ. މިކަމާއި މެދު ރަނގަޅަށް ފުންކޮށް ދުރު ވިސްނުމަކުން ވިސްނާލާށެވެ. އޭރުން އަޅުގަނޑުމެންގެ ގާނޫނު އަސާސީގެ ފުރަތަމަ ބާބުގެ 9 ވަނަ މާއްދާގެ (ރ) ދޯދިޔާކަން އެނގިގެން ދާނެއެވެ.

ފަހުގެ