ދިޔާނާ މަޤާމުން ވަކިކޮށްފި

ރައީސް ވަހީދުގެ ސަރުކާރުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ މިނިސްޓަރ ފާތިމަތު ދިޔާނާ ސައީދު މަޤާމުން ވަކިކޮށްފިއެވެ.  ރައީސް އޮފީހުންވަނީ އެކަން ޓައިމްސްއަށް ކަށަވަރު ކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންބުނީ ދިޔާނާ މަޤާމުން ވަކިކޮށްފައިވަނީ މިނިސްޓަރަކަށް ހުންނަވައިގެން އަމަލުކޮށްގެން ނުވާނެގޮތަށް އަމަލުތައް ބެހެއްޓެވުމުގެ ސަބަބުންކަމަށެވެ. އަދި ދިޔާނާގެ އަމަލުތައް ގެންގުޅުއްވީ ސަރުކާރުން ގަބޫލުކުރެވޭނެ ގޮތަކަށް ނޫން ކަމަށާއި ސަރުކާރުގެ މިނިސްޓަރަކަށް ހުންނަވައިގެން އަމަލުކުރަށްވަނަޖެހޭނެ ގޮތެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވިއެވެ.

މަޤާމަށް އައްޔަންކުރެއްވިތާ 7 މަސްފަހުން ދިޔާނާ މަޤާމުން ވަކިކުރިއިރު އެކަމަނާނެ ފިރިކަލުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހައްޔަރުކުރި މައްސަލާގައި ދިޔާނާވަނީ ސަރުކާރާއި ދެކޮޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ދިޔާނާ މިއަދު މަޤާމުން ވަކިކުރެއްވިއިރު ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންގެ މައްޗަށްނެގޭ އިތުބާރު ނެތްކަމުގެ ވޯޓްތައް ސިއްރުކުރުމަށް މިއަދު މަޖިލީހުގައި ނެގުނު ވޯޓުގައި ދިޔާނާގެ ފިރިކަލުން އަދި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރ ވޯޓް ދެއްވާފައިވަނީ ސަރުކާރުގެ އިއްތިހާދާއި ދެކޮޅަށެވެ.

ޓައިމްސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދިޔާނާ މިއަދު މަޤާމުން ވަކިކުރިއިރު ދިޔާނާވަނީ މިދިޔަ ހޮނިހިރު ދުވަހު އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލު ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު

  1. އެނޮން

    ބާގީ ސަރުކާރު ވެއްޓެނީ ދޯ. ހަހަހަ