ޖީއެމްއާރު މައްސަލާގައި މިސަރުކާރުގެ އިޚްލާސްތެރިކަމާމެދު ކުރެވޭ ސުވާލު!

އިންޑިއާގެ މަޝްހޫރު ޖީއެމްއާރު ކުންފުންޏަށް، މާލޭ އިންޓަނޭޝަނަލް އެއާޕޯޓު ނުވަތަ މިހާރުގެ ނަމުންނަމަ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ދިގުމުއްދަތަކަށް ކުށްޔަށް ދިން މައްސަލާގައި މިހާރުގެ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ބުނަމުންދަނީ އެއީ ރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގާފައިވާ މުޢާމަލާތެއްކަމުގައެވެ.

ވެރިކަމަށް ވަޑައިގަތުމުގެކުރިން މިހާރުގެ ރައީސް ޑރ.ވަޙީދު މިކަމާމެދު އެއްޗެކޭ ވިދާޅެއްނުވެއެވެ. އެހެންނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި ހިންގާފައިވާ ވިޔަފާރީގެ މި މުޢާމަލާތާ ގުޅޭގޮތުން އެކަމާ ދެކޮޅަށް އެންމެ ބާރަށް އަޑުއުފުއްލެވި ސިޔާސީ ބޭފުޅުން މިހާރު ތިއްބެވީ ރައީސް ޑރ.ވަޙީދުގެ ފަހަތްޕުޅުގައެވެ. ނަޝީދުގެ ވެރިކަމުގެ ފަހުދުވަސްކޮޅު ހީވީ އޭރުގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ހަމަ ދެންމެ ދެންމެ އެއާޕޯޓަށް އަރައި ގަދަކަމުން ޖީއެމްއާރު އެތަނުން ބޭރުކޮށްފާނެ ހެންނެވެ.

އޭރުވެސް ވަކިކޮޅަކަށް ނުޖެހޭ ޤާނޫނީ މާހިރުން ބުނަމުންދިޔައީ ޖީއެމްއާރު މައްސަލައަކީ ފަސޭހައިން ޙައްލުކުރެވޭނެ މައްސަލައެއް ނޫންކަމުގައެވެ. އެކަމާ ދެކޮޅުހަދާނަމަ އެއާޕޯޓު ޖީއެމްއާރަށް ކުށްޔަށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެކަން ހުއްޓުވަން ޖެހޭކަމުގައެވެ. އޭގެފަހުން އެކަން ބާޠިލްކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެކަމަށެވެ.

އެހެންނަމަވެސް މިހާރުގެ ސަރުކާރަށް ނިސްބަތްވާމީހުން ކުރިން ބުނަމުންދިޔައީ އެމީހުންގެ ވެރިކަމެއްގައި، ނުވަތަ އެމީހުންގެ ބާރުހިނގާ އެމީހުން ބައިވެރިވާ ވެރިކަމެއްގައި އެންމެފުރަތަމަ ކުރާނެ އެއްކަމަކީ ޖީއެމްއާރު އެއާޕޯޓުން ބޭރުކުރުންކަމުގައެވެ. މިކަމުގެ ފޯރީގައި އޭރު ވާހަކަފުޅު ދެއްކެވި ސިޔަސީގޮތުން ތަންކޮޅެއް ޅަބޭފުޅުން، ޖޯޝުގައި އިންޑިއާ ސަރުކާރާ މިކަންގުޅުވައި އިންޑިއާއަށްވެސް ފަޑުކިޔާފައިވެއެވެ. މިހާރުގެ ސަރުކާރަށް ޖީއެމްއަރު މައްސަލަ ޙައްލުކުރަން މިހާރު ދަތިވެގެން އުޅޭ އެއްސަބަބަށް މިކަންވެދާނެއެވެ.

ކޮންމެއަކަސް މިހާރު ވެރިކަމުގައި ތިބީ ޖީއެމްއާރާ ދެކޮޅަށް ކުރިން އަޑުއުފުލި މީހުންނެވެ. އޭގެތެރެއިން ބައެއްމީހުން މިހާރުވެސް ފަރުދާގެ ކުރިމަތީގައި އެއަޑުތައް އުފުލައެވެ. އެހެންނަމަވެސް ފަރުދާގެ ފުރަގަހުގައި ކަންހިނގާގޮތެއް ނޭނގެއެވެ.

އެއާޕޯޓު އަނބުރައި ދިވެހިންނަށް ހޯދައިދިނުމުގެ ނަމުގައި ކުރިއަށް ގެންދަން ރޭވި ޙަރަކާތްވެސް މިހާރުވަނީ ލަސްކޮށްފައެވެ. މުޅިމާލޭގައި  ޖީއެމްއާރަށް އެއާޕޯޓުދިނުމާ ދެކޮޅު ޝުޢޫރުތައް ދިވެހިބަހުން ލިޔެފައިވާ ބެނާތަކެއް ދެމުމުން ވާނީ ކޮންކަމެއްތޯ މިއީ އުފެދިދާނެ ސުވާލެކެވެ. މިއީ ޢާއްމުން ހޭލުންތެރިކުރުމުގެ މަޤުސަދުގައި ކުރިކަމެއްކަމަށް މިކަންކުރި މީހުންބުނެއެވެ.

އެހެންނަމަވެސް ޖީއެމްއާރު މައްސަލައަކީ ޢާއްމުން ހޭލުންތެރިވުމާއި ގުޅުންހުރި މައްސަލައެއްނޫނެވެ. އެއީ ދިވެހިސަރުކާރާއި ބޭރުގެ ބޮޑު ކުންފުންޏަކާ ދެމެދު ސޮއިކޮށްފައިވާ ވިޔަފަރީގެ އެއްބަސްވުމެއްގެ މައްސަލައެކެވެ. މިމައްސަލާގައި ޢާއްމުން ހޭލުންތެރިކުރުވަންވީ ކޮންކަމަކަށް ބާއެވެ؟ ބަޔަކު ހޭލުންތެރި ކުރުވަންޏާ ކުރުވަންވީ ސަރުކާރާއި ސަރުކާރުގައ ހިމެނޭ ޕާޓީތައް ނޫންބާއެވެ؟

ޖީއެމްއާރު އެގްރީމެންޓަކީ ޤާނޫނާ ޚިލާފު އެއްޗެއްކަމަށް ސަރުކާރުގައި ހިމެނޭ ބައެއްމީހުން ބުނެއެވެ. އަދި އޭގެސަބަބުން ދިވެހި ދައުލަތަށް އެއްވެސް މާލީ ފައިދާއެއް ނުވާތާގައި އަގުނުކުރެވޭ ވަރުގެ ގެއްލުން ލިބެމުންދާކަމުގައިވެސް ބުނެއެވެ. އެހެންކަމަށްވާނަމަ އެއްބަސްވުން ބާޠިލް ނުކުރަނީ ކީއްވެބާއެވެ؟

މިވަރުގެ ބޮޑު ގެއްލުމެއް ދައުލަތަށް ވާނަމަ އެކަމުން ދައުލަތް ސަލާމަތްކުރުމަށް މަސައްކަތް ކުރަންޖެހޭނެއެވެ. އެހެންނަމަވެސް ސަރުކާރގެ ފަރާތުން މިކަމުގައި ފެންނަނީ ނެގިމަޑުކަމެވެ. ދައްކަވާ ވާހަކަތަކުގައި ފުށުއެރުންތަކާއި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުއްޓެވެ.

އެހެންކަމުން މިކަމުގައި ސަރުކާރުގެ އިޚްލާސްތެރިކަމެއް އެބަހުރިތޯ މިއީ ގިނަބަޔަކު ކުރާ ސުވާލެކެވެ؟ މިސުވާލުގެ ޖަވަބު ދޭކަށް މި ސަރުކާރަކަށް މާގިނަ ވަގުތެއް ނެތެވެ.

ފަހުގެ