މަރުގެ ޙުކުމް ތަންފީޒުކުރެވިދާނެ ކަމުގެ އަލިމަގެއް!

މިއަހަރުގެ މިހާތަނަށް އައިއިރު ކޮންމެ މަހަކު ހެން އަނިޔާވެރިގޮތަކަށް ރާއްޖޭގައި މީހަކު މަރާލާފައިވެއެވެ. މިއީ ރާއްޖެފަދަ މީސްކޮޅުމަދު އަމާން މުޖުތަމަޢަކަށް ބަލާއިރު ފިތްކެނޑިގެންދާފަދަ ބިރުވެރި ވާހަކައެކެވެ. ފަހުގެ ތާރީޚުގައި ހިނގާފައިވާ އަނިޔާވެރި މަރުގެ ހާދިސާތަކަށް ބަލާއިރު، ފެންނަނީ ހަމައެކަނި ދޭދޭ ގުރޫޕްތަކުގެ މެދުގައި އުފެދޭ ހަމަނުޖެހުމެއް ނޫނެވެ. ކުރިން އެގޮތަށް ހީވެފައި އޮތަސް ރާއްޖޭގައި މީހުންމެރުން މިވަނީ އެއަށްވުރެ މާފުޅާވެފައިކަން މިހާރު ގިނަބަޔަކު ޤަބޫލުކުރެއެވެ.

ސަބަބަކީ ފަހުގެ ތާރީޚުގައި މަރާލާފައިވާ މީހުންނަށްބަލާއިރު، ފުލުހުންގެ ޑިއުޓީއަށް ދިޔަ ފުލުހަކު މަގުމަތިން ޙަމަލާދީ މަރާލައިފިއެވެ. މަޝްހޫރު ޤާނޫނީ ވަކީލަކު “ކިޑްނެޕް”ކޮށް އޭނާ މަރާލައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އަދި ދީނީ ޢިލްމުވެރިޔަކު މަރާލައިފިއެވެ. އެންމެފަހުން ގިނަބަޔަކު ސިއްސުވާލި މިމަރުގެ ޙާދިސާގެ ތަގްޤީގް މިހަރު ކުރިއަށްދާއިރު، މިއީ ބަޔަކު ދުރާލައި ރާވައިގެން ގަސްތުގައި ހިންގާފައިވާ ޖަރީމާއެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިއީ ރާއްޖޭގައި މީހުންމެރުން ޢާއްމުވެ ފުޅާވެފައިވާ މިންވަރު ހާމަވާކަމެކެވެ.

މި ބިރުވެރި އެހަމެ ނުރައްކާތެރި ވާހަކައިގެ އަޑު ކޮންމެ މަރަކާއެކު ގަދަވެގެންދެއެވެ. އަނެއް މަރާހަމަށް ދާއިރު ކުރީގެ މަރުގެވާހަކަ ދައްކާ އުޅޭނީ މަދުބައެކެވެ. ކޮންމެއަކަސް މިވާހަކަ ނުދެއްކުމަކީ ނުވަތަ ދައްކާ މިންވަރު މަދުވުމަކީ މިކަމުގެ ނުރައްކާތެރިކަން ކުޑަވުމެއް ނޫނެވެ.

ރައްޖޭގައި މިހާރު ޢާއްމުވެފައިވާ މީހުންމެރުމުގެ މައްސަލައަށް ޙައްލެއް ލިބޭނީ މީހުންމަރާމީހުންނަށް މަރުގ އަދަބު ދީގެންކަމުގައި ވަރަށްގިނަބަޔަކު ބުނެއެވެ. ސައްތައިން ސައްތަ އިސްލާމީ މިރާއްޖޭގައި މިމައްސަލައަށް ޙައްލުހޯދަން އިސްލާމީ ޝަރީޢާ ޤާއިމުކުރަންޖެހޭކަމަށް އަޑުއުފުލާމީހުންވެސް ވަރަށްގިނައެވެ. އެހެންނަމަވެސް ހަމައެކަނި އިސްލާމީ ޝަރީޢާގައި އޮންނަ އަދަބު މީހުންމަރާމީހުންނަށް ދޭށޭ ބުންޏަކަސް އެކަން ކުރެވޭކަމަކަށް ނުވެއެވެ. މިޒަމާނުގައި ކޮންމެކަމަކަށްވެސް ޤާނޫނު އޮންނަން ޖެހެއެވެ.

ރާއްޖޭގައި މިހާރުވެސް މަރުގެ ޙުކުމް ކުރެވެއެވެ. ފަހުގެ ތާރީޚުތަކުގައި މީހުން މަރާފައިވާ އެތައްބަޔަށް މަރުގެ ޙުކުމް އިއްވާފައި މިހަރުވެސް އެބަތިއްބެވެ. އެހެންނަމަވެސް މިކަމުގައި އުފެދިގެން އުޅޭ ސުވާލަކީ މަރުގެ އަދަބު ތަންފީޒްކުރާނީ ކިހިނެތް ކޮންބަޔަކުތޯއެވެ. މިސުވާލަށް އެކިމީހުން ދެނީ އެކިޖަވާބެވެ. އެއްބަޔަކު އަނެއްބަޔަކު ބޮލުގައި ޒިންމާ އަޅުވައެވެ.

އެހެންނަމަވެސް މިހާރު މިވަނީ މިކަމަށް ކޮންމެވެސް ވަރެއްގެ އަލިމަގެއް ފެނިފައެވެ. މަރަށް މަރުހިފުމާބެހޭ ބިލު ޑްރާފާޓްކޮށް ސަރުކާރުގެ ވެރިންގެ ފެންވަރުގައި ބިލަށް މަޝްވަރާކުރަން ފަށައިފި އެވެ.  ވެލާނާގޭ ޕްރެސް ރޫމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، އެ ބިލް ޑްރާފްޓް ކުރުމުގައި އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ގޮތްތަކާއި މަރަށް މަރުހިމުގެ ޙުކުމް ތަންފީޒްކުރަމުންދާ ދުނިޔޭގެ ބައެއް ޤައުމުތަކުން ގެންގުޅޭ އުސޫލުތަކާއި ޤާނޫނުތަކަށް ރިޢާޔަތް ކޮށްފައިވާނެ ކަމަށެވެ.
އެ ޤާނޫނުގައި ކަނޑައެޅިފައިވާނީ ހަމައެކަނި މަރުގެ ހުކުމް ތަންފީޒުކުރުމުގެ ވާހަ ކަނޫން ކަމަށާ، އެފަދަ މައްސަލަތަކުގެ ތަހުޤީގު ކުރިއަށްގެންދާނެ ގޮތާއި ދައު ވާކުރުމާބެހޭގޮތުން ވެސް ގޮތްތަކެއް ހިމަނާފައިވާނެކަމަށް އާޒިމާ ވިދާޅުވި އެވެ.

“އިސްލާމީ ޝަރީޢާގައި ގަތުލު ޢަމްދެއް ނުވަތަ ގަތުލް ޚަޠާއެއްގެ ކެޓަގަރީއަށް ބަލާފަ ގޮތެއް ނިންމާ ކަމަށް ވާނަމަ މިހާރު ދައުވާ ކުރެވޭ މިންގަނޑުތަކަށް ވުރެ ކަނޑައެޅޭ ވަކި އުސޫލުތަކެއް ހަމަޖެހެން އެބަ ޖެހޭ. އިސްލާމީ ޝަރީޢާގައި އޮތް މިންގަނޑަށް މީހެއްގެ މައްޗަށް ހުކުމެއް ސާބިތު ވާންވެއްޖެއްޔާ، އަދި ޚާއްސަކޮށް މަރަށްމަރު ނުވަތަ ގިސާސް ހިފުމުގެ ހުކުމް ކަނޑައަޅަން ޖެހޭކަމަށް ވަންޏާ މިހާރު އެ ހުކުމް ކުރެވޭ ގޮތަތަކަށް ބަދަލުތަކެއް އަންނަން އެބަޖެހޭ. އިސްލާމީ ޝަރީޢާއާ ބެހޭ ގޮތުން އަޅުގަނޑުމެން ހެދި ދިރާސާތަކުގައި ވެސް ވަނީ އެގޮތަށް،” ޢާޒިމާ ވިދާޅުވި އެވެ.
އާޒިމާގެ ވާހަތަކަކީ އުންމީދުން ފުރިގެންވާ ވާހަކަތަކެކެވެ. މި ޑްރާފްޓް ފައިނަލްކޮށް އަންނަ ހަފުތާގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހަށް ފޮނުވައި، އާއްމުކުރާ ނެކަމަށް ވެސް އޭނަވަނީ ވިދާޅުވެފައެވެ. މިއީ ހެޔޮފާލެކެވެ. ރައްޔިތުން އެތައްދުވަހެއް ވަންދެން އެދިއެދި ތިބިކަމެއްގެ ނަތީޖާއެވެ.

ތިމާގެ މައިންބަފައިންނާއި ދަރިން، ރައްޓެހިންނާއި ގާތްތިމާގެ މީހުން، މީހުން މަރާމީހުންގެ ޝިކާރައަކަށް ވި އެތައް ބައެއްގެ ދާއިމީ ދުޢާއެވެ. އެމީހުން ތިބީ ހަތިޔާތު ހިފައިގެން މަގުތަކަށްނުކުމެ ތިމާމެމްގެ ގާތްމީހުންގެ މަރުގެ ބަދަލު ހިފުމަށް ނުކުތުމުގެ މަގުމަތީގައެވެ. މުޅި މުޖުތަމަޢު ޖާހިލިއްޔަ ޒަމާނުގެ އުސޫލުތަކަށް ނުވެއްޓެނީސް މިފަދަ ޤާނޫނެއް ހަދައިގެންވެސް އިންސާފު ޤާއިމުކުރުމަށް މަގުފަހުކޮށް ދެއްވިކަމީ ޝުކުރު ހައްޤުކަމެކެވެ.

ދުނިޔޭގެ ފަންސާހަކަށް ގައުމުގައި މަރުގެ ހުކުމް ތަންފީޒު ކުރަމުންދާއިރު މަރުގެ ޙުކުމް ތަންފީޒްކުރަނީ ހަމައެކަނި މީހުންގެ މަރާމީހުންގެ މައްޗަށް ނޫނެވެ. މަރުގެ ޙުކުމް ތަންފީޒްކުރުމާބެހޭ އާ ބިލު ޑްރާފްޓް ކުރިއިރު ކުރި މިކަންކަމަށް ރިޢާޔަތް ކުރެއްވިކަމަށް ބަންޑާރަނާއިބުވަނީ ވިދާޅުވެފައެވެ.

މިޤާނޫނުގެ ހިޔަވެހިކަން ލިބުން ލަސްނުވުމަކީ އެންމެންގެ އާދޭހެވެ.

ފަހުގެ