ރާއްޖެއަށް ކުރާ ވިއްސާރާގައި ގެއްލުން ލިބި ފެން ބޮޑުވި ރަށްރަށަށް ނަޖިހުގެ އަސަރު ފޯރައި ނުރައްކާތެރި ބަލިމަޑު ކަމެއް ފެތުރިދާނެ ކަމުގެ އިންޒާރު ސެންޓާ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލް (ސީސީއެޗްޑީސީ) އިން ދީފި އެވެ.
އެ އިދާރާއިން ބުނެފައި ވަނީ ރަށްރަށުގައި ފެން ބޮޑުވެ ނަޖިސްތައް ބޭރުވުމުން ބޭރަށް ހިންގުމާއި ހޮޑުލުން ފަދަ ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.
ބައެއް ރަށްރަށުގައި ފެންބޮޑުވެފައިވާތީ އެ ރަށްތައް ކްލޮރިންކުރުމަށް ގިނަ އަދަދަކަށް ކްލޮރިން ބޭނުންވާ ކަމަށް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުންވެސް ވަނީ ބުނެފަ އެވެ. އެސެންޓަރުން ބުނެފައިވަނީ ނުވަ ރަށެއް ކްލޮރިންކުރަން ޖެހިފައިވާ އިރު، ގިނަ އަދަދަކަށް އިތުރަށް ކްލޮރިން ބޭނުންވާކަމަށެވެ.
ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި ރަށްރަށަށް ލިބުނު ގެއްލުންތައް ބެލުމަށް ޓާސްކް ފޯހެއްވެސް ވަނީ އެކުލަވާލާފަ އެވެ. ރައްޖެއާއި އަލިފްދާލުގެ ކަމާބެހޭ މުއައްސަސާތަކުގެ 15 ފަންނީ މީހުން ހިމެނޭ އެ ޓާސްކް ފޯސް ހިންގަމުން ދަނީ ސްޓެލްކޯގަ އެވެ.