ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކޯސްޓުގާޑުން އިލްތިމާސްކޮށްފި

ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކޯސްޓުގާޑުން މިއަދު  އިލްތިމާސްކޮށްފި އެވެ.

މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސްވެ، ވިއްސާރަ ދުވަސްވަރަކަށްވެފައި ކުރިއަށްއޮތް 48 ގަޑިއިރު ތެރޭގައިވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި މޫސުމާއިބެހޭ އެންމެފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުތައް ރޭއްވެވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކޮށްފައިވެ އެވެ. އަދި ކޮންމެހެން ކުރައްވަންޖެހޭ ދަތުރެއް ފިޔަވައި އެހެން ދަތުރުތައް ނުކުރެއްވުމަށްވެސް ކޯސްޓްގާޑުން އިލްތިމާސް ކުރެ އެވެ.

މީގެ އިތުރުން ރޭގަނޑު ދަތުރުކުރާނަމަ މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރުނުކުރުމަށާއި، ދަތުރުކުރާ ޕަސިންޖަރުންނަށް، ހަމައަށް ލައިފްޖެކެޓް އަތުޖެހޭނެހެން ބެހެއްޓުމަށާއި ތެލާއި ފެން އަދި ކާބޯތަކެތީގެ އިތުރުން ހުރިހާ އުޅަނދެއްގައިވެސް ދިޔަ ހިއްކާނެ ޕަންޕުފަދަ ނިޒާމެއް ބެހެއްޓުމަށްވެސް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކޯސްޓްގާޑުން އިލްތިމާސްކުރެ އެވެ. އަދި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުންވެސް މޫސުމުގެ ސަބަބުން ދިމާވެދާނެ ހާދިސާތަކަށް ސަމާލުކަންދިނުމަށާއި ކޮމިއުނިކޭޝަން ސެޓްތައް ރަނގަޅުތޯ ޗެކް ކުރުމާއި އަދި މިނޫނަސް ކަނޑުދަތުރު ކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިއްތެވުމާއެކު ދަތުރުތައް ރޭއްވެވުމަށްވެސް ކޯސްޓްގާޑުން އިލްތިމާސްކުރެ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ކުރިއަށްއޮތް 48 ގަޑިއިރުތެރޭގައި، މެދުރާއްޖެތެރެއާއި އުތުރުގެ ސަރަޙައްދަށް ގަދަވަޔާއިއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ބުނެ އެވެ.

 

ފަހުގެ