ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ސަރޖަރީއެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ އެ ހޮސްޕިޓަލަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އާންމު އަދި ލެޕްރޮސްކޯޕިކް ސަރޖަރީގެ ހާއްސަ ޑޮކްޓަރ، ޑރ. އަބްދުﷲ އުބައިދު ވިދާޅުވިއެވެ. މި ސަރޖަރީ ހެދިފައިވަނީ މިހާރު އެ ހޮސްޕިޓަލުގައި ކުރިއަށްދާ ހާއްސަ އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕެއްގެ ތެރެއިންނެވެ.
މި ކޭމްޕަކީ ރައްޔިތުންނާ ގާތުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ހިންގާ އައުޓްރީޗް ޕްރޮގްރާމްގެ ދަށުން ބޭއްވޭ ކޭމްޕެކެވެ. މި ކޭމްޕް ކުރިއަށްދަނީ މި މަހުގެ 24 އިން 26 އަށެވެ. މި ކޭމްޕްގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އެކި ދާއިރާތަކުގެ ހާއްސަ އޮޕަރޭޝަން ޑޮކްޓަރުންގެ ޓީމެއް ބައިވެރިވެއެވެ. ލެޕްރޮސްކޯޕިކް ސަރޖަރީއަކީ އޮޕަރޭޝަން ކުރަންޖެހޭ ހާލަތުގައި އެންމެ ކުޑަކޮށް ކަފައިގެން ކެމެރާ ހަރުކޮށްގެން ބަލައިގެން ކުރާ ސަރޖަރީއެކެވެ. މި ބާވަތުގެ ސަރޖަރީތަކުން ބަލިމީހާއަށް ލިބޭ ގެއްލުން ކުޑަވެ، އަވަހަށް ރަނގަޅުވުމަށް މަގުފަހިވެއެވެ.
ކޭމްޕްގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ތެރޭގައި ގޮހޮރުގެ އަދި ބެރިއަޓްރިކް ސާރޖަރީގެ ހާއްސަ ޑޮކްޓަރ އާއިޝަތު އަޒުނާ، ޕްލާސްޓިކް އަދި ރިކޮންސްޓްރަކްޝަން އަދި އެޑްވާންސް ވޫންޑް ކެއަރ ގެ ހާއްސަ ޑޮކްޓަރ މުހައްމަދު ވަހީދު، ކެންސަރުގެ އޮޕަރޭޝަންތަކަށް ހާއްސަ ޑޮކްޓަރ މުހައްމަދު ޝިފާން އަދި ސިކުނޑިއާއި ނާރުގެ އޮޕަރޭޝަންތަކުގެ ހާއްސަ ޑޮކްޓަރުންވެސް ހިމެނެއެވެ. މި ކޭމްޕަކީ ރީޖަނަލް ހޮސްޕިޓަލްތަކުގެ ހިދުމަތް ފުޅާކޮށް، ރަށްރަށުގެ ރައްޔިތުންނަށް ފަސޭހައިން ސިއްހީ ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއްކަމަށް ހެލްތް މިނިސްޓްރީން ބުނީއެވެ.