ފުލުހުން މިވަރަށް ދޮގުހަދާ ފޮރުވަން މި އުޅެނީ ކޮންކަމަކާ?

Muza


މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހ. ފެންޓެނޯއީގޭގެ ޓެރަސް މަތިން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހަބަރަކީ މިއަހަރު ތެރޭގައި މާލޭގައި ހިނގައިދިޔަ ހާދިސާ ތަކުގެ ތެރެއިން މިވަގުތު އެންމެ ހޫނު ހަބަރެވެ.
މި ހާދިސާ ހިނގީ އެއްވެސް މީހެއްގެ އަދި ކެމެރާއެއްގެ ކުރިމަތީގައި ނޫން ކަމުން ދިވެހިންގެ ހިތްތަކުގައި އުފެދުނު ހުރިހާ ސުވާލަކަށް ޖަވާބު ދޭން ތިބީ ދިވެހި ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމަށް މާތް ރަސްކަލާންގެ ގަނދީ ހުވާކޮށްގެން ތިބި ދިވެހި ފުލުހުންނެވެ.


ދޮގުގެ މައްޗަށް ދޮގު / މަގުސަދަކީ ވިކްޓިމް ކުށްވެރިކުރުން


މި ހާދިސާ ހިނގިތާ މިއަދަށް އެއް ހަފްތާ ވީއެވެ. ވީއިރު ދިވެހި ފުލުހުން ދީފައިވާ ހުރިހާ މައުލޫމާތެއް ކަހަލަ ގޮތަކަށް ވެގެން ދިޔައީ ބުހުތާން ދޮގަށެވެ. ހާދިސާ ހިނގައިދިޔަގޮތް ބުނެ ދިނުމަށް ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ޔުމްނު ވެއްޓުނު ހ. ފެންޓެނޯއީގެ އާއި އެހާދިސާއާއި އެއްވެސް ގުޅުމެއް ނެތްކަމަށް ބުނެ ދޮގު މައްޗަށް ފުލުހުން ދޮގު ހެދީ ބަޔަކު މިހާދިސާގެ ކަންތައްތައް ހޯދާ ބަލާފާނެ ކަމަށް ބަލައިގެނެއް ނޫނެވެ. މީގެ ކުރިންވެސް އެކި ހާދިސާތަކުގައި ފުލުހުން ބުނާ ބަހަކީ ފަހު ބަހަށް ވެފައި ވުމުންކަމަށްވެސް ވެދާނެއެވެ.


މިހާދިސާ އާއި ގުޅިގެން ފުލުހުން ފުރަތަމަ ބޭއްވި “ސިއްރު” ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ މަގުސަދަކަށްވީ މި ހާދިސާގައި އަނިޔާވި ޔުމްނު ކުށްވެރިކޮށް ބޭޒާރު ކުރުމެވެ. އެގޮތުން ފެންޓެނޯއީގޭގެ ސީސީޓީވީ ފޫޓޭޖް ދެއްކި އިރު ޔުމްނުގެ ވަނަވަރު އާންމު ކުރިއެވެ. ޔުމްނު އަކީ މަސްތުވާތަކެތި ބޭނުންކޮށްގެން ހޭ ބުއްދި ފިލާގޮސްގެން ފެންޓެނޯއީގޭގެ 9 ވަނަ ފަންގިފިލާގައި ހުރި ފެންލައިޓަކުން ވެއްޓުނު މީހެއްކަމަށް ސިފަކޮށް މުޅި ހާދިސާ އޮޅުވާލަން ފުލުހުން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ސަބަބަކީ އެރޭގެ ފެށުމަކީ ދައުލަތުގެ މިނިސްޓަރެއްގެ ގޭގައި ކަން ފުލުހުންނަށް އިނގެއެވެ. އަދި އެކަމުގައި ދައުލަތުގެ ނުފޫޒުގަދަ ވެރިންގެ ދަރިންތައް ހިމެނޭތީއެވެ.


ނުފޫޒުގަދަ ކުށްވެރިންގެ ހިމާޔަތުގައި ފުލުހުން


ބާރާއި ނުފޫޒުގެ ކުރިމަތީގައި އިންސާފު ހޯދުމަކީ އުނދަގޫ ކަމެކެވެ. ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ ނުފޫޒުން ޔުމްނުއަށް ލިބުނު އަނިޔާގެ ބޮޑެތި ހެކިތަކެއް ވަނީ ނައްތާލާފައެވެ. އެ މަނިކުފާނު ދިރިއުޅުއްވާ މއ. މާންދޫގޭދެކުނުގެގައި ހިނގައިދިޔަ އެއްވެސް ކަމެއްގެ ހަޤީޤަތް ދެން ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ހެކިތައް ނައްތާލުމަށް ފުލުހުންގެ ދީލަތި އެހީތެރިކަމުގައި ހަފްތާއެއްހާ ދުވަސް ހޭދަވެއްޖެއެވެ.


މީކީ އަލަށް މިގައުމުގައި ވެގެން އުޅޭ ކަމެއް ނޫނެވެ. ނަން މަޝްހޫރު ގޭންގެއް ނުވަތަ ނުފޫޒުގަދަ ސިޔާސީ މީހަކާ ގުޅުމެއް އޮތް ކަމެއްނަމަ ފުލުހުން އަމަލުކުރާ “ކޯޑް” އަކީ ވީހާވެސް ބޮޑަށް މައްސަލަ ދިގު ދެންމުމެވެ. އެއީ ޓެސްޓުތައް ހެދުމާއި ސާމްޕަލްތައް ނެގުން ވީހާވެސް ބޮޑަށް ލަސްކުރުމަށެވެ. ގިނަ ކުށްވެރިން މިނިވަން ވަނީވެސް ފުލުހުންގެ “ފަރުވާ ކުޑަ” ވުމުގެ ސަބަބުންނެވެ.


ރައީސްގެ ވާހަކަފުޅު އިންސާފާ ދެކޮޅަށް


ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން ފުލުހުން އެތައް ދޮގުތަކެއް ހަދާ، މައްސަލަ އޮއްބާލަން މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާއި ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދިވެހި ފުލުހުން ދޮގު ހަދާނެ ކަމަށް އެމަނިކުފާނު ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މި ހާދިސާގައި ފުލުހުން ދޮގު ހަދާކަމަށް ބުނަނީ އެކި ކަހަލަ ފިތުނަ އުފައްދަން ކަމަށާއި، އެފަދަ ވާހަކަ ދައްކާ މީހުން އުޅެނީ ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލަންކަމަށް އެމަނިކުފާނު ސިފަކުރެއްވުމީ ހައިރާން ވާންޖެހޭ ކަމެކެވެ. ފުލުހުންގެ އިދާރާއިން އެފަދަ ބޮޑެތި ދޮގުތައް ހަދާ މައްސަލަތުގެ ހެކި ނައްތާލަން ކުރާ މަސައްކަތް ހުއްޓުވުމުގެ ބަދަލުގައި އެ އިދާރާއަށް ތައުރީފު ކުރުމުން އަދުގެ ހާލަތު ވަރަށް ސާފެވެ.
މި ރާއްޖޭގައި އިންސާފަކީ ހަމައެކަނި ނުފޫޒު ގަދަ މުއްސަނދި މީހުންގެ އެއްޗެކެވެ.

ފަހުގެ