މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ ތ. އަތޮޅުގައި ދަތުރުކުރަމުން ދަނިކޮށް “ހޮޅުދޫ ބޯޓު”ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލިފައިވާ އަލީ މުޝްފިގު ޝަރީފުގެ މަރު ސާބިތުކުރުމުގެ މަސައްކަތް ލ. މާވަށު މެޖިސްޓްރޭޓް ކޯޓުން ފަށައިފިއެވެ. މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ރޭ ބޭއްވުމަށްފަހު، މިއަދުވެސް އިތުރު އަޑުއެހުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
މާވަށު މެޖިސްޓްރޭޓް ކޯޓުން ބުނީ މިއަދު ބާއްވާ އަޑުއެހުމުގައި މޯލްޑިވްސް ޕޮލިސް ސާވިސަސްއާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އާ ސުވާލުކުރަންހުރި ކަންކަމާ ގުޅިގެން ސުވާލުކުރާނެ ކަމަށެވެ. އަދި މުޝްފިގުގެ މަރު ސާބިތުކުރުމަށް ބޭނުންވާ އިތުރު ހެކިބަސް ވެސް ހޯދަންޖެހޭ ކަމަށް ކޯޓުން ބުންޏެވެ. ނަމަވެސް މި މައްސަލަ ކޯޓު މަރުހަލާގައި ދިގުލައިގެން ނުދާނެ ކަމަށް ކޯޓުން ބުނެފައިވެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ ގެއްލިފައިވާ މީހެއްގެ މައްޗަށް ކަށުނަމާދު ކުރެވޭނީ، އެ މީހަކު ގެއްލިފައިވާކަމަށް ޝަރީއަތުން ކަނޑައެޅުމުން ކަމަށެވެ. މިދިޔަ ހުކުރު ދުވަހު މުޝްފިގުގެ ކަށުނަމާދު ކުރަން ނިންމާފައިވީ ނަމަވެސް، ޝަރުއީ ހަމަތަކުގެ މަތިން ކޯޓުން މަރު ސާބިތުކުރުމަށްފަހު ކަށުނަމާދުގެ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ. އެމްއެންޑީއެފުން ބުނީ ކަށުނަމާދު ކުރިނަމަވެސް މުޝްފިގު ހޯދުމުގެ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.